ރާއްޖެ ކުޅިވަރު

އައްމަޑޭ: އުންމީދީ މުސްތަގްބަލެއް އޮތް ރާޅާއެޅުންތެރިއެއް

އަހުމަދު އަގީލް (އައްމަޑޭ) ސާފިން އަށް ލޯބި ޖެހުނީ ވަރަށް ކުޑައިރު އެވެ. އާދައިގެ ގޮތަކަށް ރާޅާއަޅަން ފެށި އައްމަޑޭ އަކީ މިހާރު ރާއްޖޭގެ ރޭންކިންގައި ދެވަނަ ރަޅާއެޅުންތެރިޔާ އެވެ. ރާޅާޢެޅުމުގައި ރަނގަޅު މުސްތަގްބަލެއް އޮތް ހުނަރުވެރިއެެކެވެ.

އައްމަޑޭ އެންމެ ފުރަތަމަ ރާޅާއެޅުމުގެ މުބާރާތެއްގައި ވާދަކުރީ އުމުރުން 12 އަހަރުގަ އެވެ. އެ މުބާރާތުން ވަނައެއް ނުލިބުނު ނަމަވެސް، އެއީ އޭނާގެ ކެރިއަރު ބައްޓަންކުރުމުގައި މުހިންމު މުބާރާތެކެވެ.

"ތެދަށް ބުނަންޏާ އެ މުބާރާތުގެ ކުރިން ރާޅާއެޅުމަކީ ސީރިއަސްކޮށް ވިސްނާކަމެއް ނޫން. އެކަމަކު އެ މުބާރާތަށް ފަހު އަހަރެން ބޭނުންވި އިތުރު މުބާރާތްތަކުގައި ވެސް ވާދަކުރަން. އެ މުބާރާތަށް ފަހު ވަަރަށް ބޮޑު ކޮންފިޑެންސްއެއް ލިބުނު. މި ކަމުގައި ކުރިއަށް ދެވިދާނެކަން އިހުސާސްކުރެވުނު،" އައްމަޑޭ ބުންޏެވެ.

އެ މުބާރާތަށް ފަހު ރާއްޖޭގެ މަޝްހޫރު ރާޅާއެޅުންނަށް އައްމަޑޭގެ ފެންވަރު އެނގުނެވެ. އަދި އޭނާ އަށް އެހެން ރާޅާއެޅުންތެރިންގެ  އެހީތެރިކަން ލިބުނެވެ. ހާއްސަކޮށް އިސްމާއިލް މިގުލާލް (ކުޑަ އިއްސޭގެ) ފަރާތުން ލިބުނު އެހީތެރިކަން އައްމަޑޭ ފާހަގަކުރެ އެވެ.

"އިއްސޭ ވަރަށް އެހީވި. ކަންތައްތައް ކިޔައިދީ، ސާފްބޯޑު ފޮނުވާ ހަދާނެ،" އައްމަޑޭ ބުންޏެވެ.

ބައިނަލްއަގުވާމީ މުބާރާތެއްގައި އައްމަޑޭ އެންމެ ފުރަތަމަ ވާދަކުރަނީ 2009 ވަނަ އަހަރެވެ. ލަންކާގައި އެ އަހަރު އޮތް މުބާރާތެއްގައި ވާދަކުރުމަކީ އައްމަޑޭ އަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އޭގެ ފަހުން 2011 ވަނަ އަހަރު އޮތް ގައުމީ ރާޅާއެޅުމުގެ މުބާރާތުގައި އައްމަޑޭ ވަނީ ހަތަރު ވަނަ ހޯދައިފަ އެވެ. އަދި 2013 ވަނަ އަހަރު އޮތް ފޯ ސީޒަންސް މުބާރާތުގެ ދެވަނަ ހޯދި އެވެ.

އައްމަޑޭގެ ކެރިއަރުގައި މިހާތަނަށް އެންމެ ކާމިޔާބު އަހަރަކީ 2013 ވަނަ އަހަރެވެ. އެ އަހަރު އޮތް ރެޑްބުލް ލޯކަލް ހީރޯ ޓުއާ މުބާރާތް ކާމިޔާބުކޮށް، އައްމަޑޭ ވަނީ އޭނާގެ ހުނަރުތައް ސާބިތުކޮށްދީފަ އެވެ.

ރެޑްބުލް މުބާރާތް ކާމިޔާބުކުރިތާ މާ ގިނަ ދުވަހެއް ނުވެ، އައްމަޑޭ އަށް ވަނީ ރެޑްބުލް އެތުލީޓަކަށްވުމުގެ ފުރުސަތު ދީފަ އެވެ. އައްމަޑޭ އަކީ މި ފުރުސަތު ލިބުނު ފުރަތަމަ ދިވެހި އެތުލެޓީވެ.

"ރެޑްބުލް މުބާރާތް ކާމިޔާބުކުރެވުމުން ވަރަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދިޔަ،" އައްމަޑޭ ބުންޏެވެ. "ރެޑްބުލް އެތުލެޓީކަށްވުމުގެ ފުރުސަތު ވެސް ލިބުނީ މި މުބާރާތުގެ ސަބަބުން. ރެޑްބުލް އެތުލީޓަކަށްވުމުގެ ކުރިން ވެސް ރެޑްބުލްގެ އެހީތެރިކަން ލިބޭ. އެތުލެޓީކަށް ވުމަކީ ރާއްޖޭގެ ކުޅިވަރަށް ލިބުނު ރީތިނަމެއް."

އައްމަޑޭ ބުނީ ރަށުގައި ދިރިއުޅުމާއި، ކިޓް ހަމަނުވުމަކީ މިހާރު ވެސް އޭނާ އަށް ދިމާވެފައިވާ ދަތިތައް ކަމަށެވެ. އަދި ކުރިއެކޭ އެއްގޮތަށް މިހާރު ވެސް ޓްރެއިނިންތައް ކުރިއަށް ގެންދަނީ އަމިއްލަ އަށް ކަމަށެވެ.  

"އަހަރެންގެ ހުވަފެނަކީ ރާއްޖޭގެ އެއްވަނަ ރާޅާއެޅުންތެރިޔާ އަށްވުން. މިހާރު ވެސް ގަދަ އަޅައި މަސައްކަތްކުރަން އެކަން ހާސިލްކުރުމަށް. އެކަމަކު އެއީ ފަސޭހަކަމަކަށް ނުވާނެ. ރާއްޖޭގައި އެބަތިބި ވަރަށް މޮޅެތި ރާޅާއެޅުންތެރިން. ވަރަށް މަސައްކަތްކޮށްގެން އެކަން ހާސިލްވާނީ،" އައްމަޑޭ ބުންޏެވެ.