ހަބަރު

ބިޔަ މަޝްރޫއުތައް ހަވާލު ކުރަންވާނީ ބީލަމުގެ އުސޫލުން: އޭސީސީ

ސަރުކާރުން ކަނޑައަޅާ ބިޔަ މަޝްރޫއު ތަކާއި، ބޭރު ގައުމެއްގެ އެހީގައި ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތައް ހަވާލުކުރާނެ ފަރާތްތައް ކަނޑައަޅަންޖެހޭނީ ބީލަމަށް ހުޅުވާލައިގެން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އެ ކޮމިޝަނުން މިހެން ބުނެފައިވަނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެނެސްފައިވާ 11 ވަނަ އިސްލާހާ ގުޅިގެން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.15 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ އަކުރު (ނ) އާއި (ރ) ގައި، ދައުލަތުން ހިންގާ މަޝްރޫއުތައް ހިންގާނެ ފަރާތްތައް ކަނޑައެޅުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލު އޭސީސީއިން ދިރާސާކޮށް އެ އިސްލާހާ ގުޅިގެން އޭސީސީގެ ހުރި ކަންބޮޑުވުންތައް ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށްފަހު އެވެ.

އޭސީސީން ބުނާ ގޮތުގައި މާލިއްޔަތުގެ ގަވާއިދަށް ގެނެސްފައިވާ 11 ވަނަ އިސްލާހަކީ، ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތައް އާންމުކޮށް ބީލަމަށް ހުޅުވާލުމަކާ ނުލައި ކުރިއަށް ގެންދިއުމަށް މަގުފަހިވާގޮތަށް މާލިއްޔަތު ގަވާއިދަށް ގެނެސްފައިވާ އިސްލާހެކެވެ. ދައުލަތުގެ މަސައްކަތްތައް ހަވާލުކުރުމުގައި ދެފުށްފެންނަ އަދި ހާމަކަން ބޮޑު ގޮތެއްގައި އެކަންކަން ކުރިއަށް ގެންދިއުމަށް، އެ އިސްލާހަށް ގެންނަން ފެންނަ ބަދަލުތަކާއި އެ އިސްލާހު އޮތްގޮތުން ދިމާވެދާނެކަމަށް ފާހަގަކުރެވޭ މައްސަލަތައް މި ދިރާސާއާ ގުޅިގެން ތައްޔާރުކޮށްފައިވާ ކަރުދާހުގައި އޭސީސީއިން ވަނީ ފާހަގަކޮށްފަ އެވެ.

ފުރަތަމަ ކަމަކަށް އޭސީސީއިން ފާހަގަކޮށްފައިވަނީ، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ އިގްތިސާދީ ކަންކަމާބެހޭ ކޮމިޓީ ނުވަތަ ކައުންސިލުން ކަނޑައަޅާ ވަކި ހާއްސަ މަޝްރޫއުތަކާއި، ސަރުކާރުން ކަނޑައަޅާ ބިޔަ މަޝްރޫއުތަކާއި، ބޭރު ގައުމެއްގެ އެހީގައި ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދާއިރު ޓެންޑާ އިވެލުއޭޝަން ބޯޑަށް ހުށަހެޅުމަކާ ނުލައި ކުރިއަށް ގެންދިޔަ ނަމަވެސް، އެފަދަ މަޝްރޫއުތައް ހަވާލުކުރާނެ ފަރާތްތައް ކަނޑައެޅުމުގައި އާންމުކޮށް ބީލަމަށް ހުޅުވާލައިގެން ބީލަމުގައި ބައިވެރިވުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ މެދުގައި ހަމަހަމަ ފުރުސަތު ހުޅުވިގެންދާ ގޮތަށް ގަވާއިދު ބަދަލުކުރުމަށެވެ.

ހޯދަން ބޭނުންވާ ހިދުމަތުގެ ނުވަތަ ކުރުވަން ބޭނުންވާ މަސައްކަތުގެ ފުރިހަމަ ތަފްސީލް ރަނގަޅަށް ތައްޔާރުކުރަން ލާޒިމްވާނެ ގޮތަށް ގަވާއިދު ބަދަލުކުރުމަށް ވެސް އޭސީސީއިން ވަނީ ލަފާދީފަ އެވެ.

މީގެ އިތުރަށް ބީލަމަށް ހުޅުވާލާއިރު ޕްރޮކިއުމަންޓްގެ ބާވަތާއި، ޕްރޮކިއުމަންޓްގެ ޝަރުތުތަކާއި، ފަންނީ މިންގަނޑުތަކާއި، ކޮލިފައިވާނެ ޝަރުތުތަކާއި، އެންމެ ރަނގަޅު ޓެންޑާއެއް ހޮވަންވާނީ ކުރިން އާންމު ކުރެވިފައިވާ މިންގަނޑަކުން ވަޒަންކޮށް އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަށްކަމާއި، އެކަން ބިޑް ޑޮކިއުމަންޓްގައި ހިމެނުން ލާޒިމްކުރުމަށް ވެސް އޭސީސީއިން ލަފާދެ އެވެ.

އޭސީސީއިން މިގޮތަށް ސަރުކާރުގެ މުއައްސަސާތަކަށް ލަފާދީފައިވާއިރު ސަރުކާރުގެ ބިޔަ މަޝްރޫއުތަކެއް މިފަހުން ބިޑަކާ ނުލާ ވަނީ ހަވާލުކޮށްފަ އެވެ.

މަޝްރޫއުތައް ބިޑަކާނުލާ ހަވާލުކުރަމުންދާއިރު މި ހަފުތާ ތެރޭގައި ސަރުކާރުން ވަނީ ފަތުރުވެރިކަމަށް ރަށްތަކާއި ފަޅުތައް އިއުލާންކުރުމަކާ ނުލާ ދޫކުރެވޭނެ އިސްލާހެއް ހުށަހަޅާފަ އެވެ. އިދިކޮޅު ފަރާތްތަކުން ދަނީ މިއީ ކޮރަޕްޝަނަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ ކަންތައްތަކެއް ކަމަށް ބުނަމުންނެވެ.