އީޔޫ

އީޔޫގެ މެންބަރުކަން ހޯދަން ފެނޭތޯ ތުރުކީ ވެސް ރެފަރެންޑަމަކަށް؟

Jun 23, 2016

ޔޫރަޕްގެ އިއްތިހާދުގެ ވަކިވާނީތޯ ނުވަތަ ތިބޭނީތޯ ބަލަން އިނގިރޭސި ވިލާތުގައި ވޯޓް ނަގަމުންދާއިރު ޔޫރަޕްގެ އިއްތިހާދުގެ މެންބަރުކަން ހޯދަން ތުރުކީއިން ކުރާ މަސައްކަތް ކުރިއަށްގެންދަން ފެނޭތޯ އިނގިރޭސި ވިލާތުން ކުރިޔަށް ގެންދާ ސްޓައިލްގެ ފެންނަ ނުފެންނަ ވޯޓަކަށް ތުރުކީއަށްވެސް ދެވިދާނެ ކަމަށް އެ ގައުމުގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުގާން ވިދާޅުވެއްޖެ އެވެ.

ތުރުކީ އިން ދަނީ 1963 ވަނަ އަހަރުން ފެށިގެން ވިލާތުގެ އިއްތިހާދުގެ މެންބަރުކަން ހޯދަން މަސައްކަތް ކުރަމުންނެވެ. ޔޫރަޕްގެ އިއްތިހާދުގެ މެންބަރުކަމުން ވަކިވާން އިނގިރޭސި ވިލާތުގައި ދަނީ މިއަދު ފެންނަ ނުފެންނަ ވޯޓެއް ލަމުންނެވެ.

"އަހަރެމެން (ތުރުކީ) އަށް ވެސް އިނގިރޭސި ވިލާތުގައި ވޯޓަށް ހުޅުވާލި ގޮތަށް ފެންނަ ނުފެންނަ ވޯޓަކަށް ހުޅުވާލެވިދާނެ އީޔޫގެ މެންބަރުކަން ހޯދަން އަހަރެމެން އީޔޫއާއެކު ކުރަމުން ގެންދާ މަސައްކަތް ކުރިއަށް ގެންދާނީތޯ ނުވަތަ އެމަސައްކަތް ހުއްޓާލާނީތޯ،" އުރުދުގާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފެންނަ ނުފެންނަ ވޯޓްގައި ކުރިއަށް ގެންދިއުމަށް ތާއީދު ކުރާނަމަ އީޔޫއާއެކު މަޝްވަރާތައް މިހާރުވެސް ކުރިއަށް ގެންދާ ގޮތަށް ގެންދާނީ ކަމަށެވެ.

އީޔޫގެ މެންބަރުކަން ހޯދަން އީޔޫގެ ދޮރާށި ކުރިމަތީގައި ގިނަ އަހަރުތަކެއް ވަންދެން ތުރުކީއިން މަޑުކޮށްފި ކަމަށާއި ނަމަވެސް ތުރުކީއަކީ މުސްލިމުންގެ އަގުލަބިއްޔަތު ގައުމަކަށް ވުމުން އީޔޫއިން ތުރުކީއަށް މެންބަރުކަން ދޭން ބޭނުން ނުވާކަމަށް ވެސް އުރުދުގާން ވިދާޅުވިއެވެ.

އުރުދުގާން ތުރުކީގެ ބޮޑު ވަޒީރު ކަމުގައި ހުންނެވިއިރު އޭނާ ވަނީ އީޔޫއާ ގާތް ގުޅުމެއް ބާއްވާފައެވެ. އެގޮތުން 2005 ވަނަ އަހަރު އީޔޫގެ މެންބަރުކަން ތުރުކީއަށް ލިބުމާ ވަރަށް ގާތަށް ދިޔައެއެވެ.

އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރަން އޭނާގެ ކެމްޕޭންގައި ވިދާޅުވެފައިވަނީ ތުރުކީއަށް އީޔޫގެ މެންބަރުކަން ދިނުމަކީ "ރިމޯޓް ކޮންޓްރޯލަކުން ވާކަމެއް ނޫން" ކަމަށާއި 3000 ވަނަ އަހަރު އަޔަސް ތުރުކީއަށް އީޔޫގެ މެންބަރުކަން "ނުލިބޭނެ" ކަމަށެވެ.