ހާއްސަ ރިޕޯޓް

ރަވީގެ ލޯބީގެ ވައްބުރާއި ރިޝްމީގެ ވާހަކަ!

  • އާޓިސްޓިކް ފިލްމް ހަދަން އިސްކަން ދޭންޖެހޭ
  • ފިލްމް އިންޑަސްޓްރީ ވަނީ ލާރިޔާ ހެދި ހަލާކުވެފައި
  • އޭނާގެ އާ ފިލްމް ވިޝްކާ ތަފާތުވާނެ ކަމުގެ ޔަގީންކަންދޭ

ރަވީ ފާރޫގޭ ބުނެފި ނަމަ، އެންމެ ފުރަތަމަ ވެސް ހަނދާނަށް އަންނަނީ ހައިރާންކޮށްލާނެ މާ މޮޅު ޑާންސް ސްޓެޕްތަކެކެވެ. އޭނާ ފިލްމީ ދާއިރާއަށް ތައާރަފްވެ، އާންމުންގެ މެދުގައި ނުހަނު މަގުބޫލްކަން ހޯދީ ވެސް އިންޑަސްޓްރީގެ އެންމެ މޮޅު ޑާންސާގެ ގޮތުގަ އެވެ. މިހާރު އޭނާ އަކީ އެ އިންޑަސްޓްރީގެ އެކްޓަރެއްގެ އިތުރުން ކާމިޔާބު ފިލްމްތަކެއްގެ ޑައިރެކްޓަރެކެވެ. އެ ހުރިހާ ކަމަކާ އެކު، ހަމަ ޔަގީނުން ވެސް އޭނާ އަކީ އިންޑަސްޓްރީގައި ހުރި އެންމެ "ކޮންޓްރަވާޝަލް" މީހާއަށް މި ވަނީ ބަދަލުވެފަ އެވެ.

ދާއިރާގެ އެކި ތަރިންނާ އެކު އޭނާ ކުރިއަށް ގެންދިޔަ ލޯބީގެ ގުޅުންތަކުން ފެށިގެން ގޮސް، އިންޑަސްޓްރީގެ ބޮޑެތި ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އަދި އެހެން ވެސް ފަންނީ މީހުންނާ އޭނާއާ ދެމެދު މި އޮތް ގުޅުންތައް ވެސް ވެއްޓި، ތާށިވެފައި ވަނީ، ހޫނު ސުވާލުތަކެއްގެ ތެރޭގަ އެވެ. އިންޑަސްޓްރީގެ އެއް ބަޔަކު އޭނާއަށް އިންތިހާއަށް ނަފްރަތު ކުރި ނަމަވެސް، ބައެއް ބަތަލާއިންގެ ލޯބި ހޯދަން ރަވީއަށް އެއީ އެއްވެސް ކަމެއް ނޫނެވެ. މިއީ މި ކުޅަދާނަ ފަންނާނުގެ ހަޔާތުގެ ދަތުރުގެ މި ވާހަކަތައް ކިތަންމެހާ ވެސް ޝައުގުވެރި އެވެ.

"ޔާރާ" އާއިލާގެ ކުޅަދާނަ ބަތަލާ، ރިޝްމީއާ އެކު ރަވީ، ފެށި ލޯބި، ބަދަލުވެފައި މި ވަނީ ހަގީގީ ފިލްމަކަށެވެ. މި ދެ ޖޯޑް އެކީގައި ލީޑްރޯލަކުން ފެންނަ ފިލްމް، "ވިޝްކާ" އަކީ މި ދެ ތަރީންގެ ލޯބީގެ ހަދިޔާއެއް ހެއްޔެވެ؟ މިކަހަލަ އެތައް ޝައުގުވެރި، ވާހަކަތަކެއް އަވަސް ވީކެންޑް އިންޓަވިއުގެ ތެރެއިން އާންމުންނަށް މިފަހަރު ދޫކޮށްލާ ފަންނާނަކީ ރަވީ އެވެ. މި އިންޓަވިއުގައި އޭނާ ނުދައްކާ ވާހަކަ އެއް ނެތެވެ. އެނގެން ބޭނުންވެފައި އޮތް ޝައުގުވެރި އެތައް ވާހަކަތަކަކާ އެކު އޭނާގެ ހޫނު ބަހުގެ ހަމަލާތަކެއް ރައްދުވާ ބަޔަކު ވެސް އެބަ ތިއްބެވެ. ތިރީގައި މި އޮތީ ރަވީގެ އެ ޝައުގުވެރި، އަދި މިހާތަނަށް އޭނާ ނުދައްކާ ހުރި ކިތަންމެ ވާހަކައެކެވެ.

އެންމެ ފުރަތަމަ އަހަރެމެންނަށް ރަވީ އެނގުނީ ޑާންސްކުރާ ޒުވާނެއްގެ ގޮތުގައި. އޭގެ ފަހުން މިހާރު ވަރަށް ގިނަ އަހަރުވެއްޖެ. ރަވީގެ ކެރިއަރު ވެސް ވަރަށް ބޮޑަށް ބަދަލުވެއްޖެ. ފަންނާނެއްގެ ގޮތުގައި މިއަދު އާދެވިފައި ހުރި ހިސާބުން ނުވަތަ މިއަދު ތިހިރަ ހިސާބު ސިފަކުރާނީ ކިހިނެތް؟ ފާޑަކަށް ބުނަނީ ނަމަ، މި ދާއިރާގައި، "އިވޮލިއުޝަން އޮފް ރަވީ" ކިޔާލަ ދީބަލަ؟

މީހާގެ ކެރެކްޓާއަކަށް މާކަބޮޑު އިވޮލިއުޝަނެއް ނާދޭ. ފެށުނު ހިސާބު ހަނދާން އެބަ ހުރި. އަދިވެސް އެނގޭ އެ ހިސާބަށް ދާން. މަސައްކަތަށް ބަލައިފިއްޔާ މި އިވޯލްވެގެން މި އައިއިރުގައި އެއްޗިހިތަކެއް ދަސްވެގެން ދިޔަ. އެންމެ ފުރަތަމަ އައިނުން ނެށުމުން ކޮރެއާގްރާފް ކުރުމުން ދެން މިދިޔައީ އެޑިޓިން އަށް، އޭގެ ފަހުން ޑައިރެކްޓަރަކަށް. އޭގެ ފަހުން އަދި ޕްރޮޑިއުސަރަކަށް. އަދިވެސް ދެވެންވާ ހިސާބަށް ނުވެއް ދެވޭ. މީހާގެ މަސައްކަތަަށް ބަލާއިރު އެއް މަސައްކަތަށް ފަހު އަނެއް މަސައްކަތް މި އަންނަނީ ކޮލިޓީވަމުން. އެއީ އަނެއްހެން މީހާއަށް ކުރިއެރުންތަކެއް ލިބިއްޖެ. މީހާގެ އަމިއްލަ ޝެލްފަށް. އަދި އާންމުންނަށް ނުފެނުނަސް ވެސް. އަމިއްލަ މީހާއަށް އޭތި ފާހަގަކޮށްލެވޭ.

ރަވީއަށް މިދާއިރާގައި މި އޮތީ ހަމަ ރަނގަޅު ކާމިޔާބީތަކެއް ލިބިފައި. އެއީ ކަން ނޭނގެ ހަގީގަތަކީ ވެސް. މި ދާއިރާގައި ތިހާ ހިސާބަށް އާދެވިފައި ހުރި އިރު، ރަވީ އަމިއްލައަށް ގަބޫލު ކުރަންތަ ކާމިޔާބު މަސައްކަތްތަކެއް ކުރެވުނު ކަމަށް؟ ބެލުންތެރިންނަށް ރަނގަޅު ޕްރޮޑަކްޓްތަކެއް ގެނެސް ދެވުނު ކަމަށް ބުނާ އިރު، މި ދާއިރާގައި އެންމެ ބޮޑު ކާމިޔާބުގެ ގޮތުގައި ރަވީ ދެކެނީ ކޮން ކަމެއް؟

ކާމިޔާބު ސިފަކުރާނީ ދެގޮތަކަށް. އެއް ގޮތަކީ ފައިނޭންޝަލީ ނޫނީ ފިޒިކަލީ އެކްލެއިމްތޯ އެގޮތަށް ބަލާއިރު ކުރި ހުރިހާ މަސައްކަތައް ވެސް އިރާދަކުރެއްވީތީ އެކްލެއިމްޑް މަސައްކަތް ކުރެވިފައި ހުރީ. ފައިސާއެއް ނުލިބޭ. ނެސީ އިރުވެސް ފައިސާއެއް ނުލިބޭ. އޭރުވެސް ގާތްގަނޑަކަށް 90 ޕަސެންޓް އެއީ ހަމަ ފްރީކޮށް ކޮށްފައި ހުރި މަސައްކަތް. އެކި ޝޯތަކަށް ވެސް އެ ހުރީ ފްރީކޮށް އަރާފައި. ޑައިރެކްޝަން ސައިޑްގައި ދެން އެ އިންނަ ސެލަރީއެއް ލިބޭނެ. އެކަމަކު ފިލްމެއް ޕްރޮޑިއުސްކޮށްގެން މި ކުރެވުނު އެއްވެސް މަސައްކަތަކުން ލާރިއެއް ނުލިބޭ. އެކަމަކު ހަމަ ކްރިޓިކަލީ އެކްލެއިމްޑް. އެގޮތަށް ކާމިޔާބު. ފައިސާއެއް ނުލިބޭ.

ކާމިޔާބަކީ ހަމަ ދެ ގޮތަށް ވެސް ކާމިޔާބު އެއްޗެއް. މީގައި ފިލްމް ހެދުމަކީ އެއީވެސް ވަރަށް ބޮޑު އާޓެއް. އާޓްއަށް ޕެޝަންއެއް ހުންނަން ވާނެ. ފައިސާއަކަށް ނޫން ޕެޝަން ހުންނަންވީ. މިހާރު ގިނަ ފިލްމް އުފައްދާ ފަރާތްތަކުން ފުރަތަމަ އަހާނީ ކިހާވަރެއްހޭ ލިބޭނީ ތީން. ކިހިނެތްތޯ ތީތި ހަދާނީ. އެއިން އެއްވެސް ސުވާލެއް ނާދޭ. ކިހާވަރެއްތޯ ލިބެނީ. އެހެން ވެއްޖިއްޔާ އެއިނީ އެތިކަލީ މުޅި އެތި ނުބައިވެފައި. ފުރަތަމަ އައިނުން އާޓަށް ލޯބިކޮށްގެނޭ، އޭރުން އޭތި ރަނގަޅު ގޮތެއްގައި ބެލުންތެރިންނަށް ދެއްކޭނީ. އޭތި ފެނިގެން އޭތި އެކްލެއިމްޑް ވެގެން ދެން ފައިސާ ލިބިޖިއްޔާ އެ ކާމިޔާބުވީ.

ދެން މިހާރު ރަވީއޭ ކިޔާފައި އަބަދުވެސް ދެއްކޭނީ ފިލްމެއްގެ ވާހަކަ. ކޮންމެވެސް މޮޅު ފިލްމެއްގެ ވާހަކަ. މި ވަގުތު ދިވެހި ސިނަމާގައި ހުރި އެންމެ ކުޅަދާނަ ނުވަތަ އެންމެ މޮޅު ފިލްމު ޑައިރެކްޓަރަކީ ރަވީއޭ ބުނެފި ނަމަ ކީކޭ ބުނެލާނީ؟ ވަޓް ވުޑް ބީ ޔުއާ ރިއެކްޝަން ޓު ދެޓް؟

އައި އޭމް ޓްރައިން މައި ބެސްޓޭ ޓްބީ ވަން. ޝުކުރިއްޔާއޭ! އޭނާގެ ޕާސްޕެކްޓިވް އިން އެންމެ މޮޅު ވެއްޖިއްޔާމުން ތެންކިޔޫ!

އަސްލު ވެސް ޔޫ އާ ޑުއިން އަ ގްރޭޓް ޖޮބް. އެކަމަކު މި "ރަވީ ފެކްޓާ" އާއެކު ދިވެހި ސިނަމާ ވަރަށް ބޮޑަށް ބައިބައިވެގެން ގޮސްފައި އޮތް މަންޒަރު މި ފެންނަނީ. ދިވެހި ސިނަމާގެ އެންމެ ނުބައި ނުލަފާ އެކަކަށް ރަވީ މިއަދުވެފައި މި ވަނީ. ޔޫ ހޭވް ބީން ހޭޓެޑް ބައި މެނީ ފެލޯ ފިލްމްމޭކާސް. ފިލްމީ ދާއިރާގައި ބަޔަކު މީހުން ރުޅި އަންނަ މީހަކަށް ރަވީ ބަދަލުވީ ކީއްވެ؟ ބުނެވިދާނެތަ ރަވީގެ ކާމިޔާބީތައް ފެނި އެހެން ބައެއް މީހުން ހަސަދަވެރިވަނީއޭ؟

އަސްލުގައި އަނެއްހެން ވެދާނެ. ރަވީ ގަބޫލު ކުރާ ގޮތުގައި ރަވީ އަކީ ޝެލްފިޝް މީހެއް. އެއްވެސް މީހެއްގެ އެއްޗެއް ނުލިބި ފޮތާއި އިންޓަނެޓާއި މީގެން މި ދަސްކުރީ. ދެން އަނެއް ގޮތަކީ އެ މީހުން މާ ލޯބިވަނީ. އެހެން ވީމާ ނެތްތާގަ ވެސް ރަވީގެ ވާހަކަ ދެއްކުން އެއީ، އާލާކުރުންތާ، ހަނދާން ކުރުންތާ! އަނެއްހެން އެއީ ރަނގަޅު ކަމެއް. ގޯސްކަމެއް ނޫން އެއީ. އެކަހަލަ މީހުން އެކަން ހަމަ ކުރިއަށް ގެންދަންވީ. ރަވީއާ އެއްވެސް މީހަކާ މައްސަލައެއް ނެތް.

ބުނެވިދާނެ އެ މީހުން އެކަން ކުރަނީ ހަސަދަވެރިވެގެންނޭ ވެސް. މިތަނުގައި އެބަތިއްބޭ ހަމަ ކެލިބާ ހުރި މީހުން. އެ މީހުން ހަމަ ފައިސާއާ ހެދި މޮޔަވެގެން ގޮހޭ، އަސްލުގައި ރަނގަޅު ޕްރޮޑަކްޓެއް ނަހަދަނީ. އެއަށް ދެން ޓްރައިކުރަންވީ ނޫންހޭ! ހަމަ އެބަ ތިއްބޭ ވަރަށް ސަކްސެސްފުލް ޕްރޮޑިއުސަރުން އެ މީހުން ކީއްވެ ހެއްޔޭ ހުސްމެލަ ޑްރާމާ ހަދަނީ. މެލަ ޑްރާމާ ވެސް ހަދަންވީ. އެކަމަކު އެހެން އެއްޗެއް ވެސް އެބަ ޖެހޭ އޯޑިއެންސަށް ދޭން. އެއަށް ކީއްވެބާއޭ އެ މީހުންގެ އިންޓަރެސްޓެއް ނެތީ. ކޮށްފަ ކީއްވެބާއޭ އެހެން ފިލްމްތައް މާކެޓް ކުރާ ވަރަށް އެ ފިލްމްތައް މާކެޓް ނުކުރަނީ. އާޓްހައުސް އެއްޗެކޭ އެއީ. އޭތި މާކެޓް ކުރާކަށް ނުޖެހޭނޭ. އެކަމަކު މާކެޓް ކުރަން ޖެހޭނެ. ފައިސާ ބޭނުންވަންޏާ. ދެން އެއަށް ފައިސާއެއް ނުލިބުނޭ މި ބުނަނީ. އެ ހެދުމުގެ ބޭނުމެއް ނެތޭ. އެހެން ވީމާ އެކަން ކުރަން އެބަ ޖެހޭ. އެކަހަލަ ކަންކަން ނުކުރެވުނީމާ ރަވީ ހެދި ދެ ފިލްމް އަނެއްހެން ބުނަންޏާ، އިނގިއްޔާ މިކޮއި ބައްޕަ ބައޭ ބައޭ އާ ދެން އަނެއްހެން ލާރިއެއް ނުލިބޭ. މީހުންނަށް ވަރަށް ކަމު ދިޔަ. މީހުންނޭ މި ކިޔަނީ ފިލްމް އަންޑަސްޓޭންޑްވާ މީހުން.

ނުވަތަ އެމީހުން ވެސް އެބުނާ ގޮތަށް ރަވީގެ އަމަލުތައް ވެސް މާ ގޯހީތަ؟ ނޫނީ ރަވީއަށް ވެސް އެހެން މީހުން ރުޅި އަންނަ ކަހަލަ ވިޔާ ނުދާ ކަންތައްތަކެއް ކުރެވިފައި ހުރީތަ؟

ރަވީގެ ފޯލްޓަކުން ކަމަށް ވެސް ވެދާނެ. އެ ނޭނގެ އަސްލުގައި. މީގައި ވާ ގޮތަކީ. ސީދާ ދިމާލަށް ނުކެރޭ އެއްވެސް އެއްޗެއް ބުނާކަށް. ދެން އެ އިނގޭ އެއްކަލަ، މިތާ އިނދެފައި މިވެނި މީހަކު އެއްކަލަ ދުވަހު މިވެނި އެއްޗެކޭ ބުންޏޭ. އެ ނިމުނީ ދެން. އޭނައަށް ދެން ބުނަން ނުކުރެންޔާ ދެން އެއަށް ކީއްކުރަން ރައްދެއް ދޭންވީ ޖަވާބެއް ދޭންވީ. އަނެއްކާ ވެސް މީނަ ކައިރީ ބުނެގެން، މީނަ ގޮސް އޭނަ ކައިރި ބުނެގެން އަންނާނީ އެހެން ގޮތަކަށް. އެ އަސްލުގައި ނޭނގޭ އޭނާ ބުނީ އެހެން ކަމެއް ވެސް. ދެން ވެދާނެ ރަވީ އަކީ ވަރަށް ސްލޯ މީހެއް މަސައްކަތް ކުރާ އިރު. މާކަ ފާސްޓެއް ނުވާނެ. އެހެން ވީމަ ކަމަަށް ވެސް ވެދާނެ އެއްކަލަ ރުޅި އަންނަނީ. ނޭނގެ އަސްލުގައި އެހެން ބުނާކަށް ވެސް.

ރަވީއާ މެދު ބައެއް މީހުން ހިތްހަމަނުޖެހޭ ވާހަކަ ދައްކާއިރު މަޝްހޫރު ފިލްމު "އިނގިލި" ގެ ހުރިހާ ކްރެޑިޓެއް ރަވީ ކާލި ވާހަކަ އަކާއި ފިލްމު "ހަތަރު ހަޅަ" އެއްކޮށް ހަލާކުކޮށްލި ކަހަލަ ވާހަކައެއް ވެސް އަޑުއިވިފައި ވަނީ. ބުނެވިދާނެތަ ރަވީ މިއީ މީހުންގެ މަސައްކަތްތަކުން ފޮނި ބޮއެ މަސައްކަތްތައް ހަލާކުކުރާ މީހެކޭ؟

ނީންނާނެ ބުނެވޭކަށެއް އެހެން. އެއީ، އިނގިލީގެ ސްޓޯރީ ބޯޑް ވެސް ކުރެހީ ރަވީ ފާރޫގު. އިނގިލި ޑައިރެކްޓް ކުރީ ވެސް ރަވީ ފާރޫގް. އިނގިލީގައި އަނެއް ކެމެރާ ބަހައްޓަންވި ތަންވެސް ބުނެދިނީ ރަވީ ފާރޫގް. އެކްޓް ކުރަންވީ ގޮތް ވެސް ބުނެދިނީ ރަވީ ފާރޫގް. ދެން މިހެން ބުންޏަސް ވެސް ސިނަމަޓޮގްރާފާއަށް ކޮންމެވެސް ވަރެއްގެ ރައިޓްސް ލިބިފައި އޮންނާނެ. އެއީ އޭތި ޝޫޓްކުރަންވީ ގޮތް އޭނައަށް މިސާލަކަށް، މާރީތީ އޭންގަލެއް ފެނިއްޖިއްޔާ ޝޫޓްކޮށްލަން އޭނައަށް ދެމޭ. އެކަމަކު ސްޓޯރީ ބޯޑް ކުރަހާފައި މުޅި އެތީގެ ނެރޭޝަން ރެޑީކޮށްފައި މި އިނީ. އެހެން ވީމާ އޭގެ ކްރެޑިޓެއް ނީންނާނެ އެހެން އެއްވެސް މީހަކަށް ދެވޭކަށް. އަނެއްކާ މީގައި އެކްޓް ކުރި މީހުންނަށް އެނގޭނެ ކާކުކަން އޭތި ޑައިރެކްޓް ކުރީ. ދެން އައީ އެޑިޓީންއާ ހިސާބަށް. މުޅި އެތި އެޑިޓްކޮށް ޑައިރެކްޓް ކުރީ ރަވީ ފާރޫގް. ދެން މީގެ ތެރެއިން މަހުދީ އަހުމަދު އައީ ކަޓްފައިނަލްގައި. ދެން އޭގެ ޑަބިން ހަވާލު ކުރީ ފިލްމްގެ އަނެއް ޕްރޮޑިއުސަރާ، ހުސެން މުނައްވަރާ. އެކަން އޭނައަށް ނުވެގެން އޭނަ އޭތި ހަވާލު ކުރީ އިކްރާމްއާ. އިކްރާމް ބުނީ ތިމަންނާ ކުރާ ހިތްވާ ކަމެއް ނޫނޭ ބުނީމާ ޝާހުއާ ހަވާލުކޮށްފައި ކޮންމެ މީހެއްގެ ޑަބިން ހެދީ އިރުވެސް ރަވީ ފާރޫގް އެތާ އިންނާނެ. ނިންމާފައި ގެންގޮސްފައި އިކްރާމް އަތަށް ދީފައި ފޮލީ ސައުންޑް އަޅަން ވެސް މަހުދީ އާއި ރަވީ އާއި ހުސޭނު އާ ތިން މީހުން ދިޔައިން. މުޅި އެތި ސައުންޑް ފައިލް ގެނެސްގެން މުޅި އެތި ފައިނަލް ކުރީ ރަވީ ފާރޫގް. ދެން ވިޝުއަލް އެފެކްޓްއަށް ގެންދިޔައީ ވެސް ޝިނާން ކައިރިއަށް. އެ މަސައްކަތް ނިމުނީމާ އޭތި ހިފައިން ގެނެސްފައި މުޅި އެތި ކޮމްޕައިލްކޮށްފައި މުޅި ފިލްމް އެއްކޮށް ނިންމާފައިގޮސް ސްކްރީންއާ ހަމަޔަށް ގެންދިޔައީ ވެސް ރަވީ ފާރޫގް. އެހެން ވީމާ އޭގައި ނެތް އިތުރު ކްރިޑިޓެއް ދޭކަށް. އެ ފިލްމްގެ ކްރެޑިޓްސް ބެލީމާ އެނގޭނެ ފިލްމްގައި ކްރެޑިތް ދީފައި އެ ހުރީ ރަނގަޅަށްކަން. އިތުރު އެއްޗެއް ނީންނާނެ.

ހަތަރުހަޅައިގެ ވާހަކަ ދައްކަންޏާ ފުއާދު މި ބުނަނީ ރަވީ ފާރޫގާ ހެދިޔޭ ފިލްމް ނުނިމިގެން މި އުޅެނީ. ރަވީ ފާރޫގް އަުން ފިލްމް އަތުލައިފިޔޭ 2013 ނޫނީ 2014 ގެ ކުރީކޮޅު އޭގެ ފަހުން މިއީ 2016. ކޮބާބާ ފިލްމް؟ ރަވީ ފާރޫގަށް ނުނިމިގެން އަތުލި ފިލްމް އެޅުވޭހާ ދުވަސްވެއްޖެއެއްނު. އަދިވެސް އޭނާ އަތަކަށް ނާރަ ފައްތާހުގެ ފިލްމް ވެސް. އެހެން ވީމާ މީހެއްގެ އަގު ވައްޓާލަން. މިއީ އަސްލުގައި ރަވީއަށް ހީވާ ގޮތުން "މިކޮއި ބައްޕަ ބައޭ،ބައޭ" ގެ މިޔުޒިކް ހަދަން އަސްލު ދިނީ ފޯޑްއަށް. ފޯޑް ހެދި އެތި ކަމުނުދިޔައީ ރަވީއަށް ވެސް މަހުދީ އަށް ވެސް. ކަމުނުގޮސްގެން އޭތި ހިފައިގެން ގޮސް އިކްރާމްއާ ހަވާލު ކުރި ހިސާބުންހެން ހީވަނީ ބޮޑަށް މީގެ މައްސަލަތައް މި ނިކުތީ.

ރަވީއާ ހަވާލުކޮށްގެން މިހާތަނަށް ނުނިމުނު ފިލްމުތަކާއި މައްސަލަ ދިމާވެގެން ޕްރޮޑިއުސަރުންނަށް ގެއްލުން ލިބުނު ފިލްމުތަކަކީ ކޮބައިތަ؟

ނުނިމުނު ފިލްމްތަކުގެ ތެރޭގައި ކިޔޭނެ، "އިންދިރާސް". އިންދިރާސް ނުނިމުނީކީ ރަވީއާ ހެދިއެއް ނޫން. ރަވީ ގަބޫލެއް ނުކުރަން. އެއީ ޑިސިޕްލިން މައްސަލަތަކެއް އަސްލު ކާސްޓުން މެދުގައި ހިނގައިގެން އޭގެ ތެރެއިން އައިސްގެން އެ ފިލްމަށް ހުއްޓުން އެރީ. ދެން އޭގެ ޑީޓެއިލްއަކަށް ދާކަށް ބޭނުމެއް ނޫން.

ދެން ހަތަރުހަޅަ ސެގްމަންޓް، ގާތިލް! ގާތިލް ގައި ވެސް އިންނާނީ ކެޗްއަޕް ޝޮޓްކޮޅެއް ނަގަންވެފައި. މާގަނޑަކުން ފެން އަންނަތަންކޮޅަކާ. އޭގައި ދައްކާ ވަކި ޑްރަގްއެއް، އޭގެ ޑީޓެއިލް ޝޮޓްކޮޅަކާ. ހުޅުމާލޭގައި އެސްޓެބްލިޝް އެއްޗަކާ. ވިލިގިލީގައި އެޝްޓެބްލިޝް ޝޮޓަކާ. މިހަތަރު ޝޮޓް އިންނާނީ. މުޅި ޖުމްލަ ހަތަރު ޝޮޓް އިންނާނީ. މުޅި އެތި އެޑިޓް ވެސް ކޮށްފައި އިންނާނީ. އިންދާ އެ އަތުލީ. އެކަމަކު، އިންޓަވިއުގައި ބުނެފައި މި އިންނަނީ ރަވީ އެޑިޓް ވެސް ނުކޮށޭ އިނީ. އެކަމަކު މުޅި ފިލްމް އެޑިޓްކޮށް ނިންމާފައި އިންދާ ޝާއްކޮ، އައްމަޑޭ ކިޔާ ކުއްޖަކު މުޅި އެއްޗާ ބެހުނީމާ އޭނަ ކައިރި އަހާލީމަ ވެސް އެނގޭނެ، މުޅި ފިލްމް އިންނާނީ އެއްކޮށް ނިމިފައިކަން.

މިހާރު އެޑިޓްއާ ވެސް އެ މީހުން ކުޅެފި. އެހެން ވީމާ ބޭނުމެއް ނޫނޭ އެއީކީ ކޮންމެހެން ރަވީ ފާރޫގް ހެދި ފިލްމެކޭ ބުނާކަށް. އެއީ މުޅި އެތީގެ ނެރޭޝަން މުޅި އެތި ޖޭންޗް ވާނެ. އެހެން ވީމާ މިހާރު ނެތޭ އަސްލުގައި އެ ފިލްމްގައި އޭނަ އެކަމެއް ކުރަން ޖެހޭ ސަބަބެއް. ކިޔައިދން ގޮތަކުން.

ކޮބައިތަ ތި މަސައްކަތްތައް ފުރިހަމަ ނުކުރެވި މައްސަލަގަނޑެއްގެ ތެރެއަށް ދާން ޖެހުނު ސަބަބުތަކަކީ. ބުނެވިދާނެތަ ރަވީގެ ފަރުވާ ކުޑަކަމާ ހެދިއޭ މި ހުރިހާ މައްސަލައެއް ދިމާވަނީ. ރަވީ އަށް ކަންކަން މެނޭޖުނުކުރެވިގެންނޭ ބުނެވިދާނެތަ؟

ރަވީ އަކީ ފަރުވާ ކުޑަ މީހެއްް އަސްލުގައި ވެސް ފަރުވާ ކުޑަ މީހެއް ތެދުތެދަށް ބުނަންޏާ. އެކަމަކު ފަރުވާ ކުޑަ ވަނީ މިތާންގައި މަސައްކަތް ކުރާ އުސޫލަށް ބަލާފައި. މިތާންގައި މި އިންނަނީ ވަރަށް އަވަސް އަރުވާލާފައި ކަމެއް ކުރަން ޖެހޭނީ. ސްކްރިޕްޓެއް ދީފައި ބުނާނީ އަންނަ ހަފްތާގައި ފިލްމް ޝޫޓްކުރަން. ދެން ވާނެ ގޮތަކީ އެއްކަލަ މެންޓަލީ ޕްރިޕެއާވެގެނެއް ނޫން ކުރާނީ. ޕްރިޕްރޮޑަކްޝަން ކުރާ ބައެއް ނޯވެ. އެ ހުރިހާ ކަމެއްކޮށްފައި ދާނަމަކާ ފަރުވާކުޑަ ކަމެއް ވެސް ނާންނާނެ.

ދެން މެނޭޖްކުރުމުގެ ވާހަކަ. މީގައި ވާގޮތަކީ ޕްރޮޑަކްޝަނެއް މެނޭޖް ކުރާކަން އެއީ ޑައިރެކްޓަރުގެ ޒިންމާއެއް ނޫން. ޕްރޮޑަކްޝަނެއް މެނޭޖްކުރަން ހުންނަން ޖެހޭނީ ވަކި ފަރާތެއް. އެ ފަރާތް ނެތި ރަވީ ފާރޫގާ ހަވާލު ކުރީމާ ނުވާނެ ހުރިހާ ކަމެއް. ޑައިރެކްޓް ކުރަން ގޮސްފައި ހުރިއްޔާ އެކަން އޭނަ ކުރާނީ. ދެން މުޅި ޕްރޮޑަކްޝަން މެނޭޖް ކުރަން އަންނަ މީހެއްގެ ފަރާތުން ކަމެއް ނުވެގެން ކަމެއް ނުކުރާނަމެކޭ ނޫނޭ. އެކަމަކު ވެސް ޕްރޮޑަކްޝަން މެނޭޖާގެ ޖޮބާ، ކޮސްޓިއުމް ޑިޒައިނަރުގެ ޖޮބާއި، ކޮންޓިނިއުޓީ ބަލަހައްޓާ މީހާގެ ޖޮބާ. މި ހުރިހާ ކަމެއް ނުވާނެ. އެހެންވެ، ޑައިރެކްޓަރެއްގެ ގޮތުގައި ހުރިއްޔާ ޑައިރެކްޓް ކުރާނީ. އެ ވެދާނެ މިސާލަކަށް، ބައެއް މީހުންނަށް ކަމު ނުދާ ގޮތަކަށް ވެސް.

މީހުން ބުނޭ ފިލްމީ ދާއިރާ އަށް ބަލާއިރު ރަވީ އާއި ސީޒަންގެ ނިކަން ބޮޑު ވާދަވެރިކަމެއް އޮވެޔޭ މަސައްކަތުގައި. ވިޗު އިޒް އެކްޗުއަލީ ވެރީ ގުޑް. އެކަމަކު ރަވީ ހަމަ މޮޅު ފިލްމެއް ހެދީމަ، އެކަހަލަ ފިލްމެއް ހެދިދާނެކަން ދައްކަން ފިލްމު ހެދުމާއި އެވޯޑް ވެސް ހޯދިދާނެކަން ދައްކަން މަސައްކަތްކުރާ ކަހަލަ ގޮތަކަށް ސީޒަން އުޅޭ ކަމަށް ބުނެވޭ. ކޮބައިތަ ރަވީގެ ހިޔާލަކީ މިކަމުގައި؟

ތިއީ ތެދަކަށް ވަންޏާ އަސްލުގައި ތިއީ ރަވީއަށް ލިބޭ ވަރަށް ބޮޑު ކާމިޔާބެއް. އެއީ މިސާލަކަށް އިނގިލި ހެދީމާ އަސްލު ވަރަށް އުފާވި އިންސާނާ ހެދީމާ. އެއީ، މީގައި އަސްލު ވާގޮތަކީ އެއީ މިކަހަލަ ފިލްމެއް އަސްލުގައި އިދިކޮޅު މީހެއް. އެކަމަކު އޭނަ އެޓެމްޕްޓެއް ކުރިއްޔޭ މި ރަނގަޅު އެއްޗެއް ހަދަން. އޭތި ސަކްސެސްފުލިއްޔޭ. އެހެން ވެއްޖިއްޔާ ދެން ކީއްވެހޭ ނަހަދަނީ. މިއީ އަނެއްކާ ސުވާލަކީ. ރަވީ ގަބޫލެއް ނުކުރަން ރަވީއާ ވާދައަކަށޭ. ވެދާނެ އިނގިއްޔާ ވާދައަށް ކަމަށް. ވިޗްއިޒް ހެލްތީ. ކުރަންވީ ހަމަ. އެންމެން ވެސް ކުރަންވީ.

ރަވީ އެންމެ ފުރަތަމަ އައިނުން ހެދި ސޯޓްފިލްމް މިއީ އެރޭ ކިޔާ އެއްޗެއް. އޭތި ހެދީމާ ކީ މުއުމިން ފުއާދުމެންނާއި ޗިއްޕެ އާ ދެ މީހުން އެ ހަދާ ކަހަލަ، ބަޑިއެދުރު ކަހަލަ އެއްޗަކާ ވާދަ ކުރަން ވެގެންނޭ. އެކަމަކު މީގައި ވާ ގޮތަކީ އެ މީހުން އެކަން ކުރީމާ އިންސްޕިރޭޝަނެއް ލިބިއްޖޭ އާ މިކަހަލަ ސްޓައިލެއްގެ އެއްޗެއް ހެދިދާނޭ. އެހެންވެ، އެޓެމްޕްޓް ކުރިއްޔޭ. އެގޮތަށް އެއްބަޔަކު ކުރީމާ އަނެއް ބަޔަކު ކުރުން މިއީ، ތަން ކުރިއަރާނެ ކަމެއް. ރާދަދެން ބޮލީވުޑް ފިލްމެއް ބަލައިގެން ކޮޕީކުރުމަށް ވުރެ.

ރަވީގެ ނަޒަރުގައި ކޮބައިތަ މިވަގުތު ފިލްމީ ދާއިރާގައި ހުރި އެންމެ މަސައްކަތްތެރި ނުވަތަ އެންމެ ޓެލެންޓެޑް ޑައިރެކްޓަރަކީ. އަދި އެއީ ކީއްވެކަން ވެސް ބުނެދީ ބަލަ؟

މުއުމިން ފުއާދު. އޭނަ އެންމެ ރަނގަޅު ވަނީ އޭނައަށް އިނގޭ ސްޓޯރީގެ އެސެންސް. އޭނައަށް އިނގޭ ކެރެކްޓާގެ ޑެޕްތް ނެރެދޭން. އޭނައަށް އިނގޭ ކެރެކްޓާ އުފަންވަނީ ކިހާ ހިސާބަކުންކަން. އޭނަގެ ނިމުން އަންނަނީ ކިހާ ހިސާބަކުންކަން. އޭނައަށް އިނގޭ ތިމަންނަގެ މި ޝޮޓް މި ހަދަނީ، އަހާލީމާ އޭނަގެ ޖަވާބެއް އެއަށް އަންނާނެ. ތިމަންނަ މި ޝޮޓް މި ހަދަނީ މިހެން ވެގެންކަން. މިހާރު މީތި މިތާންގައި މިއިނީ ނޫންހޭ، މީގެން ދައްކުވައިދޭން މި އުޅެނީ އެއްޗެއް. ފްރޭމެއް ވެސް އޭނަ ނުހަދާނެ މާނައެއް ނެތް ގޮތަކަށް. އެ ހުރިހާ ކަމަކަށް ބަލާފައި ފިލްމް ނިމޭ އިރު ފިލްމް އިންނަ ގޮތާ ދޭތެރޭ ވެސް ހިތްހަމަ ޖެހޭ. އެހެން ވީމާ، މުއުމިން ފުއާދު އެންމެ މޮޅީ.

ދިވެހި ސިނަމާގެ ޑައިރެކްޝަން މިއަދު މި ވަނީ ވަރަށް ބޮޑަށް ބަދަލުވެފައި. ހާއްސަކޮށް ފިލްމު އުފެއްދުމުގެ ވައްޓަފާޅި އާއި ވައްތަރު. މިއީ ކޮން ކަހަލަ ބަދަލެއް ކަމަށް ރަވީ ގަބޫލުކުރަނީ؟

ސިނަމާއަށް ބަދަލު އަންނަން ފަށާނެ ޖެނެރޭޝަން ތަފާތު އަންނަވަރަކަށް، މިހާރު އަދިވެސް އެބަތިބި ބައެއް ފިލްމް މޭކަރުން 90ގެ އަހަރުތަކުގެ ތެރޭގައި ފިލްމް ބަލަން ދިޔަ އޯޑިއަންސަށް ފިލްމް ހަދާ ފަރާތްތައް. އެކަމަކު އެ އޯޑިއަންސަކީ މިހާރު ގޭގައި ތިބެގެން އެބަ ވަރަށް ބައިވަރު ނޮލެޖް ލިބޭ އެބަ. އެކި ޗެނަލްތަކަށް ދިޔައިމާ އެބަ ފެނޭ، އެބަ އިނގޭ، ބައެއް އެއްޗިހީނގާ އެބަ ކިޔައިވެސް ދޭ މޭކިން ވެސް އެބަ ދައްކައޭ. ނޫނީ މަސައްކަތް ހުންނަ ލެވަލް ވެސް އެބަ ދައްކައޭ. އެހެން ވީމާ މިހާރު މީހުން ބުނާނެ ވަރަށް ސުޓުޕިޑޭ. އެހެން ވީމާ، ޕްރޮޑިއުސަރުންނަށް ވެސް އެބަ ޖެހޭ އަންޑަސްޓޭންޑް ވާން އަންޑައެރިސްޓިމޭޓް ކުރުން، ތިމަންނަ މި ކޮޅަށް ޓަސްލާފައި ކެމެރާ ބަދަލުކޮށްލީމާ ނޭނގޭނޭ އޯޑިއެންސަކަށް، މިގޮތް އެބަ ޖެހޭ ދޫކޮށްލާފައި، އެ މީހުންނަށް ވެސް އެނގޭނެ. އެނގިގެން އައިސްފައި ފިލްމް ހަޑިއޭ ބުނީމަ. އެވެސް ޑައިޖެސްޓް ކުރަން ދަސްކުރަން ޖެހޭނެ. އެކަން ނުކުރެވެންޔާ، ބަދަލު ގެންނާށޭ! ޑައިޖެސްޓް ކުރަން ނޭނގެންޔާ ބަދަލު ކުރާށޭ.

މިސާލަކަށް؛ އިނގިލި އަޅުވައިގެން ހަމަ ހުރިހާ އިންޓަވިއުގައި ވެސް ކީމޭ މިއީ، މަންމަމެން އުމުރު މީހުންނަކަށް ނޫނޭ. މީ ހަމަ ޒުވާނުންނަށޭ. އައި ދެ އަންހެނަކު އެ މީހުންނަކަށް ފިލްމް ކަމަކު ނުދިޔަ. ލަވައެއް ނެތީމަ ކަމަކު ނުދިޔަ. ލޯބީގެ ކަމެއް ނެތީމާ ކަމަކު ނުދިޔަ. އަންހެން ކުއްޖަކު ނެތީމަ ކަމަކު ނުދިޔަ. އެ މީހުންނަށް ހަމަ ލާރި އަނބުރާ ދީފައި ފޮނުވާލީ. އެއީ އެ މީހުންނަށް ހެދި ފިލްމެއް ނޫން. އެކަމަކު ވެސް އެ މީހުން އައިސްތިބި ބަލަން. އެހެން ވީމާ އެކަމަށް ޝުކުރު ވެސް އަދާކުރަން. އެކަމަކު އެ މީހުންނަށް ފިލްމް ކަމު ނުދިޔައީ ފިލްމް ކަޑަވީމައެއް ނޫން. ފިލްމް ދަށްވެގެނެއް ވެސް ނޫން. އެ މީހުން ބަލަން ބޭނުންވާ އެއްޗެއް އޭގައި ނެތީމައި. ވިޗް އިޒް ފައިން. އެހެން ވީމާ އެޓްރައި ކުރާށޭ.

މިސާލަކަށް ބޭރަށް ބަލަންޏާ، ކަރަން ޖޯހަރު ޑައިރެކްޓް މި ކުރަނީ ފެމެލީ މެލެ ޑްރާމާ، އެކަމަކު ޕްރޮޑިއުސް ކުރޭ ތަފާތު ސްޓައިލްގެ އާޓް ފިލްމް، ދޯސްތާނާ ވެސް އެ އޮތީ، އަގްނީޕާތް ވެސް އޭނާއޭ ޕްރޮޑިއުސް ކުރީ. އޭނަ އެބަ ނެރެދޭން މަސައްކަތް ކުރޭ އާ އެއްޗެހި. އެހެން ހަދަމާ ހިނގާށޭ މި ތާންގައި ވެސް މި އޮތް ފުރުސަތުގެ ބޭނުން ހިފައިގެން ވަރަށް ބައިވަރު ކުދިން އެބަ ތިއްބޭ މިތާންގައި ވެސް މޮޅަތި.

ރަވީ ގަބޫލުކުރާ ގޮތުގައި ކޮބައިތަ މި ވަރުގެ ބޮޑު ބަދަލެއް ފިލްމީ ދާއިރާ އަށް އަންނަން ނުވަތަ ގެންނަން ޖެހުނު މައިގަނޑު ސަބަބުތަކަކީ؟ ބުނެވިދާނެތަ މި ބަދަލެއް މި އަންނަނީ އެ ނޫން ގޮތެއް ނެތިގެން މަޖުބޫރުވެގެން ކަމަށް؟

އެކްސެކްޓްލީ އެހެން މި ވަނީ. ފިލްމެއް މި ހަދަނީ ބަޔަކު ވައްދައިގެން އޭގެން ފައިދާ ނަގަން. މިހާރުގެ އޯޑިއެންސާ އެއްގޮތަށް ފިލްމް ހަދައިގެން ބަޔަކު ވަންނާނީ ވެސް. ޔޫތްއިންނަށް ސީފުޑް ވިއްކެންޔާ ސީފުޑް ހަމަ ސާވްކޮށްގެން އެ ރެސްޓޯރަންޓަކަށް އަންނާނީ. މިސާލަކަށް ބަލާ ސުވެކް ސިނަމާ ކިތަންމެ ސިޔާސީ ގޮތުން ހަލަބޮލިވިޔަސް އެތަނުގައި އަޅުވާ ފިލްމް ބަލަން މީހުން ދެޔޭ، އެކަމަކު އެތާ ދިވެހި ފިލްމެއް އެޅުވިޔަސް ނުދޭ. އެހެން ވީމާ މިއީ އަޖައިބެއްތާ! އެތަނަށް ދާ އެންމެން ވެސް އެބަ ޖެހޭ އުސޫލަކުން ބަލާނަމަ ދިވެހި ފިލްމް އެޅުވިޔަސް ދާން. އެބަ ޖެހޭ މި މީހުން ވަންނަ ވަރުގެ ރަނގަޅު ފިލްމް އުފައްދަން. އެހެން ވީމާ ބަދަލުވާން މި މަޖުބޫރު ވަނީ. އެ މީހުން ވެސް މިޔަށް ވެއްދިގެން ލާރި ހޯދޭނީ ވެސް. ހަމަ ބަދަލު ގެންނަން ޖެހޭނީ.

ބުނެވިދާނެތަ ރަވީ އަކީ މި ބަދަލުގެ އެންމެ ބޮޑު މޭސްތިރިއޭ. އެއީ "އިނގިލި" ފަދަ ފިލްމަކަށް އެވަރުގެ ރިސްކެއް ނުނެގި ނަމަ މިއަދު މި ބަދަލަކަށް އެހެން މީހުން ޝައުގުވެރިނުވާނެއޭ. ބުނެވިދާނެތަ އެހެން؟

އަސްލަކު ނުބުނެވޭނެ! މީގެ މާ ކުރިން ބަޔަކު އެބަ ހުރި ބަދަލުތަކެއް ގެންނަން މަސައްކަތްތަކެއް ކޮށްފައި. އެއީ "30 ދުވަސް" ކިޔާ ފިލްމެއް ވެސް ހަދައިގެން އެ ވެސް މި ކޮންވެންޝަން ބްރޭކް ކުރަން ހިފާފައި އޮތް ފިލްމެއް. އެވެސް ވަރަށް ކަމުދާ ފިލްމެއް. ނަން ހަނދާން ނެތަސް އަދި އެއް ފިލްމް ހަމަ ލަވަ ވެސް ހިމަނައިގެން އެ ޒަމާނުގައި ނެރުނު ވަރަށް އާޓިސްޓިކް ފީލްގައި އިންފިލްމެއް. އޭގައި އިނޭ ދިވެހި ވަންތަކަން. ހިންދީ ފިލްމެއްގެ އިނިގިރޭސި ފިލްމެއްގެ ވައްޓަފާޅިއެއް ނޫން އިނީކީ.

ދެން އައިސްފައި ބަދަލުތަކެއް ގެންނަން ފެށީ، އަލީ ޝިފާއު އާއި މުއުމިން ފުއާދު އާ، "ހޭލާ" ހަދައިގެން. އޭގެން އެވޯޑްތަކެއް ގެންދިޔަ ހިސާބުން، އެތައް ބަޔަކަށް ކިކެއް ލިބުނީ އެކަހަލަ އެއްޗެއް ހަދަން. އެކަމަކު އޭރު ބަޔަކު މަލާމަތް ވެސް ކުރި އެ މީހުން މާ ކުޑަ ކެމެރާއަކުން އެ ފިލްމް ހެދިއްޔޭ ކިޔާފައި، މިއީ ކަންތައް ދިޔަގޮތް. އެއަށް ތައުރީފް ކުރުމުގެ ބަދަލުގައި ނޫނީ އެ މީހުންނަށް އެހީތެރިވެދިނުމުގެ ބަދަލުގައި އެ މީހުން ޑީމޯޓިވޭޓް ކުރަންށޭ ބެލީ. އެ މީހުން އެވަރަކުން ވެސް ހުއްޓާނުލައި. އެ މީހުން ހަދަން ފެށި ފިލްމްތައް، އެކްޕެރިމަންޓޭ ކުރަން ފެށީ، އެގޮތުން އުންމީދު، ބަޑިއެނދުރު. މިހެން ކުރަމުން ކުރަމުން އައިސް ޗިއްޕެ ވެސް މިހާރު ރޮމޭންޓިކް ކޮމެޑީ ހަދަނީ. ވަރަށް ރަނގަޅު މަސައްކަތް. އަނެއްކާ ވެސް ސިނަމާއަށް ނިއު ވޭވް އެއް މި އަންނަން ފެށީ.

މުއުމިން ފުއާދު ހަމަ ލޫދިފާ ވެސް ހެދީ. އޭގެ ފަހުންނޭ މި ބުނީ، ހެޕިބާތް ޑޭ ވެސް ޝޫޓް ކުރަމުން ދަނިކޮށް، އަދި އޭތި އަޅުވައިގެން އުޅެނިކޮށް އިނގިލި ޝޫޓް ކުރަން ވެސް ފެށީ. ދެނޭ އިނގިލި މި އައީ. އެހެންވެއްޖިއްޔާ މީގެ މާކުރިއްސުރެ، މި ފަށާފަ އިނީ. މޭސްތިރިންނަށް އަސްލުވާނީ، ފުރަތަމަ ނަގަންޔާ، ނެދުންގެ އައިންތު. އޭނަ އަކީ ފުރަތަމަ ބަދަލެއް ގެންނަން ފެށި މީހާ ކަމަށް ރަވީ ގަބޫލު ކުރަނީ.

ކޮންމެގޮތެއް ވިޔަސް އަދި ފުދޭވަރަކަށް ދުވަސް ނަގާނެހެން ހީވަނީ މި ބަދަލެއް އައިސް އެއަށް އެޖަސްޓްވެ ފައިދާ ނެގޭ ވަރުގެ މަސައްކަތަކަށް ފިލްމު މޭކިން ބަދަލުކޮށްލަން. ކިހިނެތް ކިހާ ހިސާބަކުން އެ ދުވަސް ފެންނަނީ ރަވީ އަށް؟ އެފަދަ ދުވަހެއް ސިފަކުރާނީ ކިހިނެތް؟

ތިކަމަށް އެބަ ޖެހޭ ފިމްލް އެކްޓަރުން ވެސް ކޮންމެވެސް ވަރެއްގެ އަންޑަސްޓޭންޑިންއެއް ވެސް އަންނަން. މިއީ ކޮމާޝަލް އެއްޗެއް ވިއްޔާ މައްސަލައެއް ނެތް، ބޮޑު އަގެއް ކިޔައިގެން ކުޅެން. އެކަމަކު މިސާލަކަށް އާޓް ހައުސް އެއްޗެއް ވެއްޖިއްޔާ އެ މީހުންގެ އަގު ތަންކޮޅެއް ކުޑަކޮށްފައި އެ ބަޖެޓާ އެއްވަރު އެއްޗަކަށް ހަދަންވީ. އޭގެން އަސްލު ފިލްމް އުފައްދާ ފަރާތަށް ލިބޭ އެއްޗެއް އެބަ ކޮންމެވެސް ވަރަކަށް އެބަ އިތުރުވޭ. އިތުރުވެއްޖިއްޔާ އަނެއްކާ ވެސް ކޮންމެވެސް އެހެން އެއްޗެއް އުފައްދަން ފުރުސަތަކަށް ވޭ. މި ބުނަނީ އެއްވެސް ހާލެއްގައި ހުސް އާޓްހައުސް އެއްޗެހި ހަދާށެކޭ ނޫން. އެހެން ކަހަލަ އެއްޗެހި ވެސް ހަދަން ވީ ހަމަ. ހަދާ އިރުވެސް ބަލަންވީ ބަލައިލަން ކަމުދާ ކަހަލަ އެއްޗެހި ހަދަން. އޭރުން ހަމަ ރަނގަޅު ވާނެ. އަނެއްކާ ރަވީ މި ބުނަނީ ރަވީ އެންމެ މޮޅު، ރަނގަޅު އެއްޗިހި ހަދަނިއްޔަކީ ނޫން.

އެކަމަކު ދިރާސާކުރާށޭ. ރަނގަޅު ނެރެޓިވް އެއް ގެންގުޅެފިއްޔާ މެލެ ޑްރާމާ ވެސް ހަމަ ރީތިވާނެ. މިސާލަކަށް ކޮންމެ ޑައިރެކްޓަރެއް ވެސް ހުންނާނެ ތަފާތު ސްޓައިލެއް، ތަފާތު ގޮތެއް، އެކަމަކު އެތީގެ ނެރޭޓިވް އާއި އޭގެ ބޭސިކް އައިޑިއާ ރަނގަޅަށް ފޮލޯކޮށްފި ނަމަ އޮޑިއެންސްއަށް ވެސް ކަމުދާނެ.

އެއީ ހަމަ މޭފުއްޕާލާފަ ނުކުމެވޭނެ ދުވަހެއް އެއީ. އެއީ، ވަރަށް ބޮޑު ބަދަލެއް އެ އައީ މުޅި އިންޑަސްޓްރީއަށް ވެސް. އެކަމަކު މިކަން ކުރެވޭނީ އާ ބަޔަކު ވެސް މި އިންޑަސްޓްރީއަށް އައިސްގެން. އޭރުން އާ އެތައް ބަޔަކު ވެސް މި އިންޑަސްޓްރީއަށް ނުކުތީ މިކަން ކުރަން. އިންވެސްޓް ކުރަން ވެސް އާ ބަޔަކު ތިބޭނެ އެ ދުވަހަކުން. އެއީ ވަރަށް އުފާވާނެ ދުވަހެއް.

ރަވީ މިހާރު އަލަށް މަސައްކަތްކުރަމުން އަންނަ ފިލްމު "ވިޝްކާ" އަކީ ވެސް މި ބުނާ ބަދަލުތަކުގެ ތެރެއިން އުފެދިގެން އަންނަ ފިލްމެއްކަން ފާހަގަކޮށްލެވޭ. އަހަރެމެންނަށް ކުޑަކޮށް ކިޔާލަދީބަލަ ވިޝްކާ؟

ވިޝްކާގައި ދައްކުވައި ދެނީ ގައުމުގެ ހާލަތު. ސިޔާސީ ކަންކަމާ އެކުވެ، މި އުޅޭ ތަގްލައިފް. ތަގެއްގެ ވަށައިގެން މި އޮންނަ ސިޔާސީ ކޯޅުންތައް. ދެން މި އިންނަނީ ވިޝްކާ. ވިޝްކާގެ ވަށައިގެން މި އޮންނަނީ ތަގްލައިފްއެއް. މި ދޭތި އޭނަގެ ވަށަިއގެން މި އޮތީ. މި ދޭތި އޭނަ އަށް ޓޮލިރޭޓް ކުރެވޭނީ ކިހާވަރަކަށްތޯ؟ އޭތި މި ދައްކުވައިދެނީ. މީގަ ތަފާތުވާ އެންމެ ބޮޑު ސަބަބަކީ މި ފިލްމް ބަލަންދާ އިރު މި ފެންނަނީ ސިނަމާ ފިލްމެއް. ވީޑިއޯ ކެމެރާއަކުން ނޫނޭ މި ހުރީ ވީޑިއޯކޮށްފައި. ސިނަމާ ކެމެރާއަކުން ކެމެރާކޮށްފައި އޮތް ސިނަމާ ފިލްމެކޭ މިއީ. މީގެ ހުރިހާ މަސައްކަތެއް ވެސް އެހާ ފުރިހަމަ ވާނޭ. އެކްޓިން ވެސް ކެމެރާ ކުރުން ވެސް ސިނަމެޓަގްރޮފީ ވެސް. ހުރިހާ ގޮތަކަށް ބަލާ އިރުވެސް މިކަން ތަފާތުވާނެ.

ރަވީ މިބަލަނީ އެއް މަސައްކަތަށް ވުރެ އަނެއް މަސައްކަތް ރަނގަޅު ކުރަން. އަނެއްކާ މަހުދީ އަހުމަދު މީގެ ސްކްރީން ޕްލޭ މި ހެދީ. އެހެން ވީމާ އެތިވެސް ރަނގަޅު ވާނެ. އޭނަ ވެސް 2013 ގައި މީގެ ފުރަތަމަ ޑްރާފްޓް ވެސް ލިޔުނީ. އެއަށް ވެސް ފަހުން ބަދަލު ގެނައީ އެކި ގޮތްގޮތަށް ރިވައިޒްކޮށްގެން. ދެން ރަވީ އާއި ރިޝްމީއާ ގޮސް މަހުދީ އަށް ކޮންވީންސްކޮސްދީގެން އޭނާ ލިޔެފައި އޮތް އެތި ވެސް، 10 ފަހަރަށް އަލުން ބަލުން ލިޔުނީ. އެހެން ވީމާ ވަރަށް މަސައްކަތް މި ހުރީ ކުރެވިފައި. އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަކީ ހަމަ މީގެ އެކްޓިން ވަރަށް ފުރިހަމަވާނޭ.

މި ފިލްމުގައި ރަވީ ވެސް އެބަހުރި ބޮޑު ރޯލެއް ކުޅެފައި. ފިލްމެއް ޑައިރެކްޓްކުރަމުން އޭގައި ލީޑް ރޯލެއް ކުޅުމަކީ ކިހާ ފަސޭހަ ނުވަތަ އުނދަގޫ ކަމެއްތަ؟ ކޮން ކަހަލަ ތަޖުރިބާއެއްގެ ގޮތުގައި "ވިޝްކާ" ސިފަކުރާނީ؟

އެއްވެސް ގޮތަކަށް ފަސޭހަކަމެއް ނޫން އެއީ. އެކަމަކު މި ފިލްމްގައި ދިޔަ ޕްރީ-ޕްރޮޑަކްޝަން ވެސް ދިޔަ ދެ މަސްވަރު. ދިޔައިމާ އެނގޭ ޑީއޯޕީއަށް ވެސް ކިހިނެތްކަން ވާންވީ. ސައުންޑް ކުއްޖާއަށް ވެސް އިނގޭ ކިހިނެތްކަން ވާންވީ. އެހެން ވީމާ މާކަ އުނދަގުލެއް ނުވި. އެކަމަކު ފިލްމެއް ހަދާށޭ ކިޔާފައި ގޮސްފައި އާ ކެމެރާ ބަހައްޓާފައި ރިކޯޑަށް ލާށޭ ކިޔާފައި، މިހެން މިހެނޭ ވާނީ ކިޔާފައި އެހެން ހެދުމާ ހިލާފަށް، އެކަން ރޭވިގެން ދިޔައިމާ މިވީ ފަސޭހަ މި އޮތީ. އެހެން ނޫނީ މިއީ އުނދަގޫކަމެއް. ދެން އަވަހަކަށް މިގޮތަށް މިކަން ކުރާކަށް ހިތަކު ވެސް ނެތް. އެހާ ވެސް އުނދަގޫކަމެއް މިއީ.

މި ފިލްމުގެ ބަތަލާ، ރިޝްމީ، އަހަރެމެންނަށް މި ފާހަގަކޮށްލެވެނީ ރަވީގެ ހަޔާތުގެ ވަރަށް ހާއްސަ މޫނެއްގެ ގޮތުގައި. ރިޝްމީގެ ފުރަތަމަ ވީޑިއޯ ލަވަ ވެސް ކުޅުނީ ރަވީއާ އެކު. އެންމެފަހުން ދެ މީހުން އަދި މިހާރު އެއަށް ވުރެ ވެސް ގާތް. އެކްޓްރެސްއެއްގެ ގޮތުގައި އަދި ލައިފް ޕާޓްނަރެއްގެ ގޮތުގައި ރިޝްމީ ސިފަކުރާނީ ކިހިނެތް؟

އެކްޓަރެއްގެ ގޮތުގައި ރިޝްމީ ނަގަންޔާ ބުނާނީ، އެހެން މީހުންނަށް ބުނާ ބަދުބަހެއް ނޫން. ރަނގަޅު އައިކިޔުއެއް ހުރި އެކްޓްރެސްއަކަށް އޭނަ އެކަންޔޭ ހުރީ. މިބުނީ އެއްޗެއް ނެގުމުގައި ވެސް އޭނާގެ ކެރެކްޓާ އަންޑަސްޓޭންޑް ވާންވެސް، އެ ރޯލެއްގެ އެންމެ ފުނަށް ފީނަން ވެސް އަދި ބެކް ސްޓޯރީއެއް ގެނެސްދެން ވެސް، އެ ހުރިހާ ކަމަކަށް ބެލިޔަސް އޭނަ އެންމެ ރަނގަޅީ. ނަށަން ވެސް އެހާ މޮޅޭ.

ދެން ލައިފް ޕާޓްނަރެއްގެ ގޮތުގައި؛ ވަރަށް ރަނގަޅު ވަރަށް ކެއަރިން ކުއްޖެއް އެއީ. ހުރިހާ ސިފަތަކެއް ވެސް ވަރަށް ރަނގަޅު. އެޓެންޓިވްވާނެ. ކީކޭ ބުނާނީ، ވަރަށް ބައިވަރު އެއްޗެހި އެބަ ހުރި އެހެން ކިޔަން. ރަނގަޅޭ ހުރިހާ ކަމެއް ވެސް.

ބުނެވިދާނެތަ ރިޝްމީ އަކީ ރަވީގެ ލޯބީގެ ވަށް ބުރުގައި މިހާރު ކިހާ ހިސާބެއްގައި ހުރި މީހެއްކަން؟ ރިޝްމީއާ ރަވީ އުޅެނީ ރަށްޓެހި ވެގެންނޭ ވެސް އެބަ ބުނޭ. އެއީ ކިހާވަރެއްގެ ހަގީގަތެއް އެކަމުގައި އޮތް ކަމެއް؟

މިހާރު ހަމަ ރަށްޓެހިކަން. ޕްރޮފެޝަނަލްކޮށް މި މަސައްކަތް ކުރަނީ. މި ފިލްމް ފެށުމުގެ ކުރިން ދެ މީހުންގެ ގުޅުން، ފްރެންޑް ޒޯނަށް ބަދަލުވެއްޖެ. ދެން ހިޔެއް ނުވޭ، ވަރަށް އަންލައިކްލީ ރިޝްމީއާ ގުޅުން ވެސް. އެހެން ވީމާ ކައިވެނީގެ ވާހަކަޔަކާ ހަމަޔަށް ވެސް ނުދާނެތާ.

ރަވީ ކުރިން ބުނި، ރިޝްމީ އަކީ ލައިފް ޕާޓްނަރެއްގެ ގޮތުގައި ވެސް ހަމަ އެންމެ ސަޅި ކުއްޖެކޭ. ކީއްވެގެންބާ ދެ މީހުންގެ ލޯބި ނިމުމަކަށް އައިސް ރަށްޓެހިންގެ ގޮތުގައި ތިބެން މަޖުބޫރުވީ؟ އޭގެ ސަބަބުތައް ބުނެލެވިދާނެތަ؟

ކުރިން މި އޮތް ގުޅުން ނިމުމަކަށް އައީ، މިހާރު މިއީކީ 16،17 އަހަރުގެ އެއްކަލަ ރަށްޓެހިވާ ރަށްޓެހިވުމެއް ނޫންކަން. މިހާރު ބަލާނީ ސްޓޭބިލިޓީއަށް. ބަލާއިރުގައި ދެ މީހުންގެ ލައިފް އަދި ޕާސްޓް އޮތްގޮތުން ނެތް މިހާރަކު އުޅެވޭކަށް ދެ މީހުން އަނެއްކާ އެކުގައި އުޅެގެނެއް ބަދަހިކޮށް އުޅޭކަށް. ކޮންމެ ގޮތެއް ވިޔަސް، ރިޝްމީގަ ވެސް ހުންނާނެ، ޑިމާންޑްތަކެއް. އޭނަ އެކްސްޕެކްޓް ކުރާ ކަންތައްތަކެއް ވެސް. އެގޮތަށް ރަވީގެ ވެސް ހުންނާނެ. އެކަމަކު ދެ މީހުންގެ އެ ކަންތައްތައް ދިމާނުވީމާ، އަންނާނެ ފުށުއެރުންތަކެއް. އެކަމާ ތަޅާފޮޅުމަށް ވުރެ ރަނގަޅުތާ ދެ މީހުންގެ ރަހުމަތްތެރިކަމުގައި އެކަން ނިންމާލިއްޔާ. އެހެންވެ، އެގޮތަށް ނިންމީ.

ގަބޫލުކުރަންތަ ފިލްމީ ދާއިރާއިން ނުވަތަ މަޝްހޫރު މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަކީ ޕޮޒިޓިވް ކަމެއް ކަމަށް. އަހަރެމެންނަށް ފެނިގެން ގޮސްފި ރަވީ އާއި ލަހުފާ ފާއިޒް ވެސް. މަޝްހޫރު މީހުން މަޝްހޫރު މީހުންނާ ހިތާވުން ސިފަކުރާނީ ކިހިނެތް؟

މަޝްހޫރި މީހަކާ ހިތާވުން މިއީ އަސްލު އަމިއްލަ މީހާގެ އިންޓަގްރިޓީއެއް އިންނަ ކަމަށްވަންޏާ އެއީ ހަމަ ވަރަށް ޕޮޒިޓިވްކަމެއް. އެކަމަކު މިހާރު މިވާ ގޮތަކީ، ލަވަޔަކުން ނޫނީ، ފިލްމަކުން އަންހެން ކުއްޖަކު ފެނިގެން އޭނަގެ ނަމްބަރު ހޯދައި މެސެޖްކޮށް ގުޅައި ދެން ކޮފީއަށް ގޮސް ސައިކަލު ބުރުޖަހާ، ދެން ވަރަށް މަޝްހޫރި ކުއްޖެއް. އެ ކުއްޖާ ގޮވައިގެން މި އުޅެނީ. ދެން މިހެން ގޮސް މި އިންނަނީ އެންމެ ފަހުން. ދެން އެ ހިސާބުން އެ ކުއްޖާ މި އިންނަނީ ޖެހެނީ ގޭގައި. ވައްތަރަކަށް ކޮއްޓަކަށް މިލަނީ. އެ ހިސާބުން މުޅި އެތި ބަދަލުވީ. ފުރަތަމަ އޭނަ ފެނީ ވެސް އެކްޓްރެސްއެއްގެ ގޮތުގައި. މިކަހަލަ ކަންކަން މި އަންނަނީ.

އެކަމަކު ޕޮޒިޓިވް އެއްޗެއް ނެގެޓިވް މިކޮށްލެވެނީ. ސުވާލަކީ ދެން ކޮބައިހޭ އަންހެން ކުއްޖާގެ ހައްގު. އޭނަ ވެސް ކުރަން ބޭނުންވާ ކަންކަން ހުންނާނެ. މިކަހަލަ ކަންކަން ވެސް އެބަ ވެޔޭ. އެހެން ވީމާ، މީގައި އިންނާނީ އަދި ކޮންމެ ކަހަލަ ކުއްޖެއް މަޝްހޫރި ވިޔަސް ނުވިޔަސް އެ ދެމީހަކު އުޅެން ހުރެއްޖިއްޔާމުން އުޅެވޭނެ. ދެން މަޝްހޫރު މީހުންގެ ޑިވޯސް އާއި މި ހުރިހާ އެއްޗެއް ހުންނާނެ. އެތައް ބަޔަކު މި އޮތް ޑިވޯސް މިއޮތް ކުރަނީ. ރަވީ ކްލާސްމޭޓެއްގެ ބައްޕަ، 18 މީހުންނާ އިން. ރަވީގެ އުމުރުން 14 އޭރު. މިހާތު އޭނަގެ ރެކޯޑް ހުރި ހިސާބެއް ވެސް ނޭނގެ އެވެ. އެކަމަކު އޭނަގެ ހަބަރެއް ނުޖަހާ. ދެން މަޝްހޫރު ވީމާ އެ މީހުންގެ ވާހަކަ މި ޖަހަނީ.

ރަވީ މިހާތަނަށް ދެ ކައިވެންޏެއްކޮށް ދެ ކައިވެނި ވެސް ރޫޅިފައިތިވަނީ. ބުނެވިދާނެތަ ރަވީ އަކީ ރިލޭޝަންޝިޕްސްތަކުގައި ހަރުލާ މީހެއް ނޫނޭ ނުވަތަ ކައިވެންޏަކީ ރަވީ އަށް އެހާ ރަނގަޅު އެއްޗެއް ނޫނޭ؟

ރަވީއަކަށް ވެސް ހުދު ރަވީގެ ލައިފްސްޓައިލެއް ނޭނގެ. އެއީ ބަދަލުވާނެ އެއްޗެއް. އޭތި އަންނަ ވަރަކަށް އޭތި ބަދަލުވަމުން ދާނެ. މިވޭތުވެ ދިޔަ ތަނަށް ބަލާފައި ރިލޭޝަންޝިޕްގައި މިވާގޮތަކީ، ތަޖުރިބާއަށް ބަލާއިރު ރަވީ މި ހުރީ ސިންގަލްކޮށް. ދެން ބުނެވެން އެބަ އޮތްތާ ދޯ އެއްވެސް އެއްވެއް ވޯކް ނުކުރީމަ ނޫންހޭ ސިންގަލްކޮށް ތި ހުރީ. އެކަމަކު ގަބޫލެއް ނުކުރަމޭ، އެއްޗެއް ވޯކް އައުޓް ނުކުރާ ކަމަށް ވަންޏާ އެއަށް ތަޅާފޮޅަފޮޅައި އެކަމާ ހެދި މުޅި މީހާގެ ހަޔާތް، ދުއްވާލުމަށް ވުރެ، އަމިއްލަ މީހާ ސަލާމަތުން ހުރުން މުހިންމުން ކަންނޭނގެ. މީހަކާ ހެދި މޮޔަވުމަށް ވުރެ އަމިއްލަ މީހާ ސަލާމަތުން ހުރުން މުހިންމު ވާތީ މިގޮތަށް ސިންގަލްކޮށް މި ހުންނަނީ. މިއީ އަދި ރިލޭޝަންޝިޕެއްގައި ހަރުނުލުން ނޫނީ ވޯކްނުކުރުމެއް ނޫން.

ހަތް އަހަރު ދުވަހު އުޅެފައި މި ހުރީ ކައިވެންޏެއްކޮށްގެން އުޅެފައި. އެހެން ވީމާ އެކަން ވެސް ދެން ވެސް ވޯކް އައުޓް ކުރާ ހިސާބަށް ދިޔައިމާ ވޯކް އައުޓް ކުރާނެ. އަދި އެ ހިސާބަށް އެއްވެސް ކަމެއް ނުދަނީ.

ކީއްވެގެން ކަމަށް ރަވީ ގަބޫލުކުރަނީ ކުރީގެ ދެ ކައިވެނި ވެސް ރޫޅިގެން ދިޔައީ. ރަވީގެ މައްސަލައަކުންނޭ ބުނެވިދާނެތަ ކޮންމެ ފަހަރަކު ވެސް ދެ މީހުން ވަކިވާން ޖެހެނީ؟

ލަހޫ އާ ދެ މީހުން ހަމަ ކުޑައީ އޭރުގައި. އުމުރުން ކިތަންމެ ބޮޑު ނަމަވެސް، ކައިވެނިކޮށްގެން އުޅެން އޭރު ދެ މީހުން ވެސް ހަމަ ޅައީއޭ ބުނާނީ. ކަންކަމާ ޑީލް ކުރާނެ ގޮތެއް އޭރުގައި ނޭންގުނު. އެއީ ކަން ނޭނގެ މި ދިމާވި މައިގަނޑު މައްސަލައަކީ.

ކުދިންގެ މަންމަ ކަންތަކުގައި، އޭރު ކައިވެނި މި ރޫޅުނީ، ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަންތައްތަކެއް ކުރިމަތިވީ ދެ މީހުންނަށް އެއްކޮށް ނޫޅެވޭ ވަރުގެ. އެކަންތައްތައް ގޯހުން ގޯހަށް ދިޔުމުގެ ކުރިން. އެކަމުގެ ސަބަބުން ކުދިންނަށް ކުރާނެ އަސަރު މާ ބޮޑުވާނެތީ ކުދިންގެ ކުރިމަތީގައި އެ ފްރަސްޓްރޭޝަން ޒުވާބު ވެސް، ކުރެވޭ ހިސާބަށް ގޮސްދާނެތީ، ހުރިހާ ކަމެއްވުމަށް ވުރެ، ދެ މީހުން މާ ރަނގަޅުވާނޭ ހަމަޖެހިލައިގެން ދުރުވިއްޔާ. އޭނަވެސް ހަމަ ހެޕީ. އަހަރެން ވެސް ހެޕީ ހަމަ. އެއަކު އަހަރުމެން ދެ މީހުންގެ ނެތް މައްސަލައެއް. އޭނަޔާ އެކު ކަން ނޭނގެ އެންމެ ސަޅިކޮށް ލައިފެއް އުޅެވުނީ ވެސް. ކުދިން ވެސް ތިބެ. އެ މީހުންނަށް ވެސް ވަގުތު ދެވި. އޭރުގައި އަސްލު ލައިފްގައި ކޮންމެވެސް ކަހަލަ މީނިންއެއް އިން.

ވަރަށް ބޮޑު ސުވާލެއް އުފެދިއްޖެ. އެންމެ އުފަލުގައި އުޅެވުނީ ރަވީގެ ފުރަތަމަ އަންހެނުންނާ އެކުގައި ކަމަށް ތި ބުނަނީ. އެހެން ވީމާ އޭނަ ވަރަށް ވެސް ހާއްސަ ވާނެތާ؟ ސުވާލަކީ ރަވީގެ ފުރަތަމަ އަންހެނުންނާ އަލުން ކައިވެނީގެ ގޮތުން ގުޅިދާނަން ހެއްޔޭ؟

ވެރީ އަންލައިކްލީ. ވާގޮތަކީ މިހާރު މި އޮތް އެތި ބްރޭކްވާން ބޭނުން ނެތީ. މީތި މާ ރަނގަޅު. މި ފްރެންޑްޝިޕް އޮތީމާ ކުދިންގެ ކަންކަމުގައި އަޅާލުމާ މިކަންކަން މާ ރަނގަޅަށް އެބަ ގެންދެވޭ. މި ގޮތް ކަން ނޭނގެ އެންމެ ރަނގަޅީ.

ލޯބީގައި، ރަވީ އަކީ ކޮން ކަހަލަ މީހެއްތަ؟ މިހާރު އުޅޭނީ ދެ ވައްތަރެއްގެ މީހުން. ރިލޭޝަންޝިޕަކަށް ވަރަށް ކޮމިޓްވާ ބަޔަކާއި ލޯބިވިޔަސް އަމަލުން އެކަން އެހާ ބޮޑަށް ނުދެއްކިގެން އުޅޭ މީހުން. ކޮބައިތަ ރަވީގެ ހާލަކީ މި ތަނުން؟

ތިކީ ދެ ވައްތަރުގެ ތެރެއިން އޭގެ ތެރެއިން ކޮމިޓްމަންޓް ދީގެން ފިނިފެންމަލެއް ދިނަސް، މެޓައެއް ދިނަސް ޗޮކްލެޓެއް ދިނަސް ފޭސްބުކް އިންސްޓަގްރާމަށްލާ، މިއީ ރަވީ ގަބޫލު ކުރާ ގޮތުގައި އިންވެސްޓްމަންޓް ޕްރޫފަކަށް މިކަން މިކޮށްލަނީ. ތިމަންނަ މިވެނި ކަމެއް ކޮށްދިނީމޭ ބުނަން ކުރާ ކަމެއް މިއީ. ފިހާރަތަކުން ވިޔަފާރި ކުރީމައި ވައުޗަރު ދޭގޮތަށް. ބިލެއް ވެސް އިންވޮއިސް މިލިބޭ ގޮތަށް. އަސްލުގައި އެކަން މި ކުރަނީ މި އުސޫލުންނޭ ބުނާނީ. އޭރުން ބުނެވޭނެތާ ރަވީއޭ މާދިނީ، ފޮޓޯ ވެސް ނެގީ. ދެން އަންހެން ކުއްޖާ ފޮޓޯ ވެސް ނުނަގާ މަލެއް ވެސް ނުދޭ. ދެން އެއްކަލަ މައްސަލަ ޖެހޭ ދުވަހުން ފޮޓޯ ދައްކާފައި ބުނާނެ ތިމަންނާއޭ މާދިނީ. ކަލޭ ނުދޭ އެއްވެސް އެއްޗެއް. ދެން މިއީ އަޅާ ކިޔަން ކޮށްލާ ކަމެއް ގޮތަށް ސިފަވަނީ.

ދެން މިތިބެނީ، އަޅާ ނުލާ މީހުން. އަޅާނުލާ މީހުން އަސްލުގައި މާ ރަނގަޅު، ހަމަޖެހިގެން ކަންނޭނގެ ގިނަ ފަހަރަށް އުޅެނީ. އަޅާ ނުލައޭ މި ބުނަނީ ކަންދެއްކުމަށް ދެ މީހުން ވެސް ކަން ނުކުރާ ކަޕުލްތަކުގެ ވާހަކަ. ރަވީ އަށް އަސްލު ކަމަކު ނުދޭ މީރު މެޓައެއް ގެނެސް އޭގެ ފޮޓޯލައި ތަނަކަށް ކާން ދިޔަ ނަމަވެސް އެ ފޮޓޯލާ މިއީ ރަނގަޅު ކަމެކޭ. އެ އެއްޗެއް ދިނީމާ އެ މީހުން އެ މޮމެންޓްގައި އެއާ އެއްކޮށް ލިވްކޮށްލުން އެއީ ކަން ނޭނގެ އެންމެ ރަނގަޅު ގޮތަކީ. ކޮންމެހެން މީހުންނަށް އޭތި ދައްކާކަށް ނުޖެހޭ. ބަޔަކު ބުނެގެނެއް ނޫންތާ އެދެ މީހުން ރަށްޓެހި ވެގެން އުޅެނީ. ދެ މީހުންނަށް ފެނިގެން އެ އުޅެނީ. އެ މީހުން އެ މީހުންގެ އޯން ލައިފްއެއް ލިވްކޮށްލަނީ.

ޔޫ ހޭވް ލައިކް ހައު މެނީ ކިޑްސް؟ ވިސްނަންތަ އިތުރު ކުދިން ހޯދަން؟ މިސާލަކަށް، ކައިވެންޏެއް ކައިރި މުސްތަގުބަލެއްގައި ކޮށްފި ނަމަ އިތުރު ކުދިން ހޯދާނަންތަ؟

ދެ ފިރިހެން ކުދިން ތިބެނީ. ދެން އަދި ކައިވެންޏެއް ކުރުމުގެ ވިސްނުމެއް ނެތް. ދެން ކައިވެންޏެއް ކޮށްފިއްޔާ ހަމަ އިތުރު ދަރިން ހޯދުމުގެ ފުރުސަތު އެބަ އޮތް. އެއީ ނުކުރާނެ ކަމެކޭ ނުބުނާނަން.

  • ފޮޓޯގްރެފީ އެންޑް ރީޓަޗިން: މިލްޒީރޯ ނިޝާން
  • މޭކަޕް ހެއާ އަދި ސްޓައިލިން: ޖަސްޓިން
  • ވޯޑްރޯބް: ޗެޕްސް / ރިނިއު / ޒީ ބުޓީކް އަދި ޖޭ
  • ވީޑިއޯ: މުހައްމަދު އަޒާން -- އަވަސް
  • އެޑިޓިން: އަހުމަދު ޝުރާއު -- އަވަސް