މީރާ

މިދިޔަ އަހަރު 3000 އަށްވުރެ ގިނަ ވިޔަފާރި ޓެކްހަށް ރަޖިސްޓްރީކުރި

Jun 25, 2016
  • ޓެކްސް ދަފުތަރުގައި 25،618 ވިޔަފާރި
  • ޖީއެސްޓީ ރަޖިސްޓްރީގައި 10،500 ފަރާތް
  • އޮޑިޓަރުންގެ ގޮތުގައި 32 ފަރާތް

ތިން ހާހަށްވުރެ ގިނަ ވިޔަފާރި ޓެކްސް ދައްކަން މިދިޔަ އަހަރު މުޅިން އަލަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާއިން ބުނެފި އެވެ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު އެ އޮތޯރިޓީން ބަލަހައްޓާ ޓެކްސް ދަފުތަރުގައި 25،618 ވިޔަފާރި އެބައޮތެވެ. އެއީ އަހަރު ފެށުނުއިރާ އަޅާބަލާއިރު 16.7 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާއިން ބުނީ ޓެކްސް ދައްކާ 598 ފަރާތެއް ޓެކްސް ދަފުތަރުން މިދިޔަ އަހަރު އުނިކޮށްފައިވާ ކަމަށާއި، އަދި ރަޖިސްޓްރީކޮށްފައި ނުވާކަމަށް ފާހަގަ ކުރެވިގެން ނޯޓިސް ދީފައިވާ 310 ވިޔަފާރިއެއް ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

ރިޕޯޓްގައިވާ ގޮތުން މީރާގައި ރަޖިސްޓްރީ ކުރުމުގެ އިތުރުން، ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކުން ޖީއެސްޓީއަށް ރަޖިސްޓްރީ ކުރަން ލާޒިމްވެ އެވެ. ދެހާސް ފަނަރަވަނަ އަހަރު ނިމުނުއިރު 10،500 ފަރާތެއް ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވެ އެވެ. މިއީ 2014 ވަނަ އަހަރާއި އަޅާބަލާއިރު 16.3 ޕަސެންޓް އިތުރު އަދަދެކެވެ. ދެހާސް ފަނަރަ ވަނަ އަހަރުގެ ތެރޭގައި 1،561 ފަރާތެއް އަލަށް ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވެ އެވެ. ޖީއެސްޓީއަށް ރަޖިސްޓްރީ ކޮށްފައިވާ 518 ފަރާތެއް ދަފުތަރުން އުނިކޮށްފައިވެ އެވެ.

މީރާއިން ބުނީ މިދިޔަ އަހަރުގެ ނިޔަލަށް 32 އޮޑިޓަރުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.