ހަބަރު

ލޯންޗުކޮޅުން ހެކި ނައްތާލި ތިހާމާއި ޒަމީރު މިނިވަންވެއްޖެ

"ފިނިފެންމާ" ލޯންޗްކޮޅުގައި އެއްޗެއް ގޮވާފައިވަނިކޮށް އެ ލޯންޗުކޮޅަށް އަރައި ހެކި ނައްތާލަން އުޅުނު ކަމުގެ ކުށް ސާބިތުވި ސިފައިންގެ ދެ މީހުން ކަމަށްވާ މޫސާ ޒަމީރާއި އަހުމަދު ތިހާމް މިނިވަންވެއްޖެ އެވެ. ކަރެކްޝަނަލް ސާވިސްއިން އެމީހުން މިނިވަންކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ.

މި ދެ މީހުންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. ދެ މީހުން ވެސް ދޫކޮށްލާފައި މިވަނީ އެމީހުންގެ ޖަލު ހުކުމް ތަންފީޒުކުރެވިފައިވާތީ އެވެ. ގާނޫނުގައިވާ ގޮތުން ޝަރީއަތް ކުރިއަށްދާއިރު ހުންނަ ބަންދުގެ މުއްދަތު ހުކުމުން ކެނޑޭނެ އެވެ.

ފިނިފެންމާގައި އެއްޗެއް ގޮއްވާލި ހާދިސާއަށް މާގިނަ ދުވަސްތަކެއް ނުވަނީސް މި ދެ މީހުން ހައްޔަރުކުރިއިރު 75 ދުވަހު ދޫނިދޫ ގޮޅީގައި މި ދެ މީހުން ބައިތިއްބާފައިވެ އެވެ. އޭގެފަހުން ހުކުމް އިއްވަންދެން މި މީހުން ތިބީ ގޭބަންދުގަ އެވެ. ހުކުމަކީ ހަތަރު މަހާއި 24 ދުވަހުގެ ހުކުމަކަށްވާއިރު އެއަށްވުރެ ގިނަ ދުވަސްވަންދެން ޒަމީރާއި ތިހާމް ތިބީ ބަންދުގަ އެވެ.

ތިހާމާއި ޒަމީރުގެ މައްޗަށް އަދަބު ކަނޑައަޅާފައިވަނީ އަސާސީ އަދަބު ތިން ދަރަޖަ ލުއި ކުރުމަށްފަހު އެވެ. އެގޮތަށް ލުއިކޮށްފައިވަނީ ތިހާމާއި ޒަމީރު އަމަލުކޮށްފައިވަނީ މާލޭ އޭރިޔާގެ ކުރީގެ ކޮމާންޑަރު ކާނަލް ފަޔާޒުގެ އަމުރަށްކަން އެނގެން އޮންނާތީ އެވެ.

ލޯންޗުކޮޅުގައި އެއްޗެއް ގޮވި ދުވަހު، ފަޔާޒު އަމުރަށް ތިހާމާއި ޒަމީރު ލޯންޗުކޮޅަށް އަރާފައިވާކަން ސާބިތުވާ ކަމަށާއި އެ ލޯންޗުކޮޅުން ތަހުގީގަށް ބޭނުންކުރެވިދާނެ ހެކި ނަގައިގެން ހުޅުލެއަށް ތިހާމާއި ޒަމީރު ގެންގޮސްފައިވާ ކަމަށް ހެކިންގެ ހެކި ބަހުން ސާބިތުވާ ކަމަށް މި ދެ މީހުންނަށް އިއްވި ހުކުމުގައިވެ އެވެ.

ތަހުގީގު އިދާރާއެއްގެ ލަފާއެއް ނެތި ލޯންޗުކޮޅުން ސާޕަންލްތަކެއް ނަގައިގެން ހުޅުލެއަށް އެ ގެންގޮސްފައިވަނީ ރަނގަޅު ނިޔަތެއްގައި ނޫން ކަމަށް ވެސް އެނގޭ ކަމަށް ހުކުމުގައިވެ އެވެ.