އެމެރިކާ

ފެން ބޮޑުވުމުގެ ސަބަބުން ވާޖީނިއާއިން 20 މީހުން މަރުވެއްޖެ

ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން އެމެރިކާގެ ހުޅަނގު ވާޖީނީއާގައި ފެންބޮޑުވެ 20 މީހުން މަރުވެއްޖެ އެވެ. އޭގެ ތެރޭގައި އަށް އަހަރުގެ ކުއްޖަކާއި ތުއްތު ކުއްޖަކުވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ސްޓޭޓް ގަވަރުނަރު އަލް ރޭ ޓޮމްބްލިން ވިދާޅުވީ ގުގުރާ ވިދާ ބޯކޮށް ވާރޭވެހި ފެން ބޮޑުވެ އެ ސްޓޭޓަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެމެރިކާގެ 44 ސްޓޭޓެއްގައި މިހާރުވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.

މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ރެސްކިއު ޓީމުން ބުނީ 500 އެއްހާ މީހުން ޝޮޕިން ސެންޓަރުތަކުގައި ތާށިވެފައި އެބަތިބި ކަމަށާއި މީހުން ތާށިވެފައި ތިބިތޯ އިތުރު ތަންތަން ބަލަމުންދާ ކަމަށެވެ. މީހުން ހޯދުމުގައި 200 އަށްވުރެ ގިނަ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ފެންބޮޑުވުމުގެ ސަބަބުން 100 އަށްވުރެ ގިނަ ގެ ހަލާކުވެފައިވާއިރު އެ ސްޓޭޓުގެ ބޮޑު ބަޔަކުންވަނީ ކަރަންޓު ކަނޑައިގެން ގޮސްފަ އެވެ. ގަވަރުނަރު ވިދާޅުވީ ބައެއް ސްޓޭޓްތަކަށް މިހާ ބޯކޮށް ވާރޭވެހުނު މިއީ ފުރަތަމަ ފަހަރު ކަމަށެވެ.

އެމެރިކާއަށް މިއަހަރު ކުރީކޮޅު ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން ވެސް ގިނަ އަދަދެއްގެ މީހުން މަރުވެފައިވެ އެވެ. އަދި ބައެއް ސިޓީތައް ވަނީ އެކީހެން ހުއްޓުމަކަށް އައިސްފަ އެވެ.