ހަބަރު

އެކައުންޓެއްގެ މައުލޫމާތު ލީކުކުރި މީހާގެ ޝަރީއަތް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކަސްޓަމަރެއްގެ އެކައުންޓެއްގެ މައުލޫމާތު ނަހަމު ގޮތެއްގައި ބޭނުން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި، ފ. ނިލަންދޫ ބީއެމްއެލް ބްރާންޗްގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލް ކަރީމްގެ މައްޗަށް ދެ ދައުވާއެއް ދައުލަތުން އުފުލައިފި އެވެ.

ގާސިމް އަބްދުލް ކަރީމްގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ ހުއްދަނޫން ގޮތެއްގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި އެނގިހުރެ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަކުރުމުގެ ދައުވާ އެވެ. މި ދެ ދައުވާ ގާސިމްގެ މައްޗަށް އުފުލާފައިވާއިރު މިއަދު އޭނާގެ ޝަރީއަތް ފަށާނެ އެވެ. މި މައްސަލާގެ ފުރަތަމަ އަޑުއެހުން މިއަދު 12:00 އަށް ވަނީ ތާވަލުކޮށްފަ އެވެ.

މިދިޔަ ފެބުރުއަރީ މަހު ބީއެމްއެލްއިން ހުށަހެޅި މައްސަލައަކާ ގުޅިގެން ފުލުހުން އޭނާ ހައްޔަރުކުރީ، ބީއެމްއެލްގެ ކަސްޓަމަރެއްގެ މައުލޫމާތު ހުއްދަ ނެތި އާންމުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

އޭނާގެ ބަންދު މުއްދަތު ކުރިމިނަލް ކޯޓުން 12 ފަހަރެއްގެ މަތިން އިތުރުކޮށް ދިނެވެ. އެ ކޯޓުން އެންމެ ފަހުން ގާސިމްގެ ބަންދަށް އިތުރުކޮށްދިން މުއްދަތު އޭނާގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. މި މައްސަލާގައި ހައިކޯޓުން ނިންމީ އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން އޭނާ ބަންދުން ދޫކޮށްލުމަށެވެ. ނަމަވެސް ފުލުހުން އޭނާ ދޫކޮށްލާފައެއް ނުވެ އެވެ. ފުލުހުން ބުނީ އޭނާ މިހާރު ބަންދުގައި ހުރީ އެހެން މައްސަލައެއްގައި ކަމަށެވެ.

އެނގިފައިވާ ގޮތުގައި ބެންކުގެ މުވައްޒަފަކު ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ކޮރަޕްޝަން އާ ގުޅުން ހުރި އެކައުންޓެއްގެ މައުލޫމާތު ލީކު ކުރި މައްސަލާގަ އެވެ.