ހަބަރު

ހުމާމްއަށް މަރުގެ ހުކުމް ތަންފީޒު ކުރުމަށް މަސައްކަތް ފަށައިފި

Jun 26, 2016
13

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު، އަފްރާޝީމް މަރާލުމުގެ ކުށް ސާބިތުވި، ހ. ލޮބީ ހުސެން ހުމާމް މެރުމަށް ކުރި ހުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދު ކުރުމާ އެކު ހުމާމްގެ މައްޗަށް އެ ހުކުމް ތަންފީޒު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް، ކަރެކްޝަނަލް ސާވިސަސް އިން މިއަދު ބުނެފި އެވެ.

އެ ސާވިސްގެ މީޑިއާ ކޯޑިނޭޓަރު، އަހުމަދު ލުގްމާން މިއަދު، "އަވަސް" އަށް ވިދާޅުވީ، ހުމާމްގެ މައްޗަށް އިއްވި މަރުގެ ހުކުމް ލަސްނުކޮށް، ވީހާ ވެސް އަވަހަކަށް ތަންފީޒު ކުރުމަށް އެ ސާވިސް އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ހުކުމް އޭނާގެ މައްޗަށް ތަންފީޒު ކުރުމަށް ފުރިހަމަ ކުރަން ޖެހޭ އެންމެހާ ކަންކަން ފުރި ހަމަ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ލުގްމާން ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ހުކުމް އަދި ތަންފީޒު ކުރެވޭނެ ވަކި ދުވަހެއް ދަންނަވަން ނޭނގޭ ކަމަށް ލުގްމާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހުމާމްގެ ނޫނަސް ޝަރުއީ ހުރިހާ މަރުހަލާ އަކުން މަރުގެ ހުކުމް އިއްވާފައިވާ ފަރާތްތަކުގެ މައްޗަށް އެ ހުކުމް ތަންފީޒު ކުރުމަށް ތައްޔާރީތައް އެ ސާވިސް އިން އަބަދުވެސް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް މިހާރު މި ވަނީ ފެށިފައި. އަޅުގަނޑުމެން މި ބަލަނީ ހުކުމާ އެއްގޮތަށް ލަސްނުކޮށް އެކަން ތަންފީޒު ކުރަން،" ލުގްމާން ވިދާޅުވި އެވެ. އެ މަސައްކަތްތަކުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

"އަފްރާޝީމްގެ ވާރިސުން ހުމާމް އަދި ނުމަރާ ބަހައްޓައިދިނުމަށް އެދިފައިވޭނޫންތޯ" ސުވާލުކުރުމުން ލުގްމާން ވިދާޅުވީ ހުކުމް ތަންފީޒު ކުރުމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ މަރުހަލާގެ ތެރެއިން އެ ހުރިހާ ކަމަކަށް ވެސް ކަރެކްޝަންސް އިން ބަލާނެ ކަމަށެވެ. އަދި ހުރިހާ ކަންކަން ނުނިމެނިސް އެކަމުގައި އަދި އެއްޗެއް ދެންނެވެން ނެތް ކަމަށް ވެސް ލުގްމާން ވިދާޅުވި އެވެ.

އަފްރާޝީމްގެ ވާރިސުން ސުޕްރީމް ކޯޓަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، އަފްރާޝީމް މަރާލުމަށް ހަރަދު ކުރި ބަޔަކު އަދި ހޯދިފައި ނުވާތީ އެ ތަހުގީގު ފުރިހަމަ ކުރުމަށް ހުމާމް ދުނިޔޭގައި ހުރުން ވަރަށް ވެސް މުހިންމު ކަމަށެވެ. އަދި އެ ތަހުގީގު ނިމެންދެން ހުމާމް ނުމަރާ ބެހެއްޓުމަށް އެދޭ ކަމަށް ވެސް ވާރިސުން ވަނީ ބުނެފަ އެވެ.

މަރުގެ އަދަބު ދިނުމަށް އެކުލަވާލި ގަވާއިދާ ހަވާލާދެއްވާ އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ މަރުގެ އަދަބު ދިނުމަށް، ޝަރުއީ ހުރިހާ މަރުހަލާއަކުން ހުކުމް ކުރާތާ 30 ދުވަހުގެ ތެރޭގައި އެ ހުކުމް ތަންފީޒު ކުރާނެ ކަމަށެވެ. އަދި އެ އަދަބު ދޭން ޖެހެނީ ދަންޖައްސައިގެން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެކަމަށް ޓަކައި ވާން ޖެހޭ އިދާރީ ތައްޔާރީތައް ނިމިފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް، ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ނުކުރުމަށް ގޮވާލާ އެކި ފަރާތްތަކުން ސަރުކާރަށް އަންނަނީ ޕްރެޝަރު ކުރަމުންނެވެ. މިފަހުގެ ތާރީހެއްގައި ރާއްޖޭގައި މަރުގެ އަދަބު ތަންފީޒެއް ނުކުރެ އެވެ.