އެއްވެސް ކުށަަކަށް މަރުގެ އަދަބު ދިނުން ނުހިމެނޭ ގޮތަށް އަދި މަރުގެ އަދަބު އުވާލުމަށް ރާއްޖޭގެ ގާނޫނުތައް ބަދަލުކުރުމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ރާއްޖެއަށް ގޮވާލައިފި އެވެ.
އެ ޖަމިއްޔާއިން މިގޮތަށް ރާއްޖެއަށް ގޮވާލާފައިވަނީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކުށް ސާބިތުވެ ޝަރުއީ ތިން މަރުހަލާގެ ކޯޓުން ވެސް މަރަން ހުކުމްކޮށްފައިވާ ހ. ލޮބީ ހުސެއިން ހުމާމް މަރަން ސަރުކާރުން މަސައްކަތްކުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ބަޔާނުގަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ 60 އަހަރަށްވުރެއް ދިގު މުއްދަތަކަށްފަހު ފުރަތަމަ ފަހަރަށް މަރުގެ އަދަބު ތަންފީޒު ކުރުމަށް ރާވާ ރޭވުންތައް ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި، އިންސާފުވެރި ޝަރީއަތެއްގެ ރުކުންތައް އެންމެ މަތީ ދަރަޖައަށް ފުރިހަމަނުކޮށް އަދަބު ތަންފީޒު ކުރުމަކީ ޣައިރު ގާނޫނީ ގޮތުން މީހަކު މެރުމުގެ ކުށުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
އެމްނެސްޓީން ބުނީ، މަރުގެ އަދަބު ތަންފީޒުކުރަން ފެށުމަކީ ރައްޔިތުންގެ ރައްކާތެރިކަމާއި ގާނޫނުގެ އަމުރު ދެމެހެއްޓުމަށް ލާޒިމްކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވުމަކީ ސިހުން ލިބޭ ކަމެއް ކަމަށެވެ. މަރުގެ އަދަބަކީ ކުށުގެ ވެއްޓާ މުޖުތަމައު ދުރުކުރުމުގައި އެހެން އަދަބުތަކަށްވުރެ ބޮޑު ދައުރެއް އަދާކުރާ ކަމެއް ކަމަށް ސާބިތުކޮށް ދިނުމަށް ކުރެވިފައިވާ އެއްވެސް ދިރާސާއަކުން އެކަން ސާބިތުކޮށްދެވިފައިނުވާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
އިތުރަށް އެ ބަޔާނުގައި ބުނެފައިވަނީ، ކޮންމެ ފަދަ ކުށެއްކުރި މީހެއް ކަމަށްވީ ނަމަވެސް ނުވަތަ ކޮންމެ ފަދަ ހާލަތެއްގެ ކުރި ކުށެއް ކަމަށްވީ ނަމަވެސް މަރުގެ އަދަބު ދިނުމަށް އެމްނެސްޓީ އިން ދެކޮޅު ހަދަނީ އެއްވެސް އިސްތިސްނާއަކާނުލާ ކަމަށެވެ. އަދި ރާއްޖޭގެ މަރުގެ އަދަބު ތަންފީޒުކުރުން ފެށުން ވެގެންދާނީ ފަރުދުންގެ އިންސާނީ ހައްގުތައް ފަނާކުރަނިވި ބޮޑު ފިޔަވަޅަކަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެ ޖަމާއަތުން ބުނީ ދުނިޔޭގެ ގައުމުތަކުން ދަނީ މަރުގެ އަދަބު ދިނުމާ ދުރުހެލިވަމުން ކަމަށާއި 140 ގައުމު ވަނީ މަރުގެ އަދަބު އުވާލައި ނުވަތަ ތަންފީޒުކުރުން ހުއްޓާލާފައި ކަމަށެވެ.
ހުމާމާއި އުމުރުން 18 އަހަރު ނުފުރެނީސް ކޮށްފައިވާ ކުށަށް މަރުގެ އަދަބު ކަނޑައަޅާފައިވާ ފަރާތްތައް ޝާމިލުވާ ގޮތަށް މަރުގެ އަދަބު ދިނުމުގެ ހުކުމް އިއްވާފައިވާ އެންމެހައި ގައިދީންނަށް ވަގުތުން ލުއިދީ މަރުގެ އަދަބު ނޫން އަދަބަކަށް ހުކުމް ބަދަލުކޮށްދިނުމަށް އެ ޖަމާއަތުން ވަނީ އެދިފަ އެވެ. ރާއްޖޭގައި ގާތްގަނޑަކަށް 17 އެއްހާ މީހުންނަށް މަރުގެ ހުކުމް އިއްވާފައިވެ އެވެ.
މަރުގެ ހުކުމް އިއްވާތާ 30 ދުވަސް ތެރޭގައި ހުކުމް ތަންފީޒުކުރާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު ހުމާމަށް މަރުގެ ހުކުމް ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. ނަމަވެސް 30 ދުވަހުގެ ތެރޭގައި އެ އިންތިޒާމް ހަމަނުޖެއްސޭނެ ކަމަށް ކަރެކްޝަނުން ބުނެފައިވެ އެވެ. ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ، ބޭރުގެ ނުފޫޒު ކިތަންމެ ވަރަކަށް އޮތަސް މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށެވެ.