މަރުގެ ހުކުމް

ތޯރިގު ރަމަޒާނަށް ޑރ. ޝަހީމް ރައްދު ދެއްވައިފި

Jul 7, 2016
18

އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީގައި އިސްލާމް ދީނާބެހޭ ޢިލްމު ކިޔަވައިދެއްވާ ޕްރޮފެސަރު ތޯރިގު ރަމަޒާން، ޑރ. އަފްރާޝީމް އަލީގެ ގާތިލު ހުސައިން ހުމާމްގެ މައްޗަށް މަރުގެ އަދަބު ދިނުމާ ދެކޮޅަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔަމީނަށް ފޮނުއްވި ސިޓީގައިވާ ވާހަކަތަކަށް، ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ރާއްޖޭގެ އިސްލާމިކް ޔުނިވާ ސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފާޑު ވިދާޅުވެ ރައްދު ދެއްވައިިފި އެވެ.

ހުމާމްގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކުރުމާބެހޭ ގޮތުން ތޯރިގް ރަމަޒާން ވިދާޅުވެފައި ވަނީ ހުމާމްގެ ޝަރީއަތާއި، އަފްރާޝީމްގެ މަރުގެ މައްސަލައިގައި ކަންބޮޑުވާ ބައެއް ކަންކަން އެބަހުރި ކަމަށެވެ.

ތޯރިގު ރަމަޒާން އަށް ރައްދު ދެއްވާ ރާއްޖޭގެ ދީނީ އިލްމުވެރިޔާ ޝަހީމް އޭނާގެ ފޭސްބުކް ޕޭޖްހައި ވިދާޅުވީ މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ގޮތުން ރާއްޖޭގައި ހަދާފައިވާ ގަވާއިދު ތޯރިރުގު ރަމަޒާން ބައްލަވާފައި ނުވާ ކަމަށާއި މަރަށް މަރުހިފުމުގެ ހުކުމަކީ އިސްލާމީ ޝަރީއާގައި ހިމެނޭ ހުކުމަކަށްވާ އިރު ރާއްޖޭގައި އެފަދަ މައްސަލައެއް ޝަރުއީ ތިން މަރުހަލާ ނިމިގެން ނޫން ގޮތަކަށް ތަންފީޒު ނުކުރާނެ ކަމަށެވެ. އަދި ވިދާޅުވީ މަރުގެ އަދަބު ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ވެސްދޭ އިރު އެކަމާ މީހުން ވާހަކަ ނުދައްކައި ރާއްޖޭގައި މަރު ހިފުމުގެ މައްސަލައިގައި ގޮންޖެހުން ކުރިމަތި ކުރުވަނީ ރާއްޖޭގައި އެކަން ކުރަން އުޅެނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ކަމަށް ވާތީ ކަމަށް ވެދާނެ ކަމަށެވެ. އެގޮތުން ބެލުމެއް ނެތި ރާއްޖެ ބަދުނާމުވާ ގޮތަށް ބިދޭސީ ބައެއް ފަރާތްތަކުން ވާހަކަ ދައްކާ ކަމަށެވެ.

ވައިސް ޗާންސެލާ ވިދާޅުވީ މަރަށް މަރު މައްސަލާގައި މަރަށް މަރު ހިފުމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި ނަމަ އެކަން ގެންދަންވާ ގޮތް ބަޔާންކޮށްދޭ ގަވައިދު ރާއްޖެއިން ހަދާފައި ވަނީ އިސްލާމީ ޝަރީއަތަށް ބަލައިގެން ކަމަށެވެ. އަދި މައްޔިތާގެ ވާރިސުންނަށް ބަސް ބުނުމުގެ ފުރިހަމަ ހައްގު ވެސް އެ ދީފައިވާ ކަމަށާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ވާރިސުންގެ ބަސް ހޯދަން ވެސް އެކަށީގެންވާ މަސައްކަތް ކުރާނެ ކަމަށެވެ.

ޝަހީމް ވިދާޅުވީ ވާރިސުންގެ ބަސް ހޯދާއިރު އޭގެ ތެރޭގައި ބާލިޣު ނުވާ ކުއްޖަކު ހުރި ނަމަ އޭނާ ބާލިޣު ވަންދެން މަރުގެ ހުކުމް ތަންފީޒުނުކޮށް މުޖުރިމު ހައްޔަރުގައި ބަހައްޓާނެ ކަމަށާއި އެއީ މަރަށް މަރު ހިފުމުގައި ކަނޑައަޅުއްވާފައިވާ ގޮތް ކަމަށެވެ. އަދި ވިދާޅުވީ ވާރިސުންނާ ގާތިލާ ދެމެދު މެދުވެރިއެއްގެ ރޯލެއް އަދާ ކުރާނީ އިސްލާމިކް މިނިސްޓްރީން ކަމަށާއި ގާތިލުގެ ސިއްހީ ހާލަތު ބަލައި ބަލި ނަމަ ހުކުމް ތަންފީޒު ކުރުން ފަސް ކުރާނެ ކަމަށެވެ.