ކުރީގެ މަޖިލިސް މެންބަރު، ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ގާތިލު ހުސައިން ހުމާމަށް އިއްވާފައިވާ މަރުގެ އަދަބު ތަންފީޒު ކުރުމުގެ ކުރިން އިސްލާމިކް މިނިސްޓްރީ އާއި އަފްރާޝީމްގެ އާއިލާއާއެކު މަޝްވަރާ ކުރާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.
ކަރެކްޝަނުން މިއަދު، ބުނީ ހުމާމްގެ މައްޗައް މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ބައިވަރު މަރުހަލާތަކެއް ހުރި ކަމަށާއި މިހާރު ކުރަމުން އަންނަ މަސައްކަތަކީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުން ކަމަށެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީއާ ވެސް ގުޅިގެން އާއިލާއާ މަޝްވަރާ ކުރާނެ ކަމަށެވެ.
"މިހާރު ކުރަނީ އެކަން، މީޑިއޭޓު ކުރުމުގެ ބައި. އެހެންވެ އިސްލާމިކް މިނިސްޓްރީން އާއިލާ އާ ވާހަކަ ދެއްކުމުގެ މަސައްކަތް ކުރާނެ އޭގެ ފަހުން އިތުރު ކަމަކަށް ދެވޭނީ،" ކަރެކްޝަންފެ އޮފިޝަލަކު ވިދާޅުވި އެވެ.
ކަރެކްޝަނުން ބުނީ އާއިލާއާ އެކީ މަޝްވަރާ ކުރުމަށް ފަހު މަރުގެ ހުކުމް ތަންފީޒު ކުރުމަށް ކޮމިޓީއެއް އެކުލަވާލައި، ކޮމިޓީ ރިޕޯޓެއް ތައްޔާރު ކުރާނެ ކަމަށާއި އެއަށް ފަހު ރައީސް އޮފީހުގެ ލަފައަކަށް އަހާނެ ކަމަށެވެ. ނަމަވެސް އެ މަރުހަލާގައި ވެސް އާއިލާ އިންކާރުކޮށްފި ނަމަ މަރުގެ ހުކުމް ތަންފީޒެއް ނުކުރާނެ ކަމަށެވެ.
ކުށުގެ އިސްލާހު
މި ހަބަރު ޝާއިއު ކުރި އިރު ހަބަރުގައި ޑރ. އަފްރާޝީމް އާއިލާއާ މަޝްވަރާ ކުރަން ފަށާފައިވާ ކަމަށް ބުނެފައި ވަނީ މައުލޫމާތު އޮޅުމަކުންނެވެ. ރަނގަޅު ގޮތަކީ "އާއިލާ އާއި މަޝްވަރާ ކުރާނެ" އެހެން އޮތުމެވެ. އެ ކުށް މިހާރު އެވަނީ އިސްލާހުކޮށްފަ އެވެ. ވީމާ ޖެހުނު އެ ކުށަށްޓަކައި ކަރެކްޝަނާއި ކިޔުންތެރިންގެ ފަރާތުން ވަރަށް ބޮޑަށް މާފަށް އެދެމެވެ.