ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަވަހާރަކޮށްލި ހުސައިން ހުމާމްގެ މަރު ހިފަން ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު އެ ހުކުމާ ގުޅިގެން ވަކި ކަމެއް ވަކި ގޮތަކަށް ކުރަން ވެސް އަދި ނުކުރުމަށް ވެސް އދ. އިން ދިވެހި ސަރުކާރަށް އަންގާ އަމުރު ނުކުރާ ކަމަށާއި އދ. އިން ފޮނުވީ ނޯޓެއް ކަމަށް އާ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު ފޮރިން މިނިސްޓަރު ކަމުގެ މަގާމަށް ވަޑައިގަތީ މިއަދު އެވެ.
މަގާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ބޭއްވި ނޫސް ކޮންފަރެންސްގައި ޑރ. އާސިމް ވިދާޅުވީ އދ. އިން ފޮނުވާފައިވާ ނޯޓަކީ ހުމާމްގެ ފަރާތުން އދ. އަށް މައްސަލަ ހުށަހަޅާފައިވާ ކަން ހާމަކޮށްފައިވާ ނޯޓެއް ކަމަށެވެ. އަދި، އެއީ ވަކިގޮތަކަށް އަމަލު ކުރުމަށް އަދި ވަކި ގޮތަކަށް ކަމެއް ނުކުރުމަށް އެންގި އެންގުމެއް ނޫން ކަމަށާއި ބަންޑާރަ ނައިބު އޮފީހާއި ގުޅިގެން އެކަން އިތުރަށް ދިރާސާކުރަމުން އަންނަ ކަމަށެވެ.
"އެއީ ދިވެހި ސަރުކާރުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އެންގި އަމުރެއް ނޫން. މި ނޯޓްގައިވާ ކަންތައްތައް ދިވެހި ސަރުކާރުން މިހާރު ދަނީ ދިރާސާކުަރަމުން،" މިނިސްޓަރު އާސިމް ވިދާޅުވި އެވެ.
އާސިމް ވިދާޅުވީ ހުމާމްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުން ލަސްކުރުމަށް އދ. އިން އަންގާފައިވާ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެކެވިފައިވަނީ މީޑިޔާގައި ކަމަށެވެ. އަދި، މި މައްސަލައިގައި އޭޖީ އޮފީހުން އަަވަސް މުއްދަތެއްގެ ތެރޭގައި ވަކި އެއްޗެއް އަންގާނޭ ކަމަށެވެ.
އދ. އިން ރާއްޖޭގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައިމިވަނީ ހުމާމުގެ ފަރާތުން އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެވާހަކަ މީޑިއާއަށް ތިލަ ކުރީ ހުމާމްގެ ގާނޫނީ ވަކީލެވެ. ހުމާމުގެ ގާނޫނީ ވަކީލް އަބްދުﷲ ހަސީން ރޭ ވިދާޅުވީ، ހުމާމުގެ ފަރާތުން އދ. ގެ އެ ކޮމެޓީއަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ފަރުދީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ (އައިސީސީޕީއާރު) އާ ހިލާފަށް ހުމާމުގެ މައްޗަށް ޝަރީއަތް ހިންގާފައިވާ ކަމަށެވެ. އަދި ހުމާމުގެ ފަރާތުން އެ ކޮމެޓީގައި އެދިފައިވަނީ އެކަން ބަލައިދިނުމަށް ކަމަށެވެ. އައިސީސީޕީއާރް މުއާހަދާއަކީ ރާއްޖެ ބައިވެރިވާ މުއާހަދާއެއް ކަމުން އެ މުއާހަދާއަށް އަމަލުކުރުމަކީ ރާއްޖެއަށް ލާޒިމު ކަމެކެވެ.
ހަސީން ވިދާޅުވީ، މައްސަލާގައި ސަރުކާރުން ހަ މަސް ދުވަހުގެ ތެރޭގައި އދ. އަށް ޖަވާބުދާރީވުމަށް އަންގާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އެ ކޮމެޓީން ބަލައި ނުނިމެނީސް ހުމާމު މަރައިގެން ނުވާނެ ކަމަށް ބުނެ އެ ކޮމެޓީން ވަނީ ރާއްޖޭގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައިވާ ކަމަށެވެ.
މަރުގެ ހުކުމް އިއްވާތާ 30 ދުވަސް ތެރޭގައި ހުކުމް ތަންފީޒުކުރާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު ހުމާމަށް މަރުގެ ހުކުމް ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. ނަމަވެސް 30 ދުވަހުގެ ތެރޭގައި އެ އިންތިޒާމް ހަމަނުޖެއްސޭނެ ކަމަށް ކަރެކްޝަނުން ބުނެފައިވެ އެވެ. ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ، ބޭރުގެ ނުފޫޒު ކިތަންމެ ވަރަކަށް އޮތަސް މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށެވެ.