ހަބަރު

މައްސަަލަތައް ހައްލުކުރަން އެންމެންގެ ބައިވެރިވުން މުހިއްމު: އާސިމް

Jun 26, 2017

ދުނިޔޭގެ މައްސަލަތައް ހައްލު ކުރުމުގައި ގިނަ ގައުމުތަކުގެ ބައިވެރިވުން އޮތުން މުހިއްމު ކަމަށް ރާއްޖޭން ބުނާ ބުނުން ތަކުރާރުކޮށްފި އެވެ.

މިއަދު ފާހަގަ ކުރާ ޔޫއެން ޗާޓަރު ދުވަހުގެ މުނާސަބާގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް އާއްމުކުރެއްވި ޚިތާބުގައި ވިދާޅުވެފައި ވަނީ ޔޫއެން އިން ޖާގަ ލިބުނީއްސުރެ ރާއްޖޭން ބަރޯސާ ކުރަމުން އަންނަނީ ޔޫއެންގެ ޗާޓަރުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

"... ނިންމުމެއް ނިންމާ ކޮންމެ ޗެމްބަރެއްގައި އަޅުގަނޑުމެންގެ އަޑު އިއްވިއްޖެ ކަން ކަށަވަރު ކުރުމަށެވެ. ކޮންމެ ގަރާރެއް އެކުލަވައިލުމުގަ އެވެ. ކޮންމެ މަރުހަލާއެއްގަ އެވެ،" ފޮރިން މިނިސްޓަރުގެ ހިތާބުގައި ވެއެވެ.

ޔޫއެންގެ މުހިއްމު ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވެފައި ގައުމުތަކަށް އަދި ހާއްސަކޮށް ކުދި ގައުމުތަކަށް އެ ޖަމާއަތް އަދިވެސް އޮތީ އުއްމީދުގެ ހުޅުކޮޅެއްގެ ގޮތުގައި ކަމަށެވެ. އަދި ޔޫއެެންގެ ޗާޓަރާ މެދު ގައުމުތަކުން އުފާކުރާ ކަމަށެވެ. އެއި ދުނިޔޭގައި ސުލްހަ ގާއިމް ކުރަން މަސައްކަތް ކުރުމަށް ހުރިހާ ގައުމަކަށް ވެސް ހައްގު ލިބިދީފައި ވާތީ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ޔޫއެން ޗާޓަރު ދުވަހަކީ ޔޫއެން އުފެއްދުމަށް ގައުމުތަކުން ސޮއިކުރި ފުރަތަމަ މުއާހަދާ ނުވަތަ " ފައުންޑޭޝަނަލް ޓްރީޓީ" ގައި ސޮއިކުރި ދުވަހެވެ. އެ މުއާހަދާގައި ފުރަތަމަ ސޮއިކުރި ގައުމުތަކުން ސޮއިކުރީ 26 ޖޫން 1945 ގައެވެ.