ފޮރިން މިނިސްޓްރީ

މާކަނޑު ހިމާޔަތްކުރުމާ ބެހޭ މުއާހަދާގައި ރާއްޖެ ސޮއިކޮށްފި

މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމާއި އަދި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާގުޅޭ މުއަހަދާ (ބީބީއެންޖޭ މުއާހަދާ)ގައި ދިވެހިރާއްޖެއިން ސޮއިކޮށްފި އެވެ.

އދގެ މައިމަރުކަޒުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި މުއާހަދާގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ އދގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ.

ގާނޫނީ ގޮތުން ބަނދެވޭ މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމާ އަދި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާ ގުޅޭ ގާނޫނީ މަސްދަރެއް އެކުލަވާލުމަށް އދގެ އާންމު މަޖިލީހުން ނިންމީ 2015 ވަނަ އަހަރު އެވެ. އޭގެފަހުން 2016 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު އެ ގާނޫނީ މަސްދަރުގައި ހިމެނޭނެ މައުޟޫއު އެކުލަވާލުމަށްފަހު ޖޫން 19، 2023 ގައި ގާނޫނީ މަސްދަރު މުއާހަދާއެއްގެ ސިފައިގައި ފާސްކޮށްފައިވެ އެވެ.

މި މުއާހަދާގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމީ މި އަހަރުގެ ފެބްރުވަރީ މަހުގެ 11 ވަނަ ދުވަހު އެވެ. ވަޒީރުންގެ މަޖިލީހުގެ ނިންމުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި މުއާހަދާގެ ދަށުން ބޮޑެތި ކަނޑުގެ ސަރަހައްދުތައް ހިމާޔަތްކުރުމުގެ އިޖުރާއަތު ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ކަނޑާ ގުޅޭ ޓެކްނޮލޮޖިކަލް މައުލޫމާތު ހިއްސާކުރުމާ ގުޅޭ ކަންތައްތައްވެސް މި މުއާހަދާގެ ތެރެއިން ހަމަޖެހިގެންދާ ކަމަށެވެ.

ދިވެހިރާއްޖެ އަކީ މި މުއާހަދާގައި ސޮއިކުރި 92 ވަނަ ގައުމެވެ. މިމުއާހަދާއަށް އަމަލުކުރަން ފެށޭނީ 60 ގައުމަކުން މި މުއާހަދާ ތަސްދީގުކުރާތާ 120 ދުވަސް ފަހުންނެވެ.