ހަބަރު

އެކައުންޓެއްގެ މައުލޫމާތު ލީކުކުރި މީހާގެ ޝަރީއަތް ސިއްރުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކަސްޓަމަރެއްގެ އެކައުންޓެއްގެ މައުލޫމާތު ނަހަމު ގޮތެއްގައި ބޭނުން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި، ފ. ނިލަންދޫ ބީއެމްއެލް ބްރާންޗްގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލް ކަރީމްގެ ޝަރީއަތުގެ އަޑުއެހުންތައް ސިއްރުކޮށްފި އެވެ. އޭނާގެ ޝަރީއަތް ފެށީ މިއަދު އެވެ.

މި މައްސަލަ ސިއްރުކޮށްފައިވަނީ ޕީޖީގެ އެދުމުގެ މަތިން ކަމަށް ކުރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ. މައްސަލާގެ އަޑުއެހުމަށް ނޫސްވެރިން ނަން ނޯޓު ވެސް ކުރި ފަހުން ކޯޓުން އެންގީ، ދައުލަތުން ހުށަހަޅާފައިވާ ބައެއް ލިޔެކިޔުންތައް އާންމުކޮށް ހާމަކުރަން ބޭނުންނުވާތީ ގާސިމްގެ ޝަރީއަތް ސިއްރުކުރަން ކޯޓުން ނިންމާފައިވާ ކަމަށެވެ.

ގާސިމް އަބްދުލް ކަރީމްގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ ހުއްދަނޫން ގޮތެއްގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި އެނގިހުރެ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަކުރުމުގެ ދައުވާ އެވެ.

މިދިޔަ ފެބުރުއަރީ މަހު ބީއެމްއެލްއިން ހުށަހެޅި މައްސަލައަކާ ގުޅިގެން ފުލުހުން އޭނާ ހައްޔަރުކުރީ، ބީއެމްއެލްގެ ކަސްޓަމަރެއްގެ މައުލޫމާތު ހުއްދަ ނެތި އާންމުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި ބެންކުގެ މުވައްޒަފަކު ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ކޮރަޕްޝަން އާ ގުޅުން ހުރި އެކައުންޓެއްގެ މައުލޫމާތު ލީކު ކުރި މައްސަލާގަ އެވެ. އެއީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އެންމެ ބޮޑަށް ބައިވެރިވާ އެސްއޯއެފް ކުންފުނީގެ ބޭންކް އެކައުންޓްގެ މައުލޫމާތުތައް ކަމަށްވެ އެވެ.