އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި އަންގާރަ ދުވަހު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ނުކުންނައިރު، މާޒިޔާ ބަލިކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފިލިޕީންސްގެ ޗެރަސް އެފްސީ އިން ބުނެފި އެވެ.
އަންގާރަ ދުވަހު މާލޭގައި ކުޅޭ ޕްލޭއޮފް މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅެން ޗެރަސް އެފްސީ އިން ވަނީ ރޭ މާލެ އައިސްފަ އެވެ.
ފުރުމުގެ ކުރިން ފިލިޕީންސްގެ މީޑިއާއާ ވާހަކަދައްކަމުން ޗެރަސްގެ ޑައިރެކްޓަރު އަލީ ގޯ ބުނީ މާޒިޔާ ބަލިކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އެ ޓީމު އޮތީ މި މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ.
"އަހަރެން ގަބޫލްކުރާ ގޮތުގައި މި މެޗު ކާމިޔާބުކުރުމުގެ ބޮޑު ފުރުސަތެއް ޗެރަސް އަށް އެބައޮތް،" ގޯ ބުންޏެވެ. "މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗަށް ހާއްސަކޮށްގެން އަހަރެމެން ވާނީ ރޭވުންތަކެއް ރާވައިފައި. ކުޅުންތެރިން ތިބީ އިތުބާރާއެކު. ކޮންމެ ކުޅުންތެރިއެއް ވެސް މި މެޗުގައި 200 ޕަސެންޓް ދޭނެ."
ގޯ ބުނީ މާޒިޔާއާ ދެކޮޅަށް ނުކުންނައިރު ފިލިޕީންސްގެ އެފްއޭ ކަޕް މިދިޔަ އަހަރު ކާމިޔާބުކުރި ޗެރަސްގެ ޓީމު އޮތީ ވަރަށް ރަނގަޅު ރޫހެއްގައި ކަމަށެވެ.
"ވަރަށް ރަނގަޅަށް ހުރިހާ ކުޅުންތެރިން ވެސް ޓްރެއިނިންގައި މަސައްކަތްކުރަމުން ދަނީ. ޓީމު އޮތީ ވަރަށް ރަނގަޅު ރޫހެއްގައި. އަހަރެމެން ގަބޫލްކުރާ ގޮތުގައި ގުރޫޕް ސްޓޭޖުގެ އޮޓަމެޓިކް ޖާގައެއް އަހަރެމެންނަށް ނުދިނުމަކީ ބޭއިންސާފެއް. އަހަރެމެން ބޭނުން އަހަރަމެންގެ ފެންވަރު ސާބިތުކޮށްދޭން،" ގޯ ބުންޏެވެ.
ޗެރޭސްގެ ޓީމުގައި މިދިޔަ އަހަރު ރާއްޖޭގައި އޮތް އޭއެފްސީ ޗެލެންޖް ކަޕްގައި ފިލިޕީންސްގެ ގައުމީ ޓީމަށް ކުޅުނު ތިން ކުޅުންތެރިން ހިމެނެ އެވެ.
ޕްލޭއޮފް މެޗު މާލޭގައި ކުޅުމުގެ ފުރުސަތު މާޒިޔާ އަށް ލިބުނީ އޭއެފްސީގެ ރޭންކިންގައި ފިލިޕީންސް އަށްވުރެ ކުރީގައި މާޒިޔާ އޮތުމުންނެވެ. ޕްލޭއޮފް އިން މާޒިޔާ މޮޅުވެއްޖެ ނަމަ، އެ ޓީމަށް ގުރޫޕް އީ އިން ޖާގަ ލިބޭނެ އެވެ. މި ގުރޫޕްގައި އޮތީ އިންޑިއާގެ ލީގު ޗެމްޕިއަން ބެންގަލޫރު އެފްސީ އާޢި އިންޑޮނޭޝިއާގެ ޕެރްސިޕޫރާ ޖަޔަޕޫރާ އަދި ސިންގަޕޫރުގެ ވޯރިއާސް އެވެ.