ވެލެންސިއާގެ މިޑްފީލްޑަރު އަކުރަމް އަބުދުލްގަނީ މެލޭޝިޔާގެ ސުޕަ ލީގުގައި ކުޅޭ ކެލަންޓަންގެ ޓްރަޔަލްގައި ބައިވެރިވި ނަމަވެސް އެ ޓީމަށް އޭނާ ނުގަންނަން ނިންމައިފި އެވެ.
މީގެ ދެ ހަފުތާ ކުރިން އޭނާ ކެލަންޓަންއިން ފުރުސަތު ހޯދުމަށް އެ ޓީމުގެ ޓްރަޔަލްގައި ބައިވެރިވީ ނިއުރޭޑިއަންޓާއި ކުރީގެ ގައުމީ ކޯޗު ވެލީޒާ ޕޮޕޯފް ދިން ފުރުސަތެއްގަ އެވެ.
ނަމަވެސް ކެލަންޓަންގެ ޓީމުގައި އެކުވެރިކަމުގެ ދެ މެޗެއް ކުޅުނު އަކުރަމަށް ފުރުސަތުދޭން ކޯޗިން ޓީމަށް ވަނީ އެއްބަސްނުވެވިފަ އެވެ. މިހެންވެ އޭނާ މިރޭ މާލެ އަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ކެލަންޓަން އިން ބުނެފައިވަނީ އެ ޓީމުގެ ކުޅުންތެރިން ފިޓްނަސް ހުންނަންޖެހޭ މިންގަނޑަށް އަކުރަމް ފެތިފައިނުވާ ކަމަށާއި ކުޅުނު މެޗުތަކުގައި އެ ޓީމުން ބޭނުންާ ފެންވަރުގެ ކުޅުމެއް އޭނާ އަށް ދެއްކިފައިނުވާ ކަމަށެވެ.
ވެލެންސިއާ އާއި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބުދުލްގަނީ ކޮއްކޮ އަކުރަމް އަކީ ފަހަކަށް އައިސް ގައުމީ ޓީމުން ފުރުސަތު ލިބޭ ކުޅުންތެރިއެއްނޫނެވެ.