ގެސްޓް ހައުސް ވިޔަފާރި

"ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގާނަމަ އިންޑަސްޓްރީ ހުއްޓޭނެ"

ސަރުކާރުން ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެސް ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ފަށައިފިނަމަ އެ އިންޑަސްޓްރީ އެއްކޮށް ހުއްޓުމަކަށް އަންނާނެ ކަމަށް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޖީއޭއެމް) އިން ބުނެފި އެވެ.

ޖީއޭއެމް އިން މިހެން ބުނެފައިވާ އިރު މަޖިލީހުގައި އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވަނީ ގެސްޓް ހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓެއް އަތުން ހަތަރު ޑޮލަރު ގްރީން ޓެކްސް ގޮތުގައި ނަގަން ފާސްކޮށްފަ އެވެ. އަދި އެ އިސްލާހު ފާސްކުރުމަށް މަޖިލީހުގެ ތަޅުމަށް ވީހާވެސް އަވަހަށް ފޮނުވަން ވެސް އެ ކޮމިޓީ އިން ވަނީ ނިންމާފައެވެ.

އެކަމައި ގުޅިގެން ޖީއޭއެމް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކުރިޔަށް އޮތް އެއް އަހަރަށް ފަތުރުވެރިން ހަދައިފަވާ ބުކިންތަކައި އެޖަންޓުންނާއި އަދި ޓެކްސް ހިމަނައިގެން ހަދައިފައިވާ އެއްބަސްވުންތަކުގެ ސަބަބުން އެ އަހަރުގެ ގްރީން ޓެކްސް ދައްކަން ޖެހޭނީ ބޮޑު ގެއްލުމަކާއި އެކު ގެސްޓް ހައުސް ވިޔަފާރި ކުރާ ފަރާތްތަކުގެ ޖީބުން ކަމަށެވެ. އަދި ގެސްޓް ހައުސްތަކުގެ އޮކިއުޕަންސީއަށް ރިޔާއަތްކޮށް ލޯނު ނަގައި އަލަށް އެވިޔަފާރި ކުރަން ފަށާފައިވާ ފަރާތްތަށް ވެސް އޭގެ ބޮޑު ގެއްލުމެއް ކުރާނެ ކަމަށް އެ އެސޯސިއޭޝަން އިން ބުންޏެވެ.

"ގެސްޓް ހައުސްތަކުގެ އެވްރެޗް ރޭޓަކީ 50 ޑޮލަރު ކަމަށްވެފައި، ސަރުކާރަށް ޓީޖީއެސްޓީ، ބީޕީޓީ، ވިތްހޯލްޑިން ޓެކްސްއާއި، ފެނާއި،
ކަރަންޓާއި، މުއްޒަފުންގެ މުސާރައާއި، ބިމުގެ ކުލި ދެއްކުމަށް ފަހު، ފައިދާއެއް ގޮތުގައި ޖެހޭ މަދު ލާރި ކޮޅު، ގާނޫނަކުން މަޖުބޫރު ކޮށްގެން ގްރީން
ޓެކްސް ނަގައިފި ނަމަ މުޅި ގެސްޓްހައުސް އިންޑަސްޓްރީ ހުއްޓުމަކަށް އައުމުގެ ބިރު އެބައޮތް،" އެ ބަޔާނުގައި ބުނެފައި ވެއެވެ.

އޭޖީއެމް އިން އިތުރަށް ބުނެފައި ވަނީ ގެސްޓް ހައުސްތަކުގެ ހާލަތު ރަނގަޅަށް ވަޒަން ކުރުމަށްފަހު، ރައްޔިތުން މަޖިލީހުގެ އިގްތިސާދީ ކޮމިޓީއިން ނިއްމާފައިވާ ނިއްމުން އަލުން މުތާލިޔާ ކޮށް، މިފަދަ ބޮޑު އިގްތިސާދީ ގެއްލުމަކުން ގައުމާއި ސަރުކާރު ސަލާމަތް ކޮށްދިނުމަށްޓަކައި، ގެސްޓްހައުސްތަކުން ގްރީން ޓެކްސް ނުނެގުމަށް ގޮވާލައި ކަމަށެވެ.