ރާއްޖެ ކުޅިވަރު

ވިކްޓަރީއަށް ފުރަތަމަ މޮޅު، މީ ރަނގަޅު އަމާޒެއްގެ ފެށުން: ނަޒީހް

Jun 28, 2016

ބިދޭސީ ފޯވަޑް ގޮޑްފްރޭ ވެސްޓް ކާމިޔާބު ކުރި ދެ ލަނޑުން ބީޖީ ސްޕޯޓްސްގެ މައްޗަށް ކާމިޔާބު ހޯދައި މި އަހަރު ލީގްގައި ވިކްޓަރީގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން، ވިކްޓްރީގެ ކޯޗް މުހައްމަދު ނަޒީހް ބުނީ މި މޮޅަކީ ލީގްގައި ރަނގަޅު ހިސާބަކަށް ދިއުމުގެ ފެށުން ކަމަށެވެ.

ލީގް ފެށި އިރަށްވުރެ ވިކްޓރީއިން ވަނީ އެންމެ ފަހުން ކުޅުނު ދެ މެޗްގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ނަޒީހް ބުނީ ކުޅުމާމެދު އަދިވެސް މުޅިން ހިތް ހަމަނުޖެހޭ ކަމަށާއި މެޗްގައިވެސް ގިނަ ފުރުސަތުތަކެއް ލިބި އިތުރު ގޯލް ނުޖެހުމަކީ މައްސަލައެއް ކަމަށެވެ.

"ޓީމު އިތުރަކަށް ވަކި ވަރުގަދަ އެއް ނުވޭ. އިތުރުވި އެއްޗަކީ ކުޅުންތެރިންގެ މޯޓިވޭޝަން ރަނގަޅުވުން،" ނަޒީހް ބުންޏެވެ.

އޭނާ ބުނީ "ހަގީގަތުގައި މިބަދަލު ފެނުނު ހިސާބަކީ ގައުމީ ޓީމުގެ ގިނަ އަދަދެއްގެ ކުޅުންތެރިން ހިމެނޭ މާޒިޔާއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކުން. އެމެޗްގައި ޓީމު ދެއްކި ކުޅުން އެއީ ކުޅުންތެރިންނަށް ލިބުނު ހިތްވަރެއް،" ކަމަށެވެ.

"އެބަހުރި ބައެއް އިންޖަރީގެ މައްސލަތައް. އެކަންކަމުން އަރައިގެން އަންނައިރު އިތުރަށް ރަނަގަޅުވާނެ، އަމާޒަކީ ކުރިއަށް އޮތް ދެމެޗް ކާމިޔާބުކޮށް ގުރޫޕްގެ ތެރެއަށް ވަނުން" ނަޒީހް ބުންޏެވެ.

މިރޭގެ މެޗުން މޮޅުވެ ވިކްޓރީ ވަނީ ތާވަލުގެ ފުލުން ސަލާމަތްވެފައެވެ. މިހާރު ތާވަލުގެ ފުލުގައި އޮތީ މިރޭގެ މެޗުން ބަލިވި ބީޖީއެވެ.