ރައީސް މައުމޫން އަބްދުލްގައްޔޫމް

އިއުލާން ނުކޮށް ރަށްތައް ދޫކުރާ މައްސަލާގައި މައުމޫނާ އެއްކޮޅަށް އުމަރު!

ރިސޯޓު ހެދުމަށް ނުވަތަ ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްތަކާއި، ބިންބިމާއި، ފަޅުތައް ބިޑާނުލައި ކުއްޔަށް ދޫކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާމެދު ހިތްހަމަޖެހިވަޑައި ނުގަންނަވާ ކަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ހާމަކުރައްވައިފި އެވެ.

އުމަރު އެކަން ހާމަކުރައްވާފައިވަނީ ކުރެއްވި ޓްވީޓެއްގަ އެވެ. އިސްތިއުފާ ދެއްވިފަހުން މިފަދަ ޓްވީޓެއް އުމަރު ކުރެއްވި މިއީ ފުރަތަމަ ފަހަރެވެ. އުމަރު ވިދާޅުވީ، ދެފުށް ފެންނާނީ ރަށްތައް ބިޑަށް ހުޅުވާލައިގެން ދޫކުރުމުން ކަމަށެވެ. އަދި އޭރަށް އިންވެސްޓަރުންގެ އިތުބާރު ވެސް ލިބޭނެ ކަމަށެވެ.

އުމަރު އެ އިސްލާހާ ދެކޮޅުކަން އިއުލާން ކުރައްވާފައިމިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެ އިސްލާހާ ދެކޮޅުކަން އެ ޕާޓީގެ މެންބަރުންނަށް އަންގަވާފައިވަނިކޮށެވެ. ރައީސް މައުމޫން ވަނީ އެ އިސްލާހަށް ވޯޓު ނުދިނުމަށް އެ ޕާޓީގެ މަޖިލިސް މެންބަރުންނަށް އަންގަވާފަ އެވެ.

ރައީސް މައުމޫން ރޭ މެންބަރުންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ރަށްތައް އިއުލާނުކުރުމެއް ނެތި ދޫކުރުމަކީ ޕީޕީއެމްގެ އަސާސީ ގަވައިދާ ހިލާފު ކަމެއް ކަމަށާއި އެހެންކަމުން އެފަދަ އިސްލާހަކަށް ވޯޓު ނުދިނުމަށް އެންގުމަކީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނުގެ މަސްއޫލިއްޔަތެއް ކަމަށެވެ.

އޭގެއިތުރަށް ރައީސް މައުމޫން ވިދާޅުވީ، ގުދުރަތީ ވަސީލަތްތަކުގެ މުއްސަނދިކަން އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ލިބިދީގެން ރައްޔިތުން ތަނަވަސްކަމާ ތިޔާގިކަމުގައި ދިރިއުޅެވޭނެ ގޮތްތަކެއް ހެދުމަކީ ޕީޕީއެމްގެ އެންމެ ބޮޑު އެއް މަގުސަދު ކަމަށެވެ.

އުމަރު ކުރެއްވި ޓްވީޓްގައި ވަނީ ރައީސް މައުމޫން މިކަމުގައި ނެންގެވި ސްޓޭންޑަށް ފުރިހަމައަށް ތާއިދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.