ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ގޮތުގައި ސަރުކާރަށް ދައްކަން ޖެހޭ ފައިސާގެ އަދަދު އަނެއްކާވެސް ކުޑަކުރަން މުޅި މަޖިލިސް ހިމެނޭ ކޮމިޓީ އިން ފާސްކޮށްފި އެވެ.
ޓޫރިޒަމާ ބެހޭ ގާނޫނަށް ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުށަހެޅި އިސްލާހުގައި ކުރިން ބުނާގޮތުން ގެސްޓް ހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ އަތުން ހަ ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި ނަގަން ޖެހެ އެވެ. ނަމަވެސް މިދިޔަ އާދީއްތަ ދުވަހު ބޭއްވި އިގްތިސޯދީ ކޮމިޓީ އިން ވަނީ އެ އަދަދު ހަތަރު ޑޮލަރަށް ކުޑަކުރަން ފާސްކޮށްފަ އެވެ. ނަމަވެސް އެ އަދަދާ މެދު ވެސް ގެސްޓް ހައުސްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެގޮތުން މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި ވަނީ ރާއްޖޭގައި ހިންގާ ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުން ހޭދަކުރާ ކޮންމެ ދުވަހަކަށް މީހެއްގެ އަތުން ތިން ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނެގުމަށް ފާސްކޮށްފަ އެވެ. އަދި އެގޮތަށް އަމަލު ކުރާނީ އަންނަ އޮކްޓޫބަރު މަހުން ފެށިގެން ކަމަށް އެ އިސްލާހުގައި ބުނެފައި ވެއެވެ.
ތިން ޑޮލަރަށް ގްރީން ޓެކްސް ނަގަން ނިންމާފައިވާ އިރު އިދިކޮޅު އެމްޑީޕީ އިން ބުނެފައި ވަނީ އެގޮތަށް ގްރީން ޓެކްސް ނަގަން ފަށައިފި ނަމަ ގެސްޓް ހައުސްތަކުގެ ވިޔަފާރިތައް ހީނަރުވެ ހުއްޓުމަކަށް އަންނާނެ ކަމަށެވެ.