ބޮލީވުޑް

ފިލްމު ކުޅެން ކޮލެޖަށް ނުދެވުނީތީ ކަރީނާ ދެރަވޭ

Jun 30, 2016
1

ކަރީނާ ކަޕޫރަކީ ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އެއް އާއިލާ ކަމަށްވާ ކަޕޫރޫ ޚާންދާނަށް ނިސްބަތްވާ ތަރި އެކެވެ. ހިންދީ ސިނަމާއަށް ގިނަގުނަ އަގުހުރި މަސައްކަތަކެއް ކޮށްދީފައިވާ ރާޖް ކަޕޫރަކީ ކަރީނާގެ ކާފަ އެވެ. އަދި ބައްޕަ ރަންދީރު ކަޕޫރާއި، ބޮޑުބޭބެއިން ކަމަށްވާ ޝައްމީ ކަޕޫރާއި ޝަޝީ ކަޕޫރުގެ އިތުރުން ރިޝީ ކަޕޫރަކީ ވެސް މަޝްހޫރު އެކްޓަރުންނެވެ.

އާއިލާގެ އެހެން ތަރިންނެކޭ އެއްގޮތަށް ކަރީނާ އަކީ ވެސް މަޝްހޫރު އެކްޓަރެކެވެ. ބޮލީވުޑްގައި މިވަގުތު ތިބި ބަތަލާއިންގެ ތެރެއިން އެންމެ ކުރީ ސަފުން ގުނާލެވޭނެ ބަތަލާ އެކެވެ. ބޮލީވުޑްގައި ކިތަންމެ އުހަށް ކަރީނާ އަށް ދެވުނު ނަމަވެސް އެކުވެރި ބޮލީވުޑްގެ ތަރިން ކަމަށްވާ ޕަރިޔަންކާ ޗޯޕްޅާ އާއި ދިޕިކާ ޕަދުކޯންގެ ފަހަތުން ހޮލީވުޑް ފިލްމު ކުޅުމުގެ ޝައުގުވެރިކަމެއް ކަރީނާގެ ނެތެވެ.

ވޯޖް އިންޑިއާގެ ޖުލައި މަހުގެ މަޖައްލާ އަށް ކަރީނާ ދިން އިންޓަވިއުގައި ވަނީ ހޮލީވުޑް ފިލްމު ކުޅުމުގެ ޝައުގުވެރިކަން ނެތްކަމާއި އޭނާގެ ހަޔާތުގައި އެންމެ އިސްކަންދޭ ކަންތައްތަކުގެ އިތުރުން ހަޔާތުގައި އެންމެ ހިތާމަކުރާ ކަންތަކާ ބެހޭގޮތުން ވާހަކަދައްކާފަ އެވެ.

އެގޮތުން ކަރީނާ ވަނީ ބޮލީވުޑްގެ އެހެން ބަތަލާއިން ހޮލީވުޑް ފިލްމުތައް ކުޅެ، އެމީހުންގެ މަޝްހޫރުކަން މުޅި ދުނިޔޭގައި ބޮޑު ވިޔަސް އޭނާގެ މާބޮޑު ފަރުވާލެއް ނެތް ކަމަށާއި ސަބަބަކީ އެތަރިންނާއި ހިލާފަށް އޭނާގެ ހަޔާތުގައި އިސްކަންދޭ ކަންތައްތައް ތަފާތުވުން ކަމަށް ބުނެފަ އެވެ. ކަރީނާ އިތުރަށް ވަނީ ޕްރިޔަންކާ އާއި ދިޕިކާ ހޯދަމުންދާ ކަމީޔާބީތަކަކީ ވަރަށް ބުރަ މަސައްކަތުގެ ނަތީއްޖާ ކަމަށާއި މުޅި ދުނިޔެ ފަތަހަ ކުރުމުގެ ވިސްނުމެއް އޭނާގެ ނެތް ކަމަށެވެ.

"ބޮލީވުޑްގައި އަހަންނަށް ލިބިފައި މިހުރި މަގާމާއި ކާމިޔާބީތައް އަހަންނަށް ފުދޭ" ކަރީނާ ބުނެފައިވެ އެވެ.

އިތުރަށް އޭނާގެ މުޅި ހަޔާތުގައި ވެސް އެކަމަކާ އެންމެ ދެރަވާ ކަމަކާ ބެހޭގޮތުން ވާހަކަދައްކަމުން ކަރީާ ބުނީ، ފިލްމުކުޅެން ހިތުގައި އޮތް ލޯތްބެއްގެ ބޮޑުކަމުން ކިޔެވުން އެއްކޮށް ނުނިންމައި ކޮލެޖުން ވަކިވެ ފިލްމީ ދުނިޔެއަށް ނިކުމެވުމަކީ ހަޔާތުގައި އެންމެ ދެރަވާ ކަންތައް ކަމަށް ބުނެފަ އެވެ.

"ކޮލެއްޖަށް ގޮސް ކިޔެވުން ފުރިހަމަ ނުކުރެވުން އެއީ އަބަދުވެސް އެކަމަކާ އެންމެ ދެރަވާ ކަންތައް" ކަރީނާ ބުނެފައިވެ އެވެ.

ބޮލީވުޑްގެ މަދު ބަތަލާއިންގެ ތެރެއިން ގްރެޖުއޭޓްނުވެ، ރަނގަޅު ތައުލީމީ ކާމިޔާބީތައް ލިބިފައިނުވާ ތަރިންގެ ތެރޭގައި ކަރީނާ ހިމެނެ އެވެ.

ކަރީނާ ކޮލެޖަށް ގޮސްފައިނުވި ނަމަވެސް އޭނާ އަކީ ޔުނިސެފްގެ ސެެބްރިޓީ އެޑްވޮކޭޓް އެކެވެ. ފާއިތުވި ހަތަރު އަހަރުން ފެށިގެން ކަރީނާ އަންނަނީ ޔުނިސެފާއި ގުޅިގެން އިންޑިއާގައި އަންހެން ކުދިންނަށް ތައުލީމު ދިނުމަށް ހޭލުންތެރިވުމުގެ އެކި ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.