ބޮލީވުޑް

އިމްރާނާއެކު ފިލްމު ކުޅެން އައިޝްވާރިޔާ ދެކޮޅު ހެދީ ބާ؟

Jun 29, 2016
1

ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ފިލްމު ކުޅެން ފަށާފައިވާ ބަތަލާ އައިޝްވާރިޔަ ރާއީ އަށް އަންނަނީ ގިނަ ފިލްމުތަކުން ފުރުސަތުތައް ލިބެމުންނެވެ.

"ސަރަބްޖިތް" އަށް ފަހު ވެސް އައިޝްވާރިޔާ އަށް ގިނަ ފިލްމުތަކުން ހުށަހެޅުން ލިބެމުން އައި ނަމަވެސް އޭނާ ވަނީ ޑައިރެކްޓަރު މިލަން ލުތްރިއާގެ "ބާދްޝާހޯ" އަށް ނޫނެކޭ ބުނެފަ އެވެ. އައިޝްވާރިޔާގެ އިތުރުން މިފިލްމުގެ ލީޑްރޯލުން ފެނިގެން ދިއުމަށް ހަމަޖެހިފައިވަނީ އަޖޭ ދޭވްގަން އާއި އިމްރާން ހާޝިމީ އެވެ. ނަމަވެސް މިފިލްމުގެ ހުށަހެޅުން ލިބި އައިޝްވާރިޔާ ވަނީ އިމްރާނާ އެކު ގިނަ މަންޒަރުތަކެއް ކުޅެން ޖެހޭކަން އެނގުމުން މިފިލްމު ނުކުޅެ ދޫކޮށްލާފަ އެވެ.

ސަބަބެއް ކަމަށް ވަނީ މީގެކުރިން ޑައިރެކްޓަރު ކަރަން ޖޯހަރުގެ ޗެޓް ޝޯ "ކޮފީ ވިތް ކަރަން" ގައި އައިޝްވާރިޔާ އަށް ނިސްބަތްކޮށް އިމްރާން އަށް ބުނެވިފައިވާ އެއްޗެއްގެ ސަބަބުން އެކަމާ އައިޝްވާރިޔާ އިމްރާން ދެކެ ހިތްހަމަނުޖެހިފައި ހުރުމެވެ. އެޝޯގައި އިމްރާން ވަނީ އައިޝްވާރިޔާގެ އެއްވެސް ގުދުރަތީ ރީތިކަމެއް ނުހުން ކަމަށާއި މޭކަޕްތަކުން މީހާ ވަރަށް "ޕްލާސްޓިކް" ކަމަށް ބުނެފަ އެވެ.

އިމްރާން އައިޝްވާރިޔާއަށް ނިސްބަތްކޮށް މިހެން ބުނިތާ މިހާރު ދެއަހަރަށް ވުރެން ގިނަދުވަސްވެފައިވީ ނަމަވެސް އެކަންތައް މަތިން ހަނދާން ނައްތާލައި އެކަކު އަނެކަކަށް މާފުކުރުމުގެ ވިސްނުމެއް މިދެތަރިން ނުގެންގުޅެ އެވެ.

އައިޝްވާރިޔާ މިފިލްމު ނުކުޅެ ދޫކޮށްލުމުން ފިލްމު އުފައްދާ ފަރާތުން ވަނީ އިލިއާނާ ޑިކްރޫޒް އާއި އީޝާ ގުޕްތާ ފިލްމުގެ ބަތަލާއިންގެ ރޯލަށް ނަގާފަ އެވެ.

"ބާދްޝާހޯ" އަކީ އިންޑިއާގެ ޖެއިޕޫރަށް ނިސްބަތްވާ ރާނީ ގާޔަތްރީ ދޭވީގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. ސިޔާސީގޮތުން ވެސް ވަރަށް ބާރުގަދަކޮށް އުޅުނު ގާޔަތްރީ އަކީ 2009 ވަނަ އަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހު އޭނާ މަރުވުމާ ހަމަޔަށް ޖެއިޕޫރްގެ މަހަރާނީ އެވެ.