ބޮލީވުޑް

ސަންޖޭ ދަތު އެންމެފުރަތަމަ ކުޅެނީ އަމިއްލަ ފިލްމެއް

Jun 30, 2016

އެކްޓަރު ސަންޖޭ ދަތު ޖަލުން މިނިވަންވި ފަހުން އެންމެ ފުރަތަމަ ކުޅެން ހަމަޖެހިފައި އޮތް ފިލްމަކީ ޑައިރެކްޓަރު ސިދާތް އަނަންދްގެ ފިލްމެކެވެ.

ނަމަވެސް މިފިލްމަކީ ސަންޖޭގެ ގިނަ އެކްޝަން މަންޒަރުތަކެއް ހިމެނޭ ފިލްމަކަށް ވުމާއި ފިލްމުގެ ބަތަލާގެ ރޯލު ކުޅޭނެ އެކްޓަރެއް އަދި ހަމަޖެހިފައިނުވާތީ ސިދާތް ވަނީ މިފިލްމުގެ މަސައްކަތް ފަށުމުގެ ކުރިންް ސަންޖޭ އަދި މިރޯލަށް ރަނގަޅަށް ތައްޔާރުވާން ވަގުތު ބޭނުންވާ ކަމަށް ބުނެ ފިލްމުގެ ޝޫޓިން ފެށުން ކަނޑައެޅިފައި އޮތް ތާރީހަށް ވުރެން ލަސްކޮށްފަ އެވެ.

ފިލްމުގެ ޑައިރެކްޓަރު ސިދާތް ވަނީ މިފަދަ ބޮޑު އެކްޝަން ފިލްމެއް އުފެއްދުމުގެ ކުރިން އެކަމަށް ގާބިލު ޓީމެއް އޮތުން ވެސް މުހިންމު ކަމަށާއި އެގޮތުން ބޮޑު ފިލްމުތަކަށް ބޮޑެތި ބަޖެޓު ބޭނުންވުމަކީ ވެސް ފިލްމުގެ މަސައްކަތް ފެށުމުގެ ކުރިން ނިންމަންޖެހޭ ކަންތައްތަކަށް ވުމުން ލަސްވަނީ ކަމަށް ބުނެފަ އެވެ. އަދި ފިލްމުގެ ޕްރީ ޕްރޮޑަކްޝަނަށް އިތުރު ވަގުތު ބޭނުންވާތީ އެވާހަކަ ސަންޖޭ އަށް އަންގާފައިވާ ކަމަށް ވެސް ސިދާތް ވަނީ ބުނެފަ އެވެ.

އެހެންކަމުން ސަންޖޭ ވަނީ މިފިލްމުގެ މަސައްކަތް ފެށުމުގެ ކުރިން އޭނާގެ އެންމެ ފުރަތަމަ ކުޅޭނީ އަމިއްލަ ފިލްމެއް ކަމަށް ބުނެފަ އެވެ. އެފިލްމާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ސަންޖޭ ހިއްސާކޮށްފައެއް ނުވެ އެވެ.

"އަދިވެސް މިފިލްމަށް އަހަރެން ބޮޑަށް ތައްޔާރުވާން އެބަޖެހޭ. އަވަސް އަރުވާލައިގެން ފިލްމެއްގެ ޝޫޓިން ފެށުމަކީ ރަނގަޅު ގޮތެއް ނޫން" ސަންޖޭ ބުނެފައިވެ އެވެ.

އަމިއްލަ ނަފްސު ހިމާޔަތްކުރުމަށް، ހުއްދަ ނޫން ހަތިޔާރެއް ގެންގުޅުމުގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލާފައިވާ ސަންޖޭ މިނިވަން ވެފައިވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅު އެވެ.

ސަންޖޭ ކުޅެން ހަމަޖެހިފައިވާ ފިލްމުތަކުގެ އިތުރުން ޑައިރެކްޓަރު ރާޖް ކުމާރް ހިރާނީ އަންނަނީ ސަންޖޭގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފެއްދުމަށް ތައްޔާރުވަމުންނެވެ. މިފިލްމުގައި ސަންޖޭގެ ރޯލުން ފެނިގެންދާނީ ރަންބީރު ކަޕޫރެވެ.