ހަބަރު

މަރުގެ އަދަބުދޭ ގަވާއިދުގެ ބައެއް ބާތިލުކޮށްދިނުމަށް އެދި ހައިކޯޓަށް

މަރުގެ އަދަބު ތަންފީޒުކުރުމުގެ ގަވާއިދުގެ ބައެއް ބާތިލުކޮށްދިނުމަށް އެދި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކުން ހައި ކޯޓަށް މިއަދު މައްސަލައެއް ވައްދައިފި އެވެ. ބާތިލުކޮށްދިނުމަށް އެދިފައިވަނީ އެ ގައިވައިދުގެ މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ އިޖްރައާތު ބަޔާންކުރާ މާއްދާތަކެވެ.

މި މައްސަލަ މިއަދު ހައިކޯޓަށް ވައްދާފައިވާއިރު މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ. ހައިކޯޓަކީ ގަވައިދެއްގެ ނުވަތަ ގާނޫނެއްގެ ބައެއް ބާތިލުކޮށްދިނުމަށް އެދި ހުށަހަޅާ މައްސަލަތައް ބެލުމުގެ އިހްތިސާސް އޮންނަ ކޯޓެކެވެ.

މޯލްޑިވްސް ނެޓްވޯކުން ހައިކޯޓަށް ވައްދާފައިވާ މައްސަލާގައި ވަނީ، މަރުގެ އަދަބު ތަންފީޒުކުރުމުގެ ގަވައިދުފެ އަށް ވަނަ މާއްދާއިން ފެށިގެން 17 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކަކީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާއާ ހިލާފް މާއްދާތަކެއް ކަމަށް ބުނެ އެ މާއްދާތައް ބާތިލުކޮށްދިނުމަށް އެދިފަ އެވެ.

މީގެއިތުރަށް މޯލްޑިވްސް ނެޓްވޯކުން ވަނީ މި މައްސަލަ ނިމެންދެން މަރުގެ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް އަމުރެއް ނެރެދިނުމަށް ވެސް ހައިކޯޓުގައި އެދިފަ އެވެ. އެގޮތަށް އެދިފައިވަނީ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު، އަފްރާޝީމް މަރާލުމުގެ ކުށް ސާބިތުވި، ހ. ލޮބީ ހުސެން ހުމާމް މެރުމަށް ކުރި ހުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދު ކުރުމާ އެކު ހުމާމްގެ މައްޗަށް އެ ހުކުމް ތަންފީޒު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާތީ އެވެ.

ގަވައިދުގެ ބައެއް ބާތިލުކޮށްދިނުމަށް އެދި ހައިކޯޓަށް މައްސަލައެއްް ވައްދާފައިވާއިރު އިއްޔެ ވަނީ އެ ގަވައިދަށް ސަރުކާރުން ބަދަލު ގެނެސްފަ އެވެ. އެގޮތުން ލީތަލް އިންޖެކްޝަން ބޭނުން ކޮށްގެން މަރުގެ އަދަބު ތަންފީޒު ކުރުމުގެ އިތުރަށް، ދަންޖައްސައިގެން ވެސް އެ އަދަބު ދެވޭ ގޮތަށް ގަވައިދު ވަނީ އިސްލާހުކޮށްފަ އެވެ.