ހަބަރު

މައުމޫންއަށް ލަފާ ދޭ ހަތް މެންބަރުންގެ ކޮމިޓީއެއް އުފައްދައިފި

Jun 30, 2016
4

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަށް ލަފާ ދެއްވުމަށް ހަތް މެންބަރުންގެ ކޮމިޓީއެއް އެމަނިކުފާނު އެކުލަވާލައްވައިފި އެވެ. އެ ކޮމިޓީ އެކުލަވާލެއްވި އިރު، ޕީޕީއެމްގެ އެތެރޭގެ ކޯޅުންތައް ވަނީ ބޮޑުވެފަ އެވެ.

ޕީޕީއެމްގެ އޮފިޝަލަކު މިއަދު ވިދާޅުވީ، މިއަދު މެންދުރު ޕީޕީއެމްގެ އޮފީހުގައި ރައީސް މައުމޫން މަޝްވަރާތައް ބޭއްވެވީ އެ ކޮމިޓީގެ މެންބަރުންނާ އެކުގައި ކަމަށެވެ. އެއީ އެ ކޮމިޓީ އިފްތިތާހުކުރުމުގެ ބައްދަލުވުން ކަމަށް ވެސް އޭނާ ބުންޏެވެ.

އެ ކޮމިޓީގައި ތިއްބަވަނީ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި، ރާޝިދާ ޔޫސް އާއި ކޯޑިނޭޓަރުކަމުން ވަކިކުރި އައިމިނަތު ނާދިރާ އަދި ކުރީގެ މިނިސްޓަރުކަން ކުރެއްވި ހަމްދޫން ހަމީދު އަދި އަނީސާ އަހުމަދެވެ. އަދި ސީނާ އަހުމަދު ޒާހިރު ވެސް އެ ކޮމިޓީގައި އިންނަވަ އެވެ.

މި ކޮމިޓީއެއް މައުމޫން އުފެއްދެވި އިރު ރޭގެ ވަގުތެއްގައި ޕީޕިއެމްގެ ނައިބު ރައީސްގެ ބާރުތައް ނަންގަވައި ޕާޓީ ހިންގެވުމުގެ ކަންކަން ސީދާ މައުމޫން ވަނީ ކުރައްވަން ފައްޓަވައިފަ އެވެ. އަދި ޕާޓީގެ ކައުންސިލާއި އެއްވެސް ކޮމިޓީއެއްގެ ބައްދަލުވުން މައުމޫންއަށް ނޭނގި ބޭއްވުން ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ.