ފިނިޕޭޖް

މުހުތާރު ގެއްލުނުއިރު މުހުތާރެއް އުފަންވެއްޖެ!

"ހިނިތުން ވެލާށޭ ކަލާ" މިއީ މި އަހަރުގެ އެ ހަނދާނުގައި ޝޯގައި އަޑުއިވިގެން ދިޔަ ލަވަ އެކެވެ. އެ ޝޯގެ އެހެން ހުރިހާ ލަވައެއްގައި ތަފާތު ކަމެއް އިހުސާސް ކުރެވުނެވެ. އެހެން ނަމަވެސް މި ފަހަރުގެ "ހިނިތުން ވެލާށޭ ކަލާ" އެ ލަވައިން މާބޮޑު ތަފާތު ކަމެއް އިހުސާސެއް ނުކުރެވުނެވެ. އެކަމަކު އޮރިޖިނަލް އަށްވުރެ ތަފާތެވެ.

މިލަވައިން މިފަހަރު މާބޮޑު ތަފާތެއް ފާހަގަ ނުވީ ކީއްވެކަން އެންމެނަށްވެސް އެނގެ އެވެ. އެލަވައިގެ އޮރިޖިނަލް ކިޔާފައިވާ މުހުތާރު އާދަމްގެ އަޑާއި މިފަހަރު ޝޯގައި އެ ލަވަ ކިޔާފައިވާ އަހުމަދު އާދަމްގެ އަޑު ވައްތަރުވީ އެވެ. އެއީ ދެބެއިންތޯ ގިނަ ބަޔަކުވަނީ ސުވާލު އުފައްދާފަ އެވެ. ޖަވާބަކީ އާ އެކޭ އެވެ. އަހުމަދު އަކީ މުހުތާރުގެ ކޮއްކޮ އެވެ.

މިކަހަލަ ބޮޑު ޝޯއެއްގައި މީގެ ކުރިން އަހުމަދު ލަވަ ކިޔާފައި ނުވިއަސް އޭނާ އަކީ އާ މޫނެއް ނޫނެވެ. ސްޓޭޖް ޝޯގެ ދުނިޔޭގައި އޭނާ ފިޔަޖަހާތާ ކިތަންމެ ޒަމާނެކެވެ. ލަވަ ކިޔާނެ ފުރުސަތެއް ނުލިބި ގެއްލިފައިވާ ހުނަރުވެރި އެކެވެ. ބޭބެ ލަވަ ކީ ދުވަސްވަރުގައި ގަދަ ކަމުން ފުރުސަތެއް ހޯދަން އޭނާ ބޭނުންނުވީ އެވެ. އެއްބަނޑު އެއްބަފާ ހަ މީހުން އަދި އަހުމަދު އާ އެއްބަފާ އެހެން ދެބެންނަކީވެސް ލަވަކިޔުންތެރިންނެވެ. ފުރަތަމަ ފަހަރަށް އެ ހަނދާނުގައި ޝޯގައި މިއަހަރު އަހުމަދު ލަވަ ކީއިރު މިއީ އޭނާގެ އަޑުން ލަވައެއް ރިކޯޑުކުރި ފުރަތަމަ ފަހަރެވެ.

"މީގެ ކުރިން ނުލިބޭ ލަވައެއް މިގޮތަށް ރިކޯޑުކޮށްލަން ފުރުސަތެއް. އެ ހަނދާނުގައި ޝޯގައިވެސް ބައިވެރިވެވެނީ ކިހިނެއް ކަމެއް ނޭނގޭ. މިފަަހަރު އޮޑިޝަން އޮންނަކަން އެނގިގެން އޮޑިޝަންގައި ބައިވެރިވެގެން ހޮވުނީ،" އަވަސް އަށް ދިން އިންޓަވިއުއެއްގައި އަހުމަދު ބުންޏެވެ.

އަހުމަދަށް މިފަހަރުގެ އެ ހަނދާނުގައި ޝޯގައި ލަވަކިޔަން ފުރުސަތު ލިބުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ ވޮއިސް އޮފް މޯލްޑިވްސް އިން ވިދާލި ތަރި މަރިޔަމް މުހައްމަދު (މަރީ) ގެ ފަރާތުންނެވެ. މަރީއަކީ އަހުމަދަށް ބޮޑުބޭބެ ކިޔާ ކުއްޖެކެވެ.

މިފަހަރު އަސްލު މަރީ ހޯދައިދިން ޗާންސެއް މިއީ، އޮޑިޝަންގައި ބައިވެރިވާން އެންމެ އެހީވީ އޭނާ،" އަހުމަދު ބުންޏެވެ.

އަހުމަދު މީހުންގެ ސަމާލުކަމަށް އައި ނަމަވެސް މީގެ ކުރިން އޭނާ ވަނީ ބައެއް ލަވަ މުބާރާތްތަކުގައި ބައިވެރިވެ ވާދަކޮށްފަ އެވެ. ސްކޫލް ދައުރަކު ނޫނެވެ. ސްކޫލް ދައުރުގައި ލަވަ ކިޔުމުގެ އެއްވެސް މުބާރާތެއްގައި އޭނާ ބައިވެރިއެއް ނުވެ އެވެ. ދެހާސް އެގާރަ ވަނަ އަހަރު ޓީވީއެމް އިން ގެންސްދިން "ވޮއިސް އޮފް މޯލްޑިވްސް" ގައި އޭނާ ވާދަކުރި އެވެ. މާލޭ އޮޑިޝަނުން ހޮވިގެންނެވެ. ނަމަވެސް އެފަހަރު ތިބި ބައިވެރިންނާ ވާދަކޮށްގެން އަހުމަދަށް ދެވުނީ ދެވަނަ ރައުންޑާ ހަމައަށެވެ. އެ ރައުންޑަށްފަހު މުބާރާތަށް އަލްވަދާއުގެ ސަލާމް ކުރަން ޖެހުނީ އެވެ. އޭގެ ކުރިން ވީޓީވީ އިން ގެނެސްދިން ލަވަ މުބާރާތެއްގައި ވެސް އަހުމަދުވަނީ ވާދަކޮށް ޓޮޕް ފަހަކާއި ހަމައަށް ދަތުރުކޮށްފަ އެވެ. ބެލުންތެރިންގެ ރާޑަރަށް ނާރާ ހުއްޓަސް މިއީ މުޅިން އާ މޫނެއް ނޫނެވެ.

ވޮއިސް އޮފް މޯލްޑިވްސްގައި ބައިވެރިވާން އޭނާ ބޭނުންވި އެވެ. އެސްއެމްއެސް ވެސް ކުރި އެވެ. ނަމަވެސް އުމުރު ހަމަވެފައި ވުމުން ބައިވެރިނުވެވުނީ އެވެ. މީގެ ކުރިން ލަވަކިޔަން ފުރުސަތު ލިބިފައި ނެތަސް ކުރިއަށް އޮތްތާނގައި އަހުމަދަށް ވެސް ފުރުސަތު ލިބޭނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. މިފަހަރުގެ ލަވަ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައި ވުމުންނެވެ. ލިބިއްޖެ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފަން އޭނާ ހުރީ ތައްޔާރަށެވެ.