މުހައްމަދު އަނިލް

އިއުލާންކޮށްގެން ރަށްތައް ދޫކުރިޔަސް ކޮރޮޕްޝަނަށް މަގުފައްސެއްނުވޭ: އަނިލް

އާމުކޮށް އިއުލާން ކުރުމަކައި ނުލާ ރަށްތަކާއި ފަޅުތައް ދޫކުރާ ބިލަކީ ކޮރޮޕްޝަނަށް މަގުފަހިވާނެ ބިލެއް ނޫން ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

މިއަދު މުލިޔާގޭގައި ބޭއްވި ޕްރެސްގައި ވާހަކަދައްކަވަމުން އަނިލް ވިދާޅުވީ 1998 ވަނަ އަހަރު އޭނާ ލިޔުއްވި ރާއްޖޭގެ ފަޅުރައްރަށާއި ބެހޭ ގާނޫންގެ 11 ވަނަ މާއްދާގައި ވެސް ބިޑުކުރުމަކައި ނުލާ ރަށްތައް ދޫކުރެވޭ ގޮތައް އޮންނަ ކަމަށާއި އަދި މިފަހުން ފާސްކުރި ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ވެސް އޮންނާނީ އެފަދައިން ކަމަށެވެ.

އަނިލް ވިދާޅުވީ ޓޫރިޒަމް ބިލުގައި ފަޅުރަށްރަށާއި ބެހޭ ގާނޫނަށް ވުރެ ދެފުށް ފެންނަ ގޮތަށް އޭސީސީއާ އޮޑިޓާ ޖެނަރަލް އޮފީހުގެ އިތުރުން ރައީސް އޮފީހުގެ ހުއްދަ ލިބޭ ގޮތަށް ބިލު ފަރުމާކޮށްފައިވާނެ ކަމަށާއި އެހެންކަމުން ފަޅުރަށް ދޫކުރުމާބެހޭ ބިލުން ކޮރޮޕްޝަންއަށް މަގުފަހި ނުވެ ޓޫރިޒަމް އަށް މި ގެނައި އިސްލާހުން ކޮރޮޕްޝަނަށް މަގުފަހި ވުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން މި ބިލް ޑްރާފްޓުކޯށްފައި މި އޮތީ މި ދެންނެވި ފަޅުރައްރަށާއި ބެހޭ ގާނޫންގެ 11 ވަނަ މާއްދާގެ ށ. ނަކަލްކޮށްފައި. ބަހުން ބަހުން އިބާރާތުން އިބާރާތައް އަކުރުން އަކުރަށް. އިތުރު ބަދަލަކަށް ގެނެއްސާ އޮންނާނީ މިކަން ދެފުށް ފެންނަ ގޮތަކަށް ހެދުމަށް ޓަކައި ރަށް ދޫކުރެވޭނީ ކޮން ރަށްރަށެއްކަން އާމުކޮށް އިއުލާން ކުރަން ޖެހޭ. އަދި އެކަމަށް ޓަކައި ރައީސް އޮފީހުގެ ހުއްދަ ހޯދަން ޖެހޭ. އަދި އެރަށައި ގުޅޭގޮތުން ކުރެވޭ މުއާމަލާތްތައް އޭސީސީ އަދި އޮޑިޓާ ޖެނަރަލް އޮފީހަށް އަންގަން ޖެހޭ ކަމަށާއި އަދި އިކުއިޝަން ފީ އެއް ފަހަރައި އެކުގައި ދައްކަން ޖެހޭނެ ކަމަށް ބުނެފައި ވަނެ،" އަނިލް ވިދާޅުވި އެވެ. "މި ގާނޫނުގައި ސޫލީ މައްސަލަތައް ހުރި ކަމަށް ބުނާ ބޭފުޅުންނަށް އަޅުގަނޑު ގޮންޖަހައިފަ މިދަންނަވަނީ ގާނޫން އަސާސީއާ އެއްގޮތަށް އޮތް ބިލެއް މިއީ. ރާއްޖޭގެ ފަޅު ރަށްރަށާއި ބެހޭ ގާނޫނުގައި މައްސަލައެއް ނެތި މިބިލްގައި މައްސަލަ އޮތުމަކީ ވާނެކަމެއް ނޫން،" އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ 2005 ވަނަ އަހަރުން ފެށިގެންވެސް ނަމެއްގައި ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ވެގެން ޖޮއިންޓް ވެންޗާ (ޖޭވީ) އެއް އުފައްދައި ބިޑް ކުރުމަކައި ނުލާ ރަށްތަކައި ފަޅުތައް ދޫކޮށްފައިވާ ކަމަށާއި އެގޮތުން އެމްޓީޑީސީ އުފައްދައި އެ ކުންފުންޏަށް ދޫކުރި ރައްތަކާއި އަދި 2008 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސީއެސްއާރް ޕްރޮގްރާމުގެ ދަށުން ވެސް ބިޑްކުރުމަކާ ނުލައި ރަށްތައް ދޫކޮށްފައި ހުރި ކަމަށެވެ.

އެހެން ނަމަވެސް މި ސަރުކާރު ތެރޭގައި އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ ދިމާވެ އެކަމުން ނެރުން އޮޑިޓު ރިޕޯޓާއި އޭސީސީއިން ފާހަގަ ކުރެއްވި ކަންތަކު ތެރޭގައި އާމުކޮށް އިއުލާންކޮށްގެން ދުކުރުމަކީ ކާމިޔާބުކަމައި އެކީގައި ނުހިނގައި ކަމެއް ކަން ފާހަގަވެފައިވާ ކަމަށް އަނިލް ވިދަޅުވި އެވެ.

"އެހެންވީމަ މި ދެކެވެނީ ކޮންވާހަކައެއް ތޯ. އަޅުގަނޑަށް މި ފެންނަނީ ތިން ކަމެއް. އެއްކަމަކީ ބައެއް ބޭފުޅުން އެބޭފުޅުންގެ ސިޔާސީ މަގސަދުތައް ހާސިލް ކުރުމަށް މި ހަތިރާރެއް ގޮތުގައި ބޭނުން ކުރައްވަނީ. އަދި އާމުންނަށް އޮޅުވާލުމަށްޓަކައި ހަގީގަތާއި ހިލާފު ވާހަކަދައްކަވަނީއޭ. ނޫނީ ރާއްޖޭގައި ފިތުނަ ފަސާދަ އުފެއްދެވުމަށް ޓަކައި މި ވާހަކަ މި ގޮތައް ދައްކަވަނީ" އަނިލް ވިދާޅުވި އެވެ.