ޑރ. މުހައްމަދު މުއިއްޒު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތް އަލުން ފަށަނީ

ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައި އޮތް ކަނޑުގެ ސަރަހައްދާ ގުޅޭގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ގޮތެއް ނިންމިއިރު ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް މިހާރުގެ ސަރުކާރަށް ގަބޫލުކުރެވޭތީ އެ މައްސަލަ ދިރާސާކުރުމަށް ބަންޑާރަނައިބްގެ އޮފީހާ ހަވާލުކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ސަރުކާރުގެ ތެރެއިން މިމަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށްޓަކައި ވިލަރެސް ކުރަން ހާއްސަ ކޮމިޓީއެއްވެސް މިހާރު ވަނީ ނަގާފަ އެވެ. ކޮމިޓީގައި ހިމެނޭ ބޭފުޅުންނަކީ ކުރީގެ ބަންޑާރަނައިބް މުހައްމަދު އަނިލް އާއި، ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ މަލްޓިލެޓެރަލް އަހްމަދު ޝިޔާންގެ އިތުރުން ކާނަލް އަހްމަދު މުޖުތަބާ އެވެ.

މައްސަލަ ދިރާސާ ކުރާ ކޮމިޓީގެ ވެރިޔަކަށް އައްޔަންކުރެއްވި އަނިލް މިމަސައްކަތް ސަރުކާރަށް ކޮށްދިނުމަށް ހަމަޖެހިފައިވަނީ ހިލޭ ސާބަހަށް ކޮށްދޭ މަސައްކަތެއްގެ ގޮތުގައެވެ.

ބަޔާނުގައި ބުނި ގޮތުގައި ބަންޑާރަ ނައިބުގެ އޮފީހުން މައްސަލަ ދިރާސާކުރުމުގެ އިތުރުން ކުރީގެ ސަރުކާރުގައި ދައުލަތުން ގެންގުޅުނު ގާނޫނީ ޕޮޒިޝަނާއި އަމަލުކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ރާއްޖެ އާއި ބައިނަލްއަގުވާމީ އިސް މާހިރުންގެ ލަފާ ހޯދުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.

މައްސަލަ ދިރާސާ ކުރާއިރު ކޮމިޓީން ބަލާނެ ކަންކަމުގެ ތެރޭގައި ހިމެނެނީ ނިމިދިޔަ ސަރުކާރުން ގެންގުޅެފައިވާ ސިޔާސަތާއި، އިޓްލޮސްއިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ކުރަންޖެހޭ ކަންކަމާއި، މައްސަލައާ ގުޅިގެން ދެން އެޅެންހުރި ފިޔަވަޅުތަކެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ކުރީގެ ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތު ބަދަލުކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސޮއިކުރައްވާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީވެސް އާންމު ކުރައްވާފަ އެވެ.

ރައީސް އޮފީހުން ބުނީ އޮގަސްޓް 22، 2022 ގައި ކުރީގެ ރައީސް ސޯލިހް، މޮރިޝަޝްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުއްވީ ޖޫން 24، 2022 ގައި ރުވާންޑާގައި ބޭއްވި ކޮމަންވެލްތު ހެޑްސް އޮފް ގަވަމަންޓް މީޓިންގެ ހަވާސާގައި ދެބޭފުޅުން ދެއްކެވި ވާހަކަތަކަކާ ހަވާލާދީ ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ ލިޔެކިޔުންތައް ނެތް ކަމަށްވެސް ބަޔާނުގައިވެ އެވެ.

މިހާރު އެކުލަވާލާފައިވާ ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ނިމިދިޔަ ސަރުކާރުން ރާއްޖޭގެ މަސްލަހަތު ގެއްލޭ ގޮތަށް ގެންގުޅެފައިވާ ގާނޫނީ ޕޮޒިޝަނާއި އަމަލުކޮށްފައިވާ ގޮތުގެ ރިޕޯޓެއް އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި މައްސަލަ ދިރާސާކޮށް ނިމުމުން ބަންޑާރަނައިބްގެ އޮފީހުން ކަމާ ގުޅޭ މައުލޫމާތު ހާމަކުރުމަށްވެސް ވަނީ ނިންމާފަ އެވެ.

ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައި އޮތް ކަނޑުގެ ސަރަހައްދާ ގުޅޭގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ގޮތެއް ނިންމިއިރު ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގަބޫލުކުރައްވާތީ ރާޢްޖެ އަށް ގެއްލުނު ބައި ހޯދުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.