މުހައްމަދު އަނިލް

އަނިލް، ރިޝްވަތު ނެގި ކަމަށް ބުނާ މައްސަލައެއް

ދައުލަތުގެ ކުރީގެ ބަންޑާރަ ނާއިބް މުހައްމަދު އަނިލްއާ ގުޅޭ މައްސަލަތަކެއް އަމިއްލަ ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައަޅައިފި އެވެ.

އަނިލްއާ ގުޅޭގޮތުން އޭސީސީއަށް ހުށައަޅާފައިވަނީ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބުގެ އަތުން 22 މިލިއަނަށްވުރެ ގިނަ ރުފިޔާ، ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ކަމަށް ބުނާ މައްސަލައަކާއި، ނުފޫޒު ބޭނުންކޮށްގެން މީހަކަށް ވަޒީފާ ހަމަޖައްސައިދިން ކަމުގެ މައްސަލައެއްގެ އިތުރުން ސަން ގްރޫޕަށް ޗައިނާގެ އެގްޒިމް ބޭންކުން ބޮޑު ލޯނެއް ހޯދާދިނުމަށް ދައުލަތުން ސޮވެރިން ގެރެންޓީ ދިނުމުގައި ރިޝްވަތު ނަގާފައިވާ ކަމަށް ބުނާ މައްސަލަ އެކެވެ.

ކުރީގެ އޭޖީއާއި ގުޅޭގޮތުން މައްސަލަތަކެއް ހުށައެެޅިފައިވާ ކަމަށް އޭސީސީންވެސް ޔަގީންކޮށްދެއެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދިނެވެ. އޭސީސީގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަތައް ހުށައަޅާފައިވަނީ އިއްޔެ ވަގުތެއްގައި ކަމަށެވެ.

އޭސީސީއަށް މައްސަލަ ހުށައެޅި ފަރާތުން ވަނީ އަނިލް، އަދީބުގެ އަތުން 22 މިލިއަނަށްވުރެ ގިނަ ރުފިޔާ ރިޝްވަތުގެ ގޮތުގައި ނަންގަވާ އެއިން މަންފާ ހޯދާފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ. އެގޮތުން މެލޭޝިޔާއިން ކާރަކާއި ގެއެއް ގަނެފައިވާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި އަނިލް ހިމެނިވަޑައިގަންނަވައެވެ. އަދި އަނިލްއަކީ އަދީބު އެންމެ ބާރުގައި ހުންނެވި ދުވަސްވަރު އޭނާއާވެސް ހާއްސަ ގުޅުމެއް ބޭއްވެވި ބޭފުޅެކެވެ. ބާރާއި ނުފޫޒުގައި ގިނަ ކަންތައްތަކެއް ކުރެއްވި ކަމަށް ކުރީ ސަރުކާރުގެ ވެރިންގެ މައްޗަށް ތުހުމަތު ކުރެވުނު ނަމަވެސް އެ ތުހުމަތުތަކާއި ގުޅޭގޮތުން އަނިލް މިހާތަނަށް މާގިނަ ވާހަކަތަކެއް ދައްކާފައެއް ނުވެއެވެ.

އަދި ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ބަލިވިފަހުން އެމަނިކުފާނުގެ އަރިހުންވެސް އަދި ސިޔާސީ އެއްވެސް މަސައްކަތަކުންވެސް އަނިލް ފެނިފައެއް ނުވެއެވެ.