ރައްޔިތުން މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލުވާލި މައްސަލާގައި ބަނޑާރަނައިބު މުހައްމަދު އަނިލް ރައްޔިތުންގެ މަޖިލީހަށް ގެނެސް ޖަވާބު ދާރީ ކުރުވާނެ ކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.
އެންޓި ޑިފެކްޝަން ގާނޫން އުވާލުމަށް މަޖިލީހަށް ހުށަހެޅި ބިލަށް ވާހަކަދައްކަވަމުން ރިޔާޒް ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫން ވުޖޫދަށް ގެންނަން މެންބަރުންނަށް މަޖުބޫރުވީ ގޮނޑި ގެއްލުވާލުމަށް އޭޖީ އަނިލް "ވަގަށް" ސިޓީއެއް ސުޕްރީމް ކޯޓަށްލުމާއެކު ނެރުނު އަމުރަކާ ހެދި ކަމަށެވެ. މިނިވަންކަމާއެކު މަޖިލީހުގައި ވާހަކަދައްކާލުމުގެ ފުރުސަތެއް މި ފަސް އަހަރު ތެރޭ ލިބުނީ މިއަދު ކަމަށާއި މިއަދު ވެސް ޕާޓީ އިން ކަނޑާލާނެ ކަމެއް ނޭނގޭ ކަމަށެވެ. އެކަމަށް މަގުފަހިކޮށްދިނީ ރައްޔިތުންގެ ހައްގުގައި ތިބެން ޖެހޭ އަނިލް އޭނާގެ މަސްއޫލިއްޔަތު އަދާ ނުކުރެވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުން މަޖިލީހުގެ ބާރު ކަނޑުވާލުމަށް އޭޖީ އަނިލް ކުރެއްވި ކަންތައް މި މަޖިލީހަށް އޭނަ ގެނެސް އެކަން ބަލަން ޖެހޭނެ، ގާނޫން އަސާސީގެ 133 ވަނަ މާއްދާގައި ބުނަނީ ބަނޑާރަނައިބަކީ އެއީ ސަރުކާރުގެ ބަންޑާރަނައިބެއް ނޫނޭ، އެއީ ދައުލަތުގެ ބަންޑާރަނައިބޭ، އަޅުގަނޑުގެ ހައްގެއް ގެއްލުނަސް އޭނަ ދާން ޖެހޭ އެތަނަށް،" ރިޔާޒް ވިދާޅުވި އެވެ. "އެހެންވެ ބަންޑާރަނައިބު އޭނާގެ މައްސޫލިއްޔަތު އަދާ ނުކުރެވޭކަން އެއީ އަޅުގަނޑު ހިިތާމަ ކުރާކަމެއް، އެހެންވެ މަޖިލީހަށް އޭނަ ހާޒިރުކޮށް އޭނައާ ސުވާޅު ކުރަން ޖެހޭނެ ކީއްވެގެންތޯ،"
ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރަށް ހަދާލި ގޮތާ ބެހޭ ގޮތުން ވެސް އަނިލްއާ ސުވާލު ކުރެވެން ޖެހޭނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ. ބަންޑާރަނައިބު އަމިއްލައަށް އިސް ނަގައިގެން ހުކުމާ މެދު އަމަލު ކުރެއްވި ގޮތުން މުޅި ގައުމު ލަދު ގަންނަވާލި ކަމަށާއި މަޖިލީސް ތަމްސީލު ކުރުމުގެ ހައްގު ވެސް މެންބަރުންނަށް ގެއްލުވާލި ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"އެފަދަ މީހަކު އެފަދަ އަމަލެއް ކުރީތީވެ އެކަން އަޅުގަނޑުމެން ބަލަން އެބަޖެހޭ، މިއީ ކުރެވޭނެ ކަމެއް ނޫން، އެންމެ ފަރުދެއްގެ ހައްގުގައި ވެސް ވަކާލާތު ކުރަން ޖެހޭ މީހެކޭ އޭނައަކީ، މިއީ އަޅުގަަނޑު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމެއް އެހެންވީމަ މި [އެންޑި ޑިފެކްޝަން] ގާނޫން އުވާލަން މި ޖެހުނީ،" އަނިލް ވިދާޅުވި އެވެ.
ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ވަކި ވެއްޖެ ނަމަ ނޫނީ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ހެދުމަށް ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް މިދިޔަ އަހަރު ހުށަހެޅީ އަނިލް އެވެ. އަދި ފެބްރުއަރީ އަމުރު ތަންފީޒު ނުކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާާން ކުރުމުގެ ކަންކަމުގައި ވެސް މީޑިއާއަށް ސްޓޭޓްމަންޓު ދިނުމުގައި އަނިލް އިސްކޮށް ހަރަކާތްތެރިވި އެވެ.