ރިޝްވަތާއި ހިޔާނާތުގެ ގިނަ ކުށްތައް އިތުރުކުރުމަށް ގާނޫނުލްއުގޫބާތަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގައި ހިމަނައިފި އެވެ. އެ އިސްލާހު ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ އެވެ.
އަބްދުލްރަހީމް އެ އިސްލާހު ހުށަހެޅުއްވިކަން ހާމަކުރައްވާފައިވަނީ ގާނޫނުލްއުގޫބާތުން ރިޝްވަތުގެ ކުށް އުނިކުރާ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ. ކުރިން ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން އެ ގާނޫނުގެ 510 ވަނަ މާއްދާގައިވާ ރިޝްވަތުގެ ކުށުގެ ބާބު އުވޭނެ އެވެ. އެއީ 510 ވަނަ ބާބަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ބާބަށް ހެދުމަށް އެ އިސްލާހުގައި ހިމަނާފައިވާތީ އެވެ.
ނަމަވެސް އަލަށް ހުށަހަޅާފައިވާ އިސްލާހުގައި ގާނޫނުލްއުގޫބާތުގެ 542 ވަނަ މާއްދާގެ ފަހަތަށް އިތުރު ތިން ބާބު އިތުރުކުރަން ވަނީ ހިމަނާފަ އެވެ. އެއީ ރިޝްވަތާއި ހިޔާނާތާ ގުޅޭ ގޮތުން ގާނޫނުލްއުގޫބާތުގައި އަލަށް ހިމަނާ ތިން ބާބެވެ. އެ ތިން ބާބުގައި ރިޝްވަތާއި ހިޔާނާތުގެ ކުށްތައް މިހާރަށްވުރެ ބޮޑަށް ތަފްސީލްކޮށް ބަޔާންކޮށްފައިވެ އެވެ.
ގާނޫނުލްއުގޫބާތުގައި މިހާރު ރިޝްވަތުގެ ބާބުގައި އޮތީ ފަސް ކުށެކެވެ. އެއީ ރިޝްވަތު ހުށަހެޅުމާއި ދިނުމާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމާއި ރަސްމީ ވާޖިބު އަދާކުރުމުގައި ހިންގާ އެކަށީގެންނުވާ އަމަލާއި ނަހަމަ ގޮތުގައި ރަސްމީ ހައިސިއްޔަތު ނުވަތަ މައުލޫމާތު ބޭނުންކުރުމާއި ސިއްރު މައުލޫމާތު ހުއްދަނޫން ގޮތުގައި ހާމަކުރުމުގެ ކުށެވެ. ނަމަވެސް އިސްލާހުގައި ރިޝްވަތުގެ ބާބުގައި އެކަނި ވެސް އަށް ކުށެއް ހިމަނާފައިވެ އެވެ.
އެގޮތުން އިސްލާހުގައިވާ ގޮތުން ގާނޫނުލްއުގޫބާތުގެ 550 ވަނަ ބާބަކީ ރިޝްވަތުގެ ކުށުގެ ބާބެވެ. އެ ބާބުގެ ފުރަތަމަ މާއްދާގައިވާ ބަޔާންކޮށްފައިވަނީ ދައުލަތުގެ މުވައްޒަފަކަށް ރިޝްވަތު ދިނުމުގެ ކުށެވެ. ދެން ބަޔާންކޮށްފައިވަނީ ދައުލަތުގެ މުވައްޒަފަކު ރިޝްވަތު ހިފުމުގެ ކުށެވެ.
މިހާރު ގާނޫނުލްއުގޫބާތުގައި ރިޝްވަތު ކުށް އޮތް މިންވަރަށްވުރެ އިސްލާހުގައި ތަފްސީލްކޮށްފައިވާއިރު ބީލަމާ ގުޅޭ ގޮތުން ރިޝްވަތު ދިނުމާއި ހިފުމުގެ ކުށާއި ކޮންޓްރެކްޓާ ގުޅޭ ގޮތުން ރިޝްވަތު ހިފުމާއި ދިނުމުގެ ކުށާއި ނުފޫޒު ބޭނުންކޮށްގެން ވިޔަފާރި ކުރުމަށް ރިޝްވަތު ދިނުމާއި ހިފުމުގެ ކުށް އިސްލާހުގައި ހިމަނާފައިވެ އެވެ.
މި ބާބުގައި ހިމެނޭ ކުށްތަކަކީ ޖިނާއަތުގެ ތިންވަނަ ދަރަޖައިގެ ކުށެވެ. މިހާރު އެ ދަރަޖައިގެ ކުށަށްދޭ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެވެ. ނަމަވެސް ގާނޫނުލްއުގޫބާތަށް މެންބަރު އިބްރާހިމް ދީދީ ހުށަހެޅި އިސްލާހުގައި އަސާސީ މިންގަނޑުން ދެވޭ އަދަބު ހަ އަހަރަށް ބޮޑުކުރަން ވަނީ ނިންމާފަ އެވެ.
އަބްދުލްރަހީމް ހުށަހެޅުއްވި އިސްލާހުގައި ދެން އިތުރުކުރަން ހިމަނާފައިވަނީ 560 ވަނަ ބާބެވެ. އެއީ ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވުމުގެ ބާބެވެ. އެ ބާބުގައި ހިމަނާފައިވަނީ ހަތް ކުށެކެވެ. އެއީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށާއި ދައުލަތުގެ މުދަލަށް ހިޔާނާތްތެރިވުމުގެ ކުށާއި މަގާމުގެ ނާޖައިޒު ފައިދާ ނަގައިގެން ކަމެއް ކުރުން ނުވަތަ ނުކުރުމުގެ ކުށާއި އަމިއްލަ ފައިދާއަށް ދައުލަތުގެ ތަކެތި ބޭނުން ކުރުމުގެ ކުށާއި ދައުލަތުގެ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށާއި ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލުކުރުމުގެ ކުށާއި އަނބުރާ ލިބޭ ގޮތަށް ހަރަދުކުރާ ފައިސާ އޮޅުވާލައިގެން ހޯދުމުގެ ކުށެވެ.
ތިންވަނަ ބާބެއްގެ ގޮތުގައި އިތުރުކުރަން އިސްލާހުގައި ހިމަނާފައިވަނީ ކޮރަޕްޝަންގެ އެހެނިހެން ކުށްކުށުގެ ބާބެވެ. އެ މާއްދާގައި ވެސް އަށް ކުށެއް ހިމަނާފައިވެ އެވެ. އެގޮތުން ރަސްމީ ގަޑީގައި އަމިއްލަ މަސައްކަތް ކުރުވުމާއި މަސްލަހަތު އޮތް ތަނަކުން އިދާރާއަކަށް ތަކެތި ހޯދުމާއި މަސްލަހަތު އޮތް ތަނަކުން ދައުލަތުގެ އިދާރާއަކަށް މަސައްކަތް ހޯދުމާއި ކޮރަޕްޝަންގެ އަމަލުން ހޯދާފައިވާ މުދަލާއި ފައިސާއަށް ބަދަލު ގެނައުމަކީ އިސްލާހުގައިވާ ގޮތުން ކުށެވެ.
ގާނޫނުލްއުގޫބާތުގެ 570 ވަނަ ބާބުގެ ގޮތުގައި އިތުކުރާ ބާބުގައި ހެކިންނާ ގުޅޭ ގޮތުން ކުރެވޭ ކުށުގެ މާއްދާއެއް ވެސް ވަނީ ހިމަނާފަ އެވެ. އެ މާއްދާގައިވާ ގޮތުން ކޮރަޕްޝަންގެ މައްސަލައަކާ ގުޅޭ ގޮތުން ހެކި ބަސް ދޭން އެއްބަސްވާ މީހަކަށް ނުފޫޒު ފޯރުވުމާއި ބިރު ދެއްކުމަކީ ކުށެކެވެ.
އޭގެއިތުރުން މާލީ ހިސާބު ހުށަހެޅުމުގައި މަކަރު ހެދުމަކީ ވެސް ކުށެކެވެ. ސިއްރު މައުލޫމާތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަކީ ވެސް ކުށް ކަމުގައި އާ ބާބުގައި ވަނީ ހިމަނާފަ އެވެ.
އެ ދެ ކުށާއި ހެކިންނާ ގުޅޭ ގޮތުން ކުރެވޭ ކުށްތަކަކީ ޖުނުހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. ޖުނުހުގެ އެއްވަނަ ދަރަޖައިގެ ކުށަށް މިހާރު ކަނޑައެޅޭ އަސާސީ މިންގަނޑުގެ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ. ނަމަވެސް އެ އަދަބު އެއް އަހަރާއި ހަތަރު މަހަށް ބޮޑުކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.
އިސްލާހުގައިވާ ގޮތުން ރިޝްވަތުގެ ކުށުގެ ބާބުގައި ހިމެނޭ ކުށްތަކާއި ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ ބާބުގައި ހިމެނޭ ކުށްތައް ކުރީ ދައުލަތުގެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަމުގައިވާނަމަ ކުށުގެ އަދަބު އަސާސީ މިންގަނޑަށްވުރެ ދެ ދަރަޖަ މަތިވާނެ އެވެ.