ހަބަރު

ގާނޫނީ ދާއިރާއިންދޭ ތައުލީމީ ފެންވަރު ކަމާބެހޭ މުއައްސަސާތަކުން ވަޒަންކުރަން ޖެހޭ: އޭޖީ

ގާނޫނީ ދާއިރާއިން ތައުލީމް ހާސިލް ކުރައްވާ ފަރާތްތަކުގެ އެހީއާއެކު ރާއްޖޭގައި ދެވޭ ތައުލީމުގެ ފެންވަރު ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ވަޒަން ކުރަން ޖެހޭ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި، އޭޖީ ވިދާޅުވީ، ރާއްޖޭގައި ތައުލީމު އުގަންނާދޭ އެކިއެކި މަރުކަޒުތަކުން ވަރަށް ގިނަ އަދަދެއްގެ ބޭފުޅުން މިދާއިރާއިން ކިޔަވާ ވިދާޅުވާ ކަމަށެވެ. އަދި ރާއްޖޭގައި ތައުލީމް ހާސިލްކުރައްވާ ފަރާތްތަކުގެ މައުލޫމާތާއި އެކީގައި، ރާއްޖޭގައި ދެވޭ ތައުލީމުގެ ފެންވަރު ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ވަޒަން ކުރަން ޖެހޭ ކަމަށްވެސް އޭޖީ ވިދާޅުވި އެވެ.

"އެހެންކަމުން އެމަސައްކަތް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން މަޝްވަރާ ކުރުމަށްފަހު ރާއްޖޭގައި މިދާއިރާގައި ތައުލީމު އުގަންނާދޭ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމްތަކުގެ ފެންވަރު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރެވެންހުރި ކަންތަތަކަކީ ކޮބައިކަން ދެނެެގަތުމަށްފަހު އެމުއައްސަސާތަކަށް އިރުޝާދާއިލަފަޔާ މަޝްވަރާ ދެމުން ގެންދާނަން،"

އޭޖީ ވިދާޅުވީ، ގާނޫނީ ދާއިރާއިން ޑިގްރީއެއް ހާސިލް ކުރުމަކީ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ޒިންމާ ކޮންމެހެން އަދާ ކުރައްވަން ޖެހޭނެ ކަމެއް ނޫން ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ގާނޫނީ ދާއިރާއިން ގްރެޖުއޭޓްވާ ބޭފުޅުން ގާނޫނީ ވަކީލް ކަމުގެ ދާއިރާގައި މަސައްކަތް ނުކުރާކަންވެސް އޭޖީ ފާހަގަ ކުރެއްވި އެވެ.

ބޭރު ގައުމުތަކުގައި ބައެއް ފަރާތްތަކުން ގާނޫނީ ދާއިރާއިން އިލްމު ހާސިލް ކުރަނީ އެމީހަކު އަދާކުރާ ފަންނީ ދާއިރާގައި އިތުރު އެހީތެރިކަން ހޯދުމަށް ކަމަށްވެސް އަނިލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދާއިރާ އިތުރަށް ބައްޓަންކޮށް ފުޅާ ކުރަމުން ގެންދާއިރު މި ދެންނެވި ކަންކަމަށް ރިއާޔަތް ކުރުމަށް ފަހު، މި ދާއިރާ އަށް ގެންނަންޖެހޭ މުހިންމު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއި އަދި އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ތެރެއިން ބަދަލުތަކެއް އެބަ ގެންނަންޖެހޭ،" އަނިލް ވިދާޅުވި އެވެ.

އޭޖީ ވިދާޅުވީ، އުންމީދަކީ ގާނޫނީ ދާއިރާއިން ރާއްޖެއިން ކިޔަވާ ފަރާތްތަކަކީ ރާއްޖެއިން ބޭރުން ކިޔަވާ ފަރާތްތަކަށްވުރެ ދައްބައެއް ކަމުގައި ނުވުމަށާއި އެފަރާތްތަކަށް ލިބިގެންދާ އިލްމާއި ހުނަރަކީވެސް ދުނިޔޭގެ ފެންވަރުގައި ދެވޭ ހިދުމަތްތަކަށް ހެދުން ކަމަށެވެ. އަދި ރާއްޖެއިން ކިޔަވާ ބޭފުޅުންނާއި ރާއްޖެއިން ކިޔަވާ ބޭފުޅުންނާމެދު ތަފާތު ކުރުމެއް ނުގެންގުޅުއްވާ ކަމަށްވެސް އޭޖީ ވިދާޅުވި އެވެ.

"މިދާއިރާގައި ކިޔަވާ ބައެއް ފަރާތްތަކުގެ ޝަކުވާ އަންނާތީ ހާއްސަކޮށް ދުނިޔޭގެ ބައެއް ގައުމުތަކުގައި ތިން އަހަރުން ނުވަތަ ހަތަރު އަހަރުން ނޫނީ ބައެއް ފަހަރަށް އެހެން ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލް ކުރުމަށް ފަހު ނޫނީ ކިޔަވަން ނުދެވޭ ދާއިރާއެއް ގާނޫނީ ދާއިރާ އަކީ. އަދި އެ ދާއިރާގައި ކިޔަވައިދޭ އިރު ވެސް ތިން އަހަރު އަދި ބައެއް ފަހަރު ހަތަރު އަހަރު ކިޔަވައިދޭ ދާއިރާއެއް މި ދާއިރާ އަކީ،" އޭޖީ ވިދާޅުވި އެވެ.

އޭޖީ ވިދާޅުވީ، މިދާއިރާ އިތުރަށް ހަރުދަނާ ކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާ ކޮށްގެން މިދާއިރާގެ ކަންކަން އިތުރަށް ހައްލު ކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ. ޖުޑީޝަލް އެކަޑަމީ އޮތީ ޅަފަތުުގައި ކަމަށާއި އެއެކަޑަމީ އިތުރަށް ހަރުދަނާވެ ވަސީލަތްތައް އިތުރު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް އޭޖީ ވިދާޅުވި އެވެ.