ހަބަރު

އެޓާނީ ޖެނެރަލް އޮފީހުން ވެސް ގާނޫނާ ހިލާފަށް ހަރަދުތައް ކުރިކަން ހާމަވެއްޖެ

May 31, 2018
5

މަދަނީ މައްސަލަތަކުގައި ކޯޓްތަކުގައި ދައުލަތް ތަމްސީލް ކުރައްވާ ބަންޑާރަ ނައިބުގެ އޮފީސް، އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް މިދިޔަ އަހަރުގެ ތެރޭގައި މާލިއްޔަތު ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ހިލާފަށް ހަރަދުތައް ކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އެ އޮފީސް އޮޑިޓް ކުރައްވާ ނެރުއްވި ރިޕޯޓްގައި ބުނެފި އެވެ.

އިއްޔެ އެ އޮފީހުން އާންމުކުރި އޮޑިޓް ރިޕޯޓްގައިވާ ގޮތުގައި، ހިދުމަތާއި ތަކެތި ހޯދުމުގެ ކުރިން، ތިން ފަރާތަކުން ކޮޓޭޝަން ހޯދަން ޖެހޭނެ ކަމަށާއި 35،000 ރުފިޔާއަށް ވުރެ ހޯދާ ހިދުމަތެއް ނޫނީ ގަންނަ އެއްޗެއްގެ އަގު ބޮޑު ވާ ނަމަ ވާދަވެރި ބީލަމަކަށް ދާން ޖެހޭނެ ކަމަށް މާލިއްޔަތު ގަވާއިދުގެ 10.24 ގެ (ނ) ގައި ބުނެފައިވީ ނަމަވެސް އޭޖީ އޮފީހުން ތަކެތި ގަނެ ހިދުމަތް ހޯދުމުގައި އެގޮތަށް އަމަލުކޮށްފައި ނެތް ކަމަށެވެ. އެގޮތުން ހިދުމަތް ހޯދައި ތަކެތި ގަތުމަށް 122،150 ރުފިޔާ ހަރަދުކޮށްފައި ވަނީ ތިން ފަރާތެއްގެ ކޮޓޭޝަން ނުހޯދާ ކަމަށް އޮޑިޓްގައި ފާހަގަކޮށްފައިވެ އެވެ. މި ހަރަދުތައް ކުރިއިރު އެއް ފަހަރު ފިނޭންސް މިނިސްޓްރީގެ ލަފައެއް ހޯދި ނަމަވެސް، މިގޮތަށް އަމަލު ކުރުމުގެ ސަބަބުން، ފައިސާ އިސްރާފުވުމަށް މަގު ހުޅުވިފައިވާ ކަމަށް ވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރަށް ދައުލަތުގެ އެއްވެސް އޮފީހަށް ތަކެތި ގަނެ ހިދުމަތް ހޯދަން ވާނީ އެކަމަށް ކަނޑައެޅިފައިވާ ފޯމް ފުރިހަމަކޮށް އިސްވެރިއެއްގެ ވެސް ހުއްދަ ހޯދައިގެން ކަމަށް މާލިއްޔަތު ގަވާއިދުގައި ބުނެފައިވީ ނަމަވެސް، އޭޖީ އޮފީހުން އެކި ކަންކަމަށް 134،628 ރުފިޔާ ހަރަދު ކުރީ އެ އުސޫލާ ހިލާފަށް ކަމަށް ވެސް އޮޑިޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

އޮޑިޓާ ޖެނެރަލް ވަނީ މާލިއްޔަތު ގަވާއިދާ ހިލާފަށް އެއްވެސް މިންވަރަކަށް ފައިސާ ހަރަދު ނުކުރުމަށާއި އޭޖީ އޮފީހުގެ ފައިސާ ހަރަދު ކުރުމުގެ އުސޫލުތައް ހަރުދަނާ ކުރުމަށް އިރުޝާދު ދެއްވައިފަ އެވެ.

އެންމެ ފަހު ކަމެއްގެ ގޮތުގައި ރިޕޯޓްގައި ފާހަގަކޮށްފައި ވަނީ، އޭޖީ އޮފީހުގެ ހަރުމުދަލުގެ ރަޖިސްޓްރީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބަލަހައްޓަމުން ނުދިޔުމެވެ. އެގޮތުން އަލަށް ގަންނަ ތަކެތި ހަރުމުދަލުގެ ރަޖިސްޓްރީގައި ހިމަނަމުން ނުދިޔުމާއި ހަރުމުދަލުގެ ރަޖިސްޓްރީގައި ބައެއް މައުލޫމާތު މަދުވުމުގެ މައްސަލަ ވަނީ ފާހަގަކޮށްފަ އެވެ. އެހެން ކަމުން އޭޖީ އޮފީހުގެ ހަރުމުދަލުގެ ރަޖިސްޓްރީގެ ސައްހަކާ މެދު އޮޑިޓާ ޖެނެރަލް ވަނީ ސުވާލު އުފައްދަވައިފަ އެވެ.