ކުޑަކުދިންގެ އަދުލުގެ ގާނޫނަށް މިއަދު އަމަލު ކުރަން ފަށާފައިވާއިރު އެ ގާނޫނުން މުހިންމު ބަދަލުތަކެއް އަންނާނެ ކަމަށް ބަންޑާރަ ނާއިބް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރު ފާސްކުރި ކުޑަކުދިންގެ އަދުލުގެ ގާނޫނުން ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ 15 އަހަރު ކަމުގައި ވަނީ ކަނޑައަޅާފައެވެ.
ބަންޑާރަ ނާއިބް ވިދާޅުވީ ގާނޫނުން ތައާރަފުކުރާ ޑައިވާޝަން މެކޭނިޒަމް އަކީ ކުޑަކުދިން ކުށްކުރުމުން ރައްކާތެރިކޮށްދީ ރިހެބިލިޓޭޓްކޮށް މުޖުތަމައުއަށް އަނބުރާ އައުމަށް މަގު ފަހިކޮށްދޭނެ ފިޔަވަޅުތަކެއް ކަމަށެވެ.
މި ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ކުޑަކުދިން ކުށްކުރާ މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދަން ޖެހޭނީ ކުޑަކުދިންނަށް ރަހުމަތްތެރި މާހައުލެއްގައި ކުށްކުރާ ކުޑަކުއްޖާއަށް ލިބިދޭންޖެހޭ ކަމަށް ގާނޫނުގައި ބަޔާންކުރާ އެންމެހާ ހައްގުތަކާއި ރައްކާތެރިކަން ލިބިދީގެން ކަމަށް ބަންޑާރަ ނާއިބް ވަނީ ފާހަގަ ކުރައްވާފައެވެ.
އަދި ކުށްކުރާ ކުޑަކުދިންނާމެދު ދައުލަތުގެ އިދާރާތަކުން ފިޔަވަޅު އެޅުމުގައި އެ ކުދިންގެ މަސްލަހަތު ރައްކާތެރި ކުރުމަށް އިސްކަން ދިނުމާއި ދައުވާ އުފުލުމުގެ ބަދަލުގައި އެހެން ފިޔަވަޅުތަކަށް އިސްކަން ދިނުމާއި ކުއްޖާ ކުރި ކަމަށް ބުނާ ކުށުގެ ނުރައްކާތެރިކަމާއި ކުއްޖާއަށް ލިބިދޭންޖެހޭ ތައުލީމީ، އިޖުތިމާއީ އަދި އެހެނިހެން ވަސީލަތްތަކަށް ރިއާޔަތް ކުރަންވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.