ހަބަރު

އޮޑިޓަ ޖެނެރަލްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނަން: ދީބާޖާ

ދީބާޖާއަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން ސަރުކާރުން ނިންމާފައިވިޔަސް ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް އެ އުސޫލުން އެއްވެސް ފައިސާއެއް ނުދޭން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އެންގެވުމުން ދީބާޖާއީން އޭނާއަށް ބޮޑެތި ތުހުމަތުތަކެއް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދީބާޖާއިން މިއަދު ނެރުނު ބަޔާނުގައި ވެސް މީގެ ކުރިން ސަރުކާރުން ދީބާޖާއެކު ވެފައިވާ އެއްބަސްވުން އުވާލާފައިވަނީ އުސޫލުން ބޭރުން ކަން އަންގައިދިނުމުގެ ގޮތުން ދައްކަމުންދާ ހެކިތަކުގެ ލިއުންތަކާއި އެ މައްސަލާގައި ކަން ހިނގައި ދިޔަ ގޮތް ކަމަށް ބުނެ، އެ ކުންފުނިން މީގެ ކުރިން ވެސް ދައްކާފައިވާ ވާހަކަތައް ތަކުރާރުކޮށްފައިވެ އެވެ.

ދެން އެ ބަޔާނުގައި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކޮށްފައިވެ އެވެ. އެ ގޮތުން ދީބާޖާއަށް ބަދަލު ނުދޭން އަންގައި އޮޑިޓަ ޖެނެރަލް އިން އެކުލަވާފައިވާ ރިޕޯޓްގައި ރައްޔިތުންނަށް އޮޅޭގޮތަށް ދޮގު މައުލޫމާތުތައް ހިމަނާފައިވާ ކަމަށް ދީބާޖާގެ ބަޔާނުގައި ބުނެފައިވެ އެވެ.

ސަރުކާރުގެ އެއްބަސްވުމާ އެއް ގޮތަށް އުތުރު ޕްރޮވިންސްގައި ދަތުރުފަތުރުގެ ހިދުމަތް އަލުން ފަށަން ދީބާޖާއަށް އެންގި ތާރީހަކީ އޭޕްރީލް 29، 2013 ގައި ކަމަށް އޮޑިޓަ ޖެނެރަލްގެ ރިޕޯޓްގައި ބުނެފައިވީ ނަމަވެސް އެ ދުވަހު ބާއްވާފައި ވަނީ ހަމައެކަނި ބައްދަލުވުމަށް ކަމަށް ދީބާޖާއިން ބުނެ އެވެ. އެ ދުވަހު ދީބާޖާއަށް ދައުލަތުގެ އެއްވެސް ނޯޓިސްއެއް ފޮނުވާފައިވާނަމަ އެ ލިއެކިއުމަށް ހާމަ ކުރުމަށް ވެސް ދީބާޖާއިން އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

މީގެ އިތުރުން އޮޑިޓަ ޖެނެރަލްގެ ރިޕޯޓަކީ ޝަރީއަތަށް ގޮންޖެހުމުގެ ގޮތުންނާއި ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ ގޮތުން ނެރެފައިވާ ރިޕޯޓެއް ކަމަށް ވެސް ދީބާޖާގެ ބަޔާނުގައި ބުނެފައިވެ އެވެ. ދީބާޖާގެ ބަޔާނުގައި އިޝާރާތް ކުރާ ޝަރީއަތަކީ އެ ކުންފުންޏަށް ބަދަލު ދިނުމަށް ސުޕްރީމް ކޯޓޫން ކޮށްފައިވާ ހުކުމް މުޖާރައާ ކުރުމަށް ދައުލަތުން މިހާރު ހުށަހަޅާފައިވާ މައްސަލަ އެވެ.

ދީބާޖާގެ މައްސަލާގައި އޮޑިޓަ ޖެނެރަލް އިން ރިޕޯޓެއް ނެރެފައިވާއިރު، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަގާއި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ހަނު ހުންނަވައި އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ. އެއީ އެ މައްސަލާގައި ޝާމިލްވާ ބައެއް މީހުނާ ހަސަންގެ އާއިލީ ގުޅުން އޮތުމުން ކަމަށް ދީބާޖާއިން ތުހުމަތު ކުރެ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތް ހިނގިއިރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަކަށް ހުންނެވި އަބްދުﷲ ޒިޔަތަކީ ހަސަންގެ ކޮއްކޮ އެވެ.

އޮޑިޓަ ޖެނެރަޕްގެ އެ ރިޕޯޓުގައި ހަގީގަތާ ހިލާފަށް ފާހަަގަކޮށްފައިވާ ކަންކަމާ ގުޅިގެން އޮޑިޓާ ޖެނެރަލްގެ އަހުލިއްޔަތުލް އަދާ ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅަން ވިސްނާ ކަމަށް ދީބާޖާގެ އެ ބަޔާނުގައި ބުނެފައިވެ އެވެ. ފަހުން ދީބާޖާއިން ކުރި ޓްވީޓެއްގައި ބުނީ ވިސްނުމުގެ ބަދަލުގައި ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދީބާޖާއެކު ވެފައިވާ އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ފަހުން އުވާލި މައްސަލާގައި ލިބުނު ގެއްލުމުގެ ގޮތުގައި ދީބާޖާއަށް ލިމިޑެޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދިނުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ސުޕްރީމް ކޯޓަށް މައްސަލަ ދިޔައީ ސިވިލް ކޯޓުން ދީބާޖާއާ އެއްކޮށް އިއްވި ހުކުމް ހައި ކޯޓުން ބާތިލް ކުރުމުންނެވެ.

އެ މައްސަލާގައި މެދު މިނުގެ ހައްލެއް ހޯދުމަށް ސެޓްލްމެންޓް ކޮމިޓީއެއް ހަދައި ދީބާޖާއާއެކު މި ސަރުކާރުން މަޝްވަރާއަށް ދިޔަ އެވެ. އެއަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށެވެ. އެއަށް ދީބާޖާ ވެސް އެއްބަސްވި އެވެ. ނަމަވެސް މައްސަލަ އަލުން ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން އެދެން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން އަލުން ބަންޑާރަ ނައިބު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އެވެ. ސުޕްރިީމް ކޯޓުން އެ މައްސަލަ ބަލައިވެސް ގަތެވެ. އެކަމަކު މައްސަލައިގެ ޝަރީއަތްތަކެއް ކުރިއަކަށް ނުދެ އެވެ.