ބޮލީވުޑް

ސުޝާންތް އާއި ޕަރިނީތީ އަނެއްކާވެސް އެކުގައި

Jul 2, 2016

ޒުވާން ދެތަރިން ކަމަށްވާ ސުޝާންތް ސިންގް ރާޖްޕުތް އާއި ޕަރިނީތީ ޗޯޕްޅާ އަނެއްކާވެސް އެކުގައި ފިލްމެއް ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

ދެހާސް ތޭރަ ވަނަ އަހަރު މިދެތަރިން އެކުގައި ފެނިގެންދިޔަ "ޝުދް ދޭސީ ރޮމޭންސް" އަށް ފަހު ދެން އެކުގައި ކުޅޭ ފިލްމަކީ ޑައިރެކްޓަރު ހޮމީ އަދަޖާނިޔާގެ "ތަކަޅުމް" އެވެ.

ސުޝާންތް އާއި ޕަރިނިތީ ކުރި ޓްވީޓެއްގައި ވަނީ މިދެތަރިން މިފިލްމުން ފެނިގެންދާނެ ކަން ޔަގީންކޮށްދީފަ އެވެ. އެގޮތުން ދެން އެންމެ އަވަހަށް "ރާބްތާ" އިން ފެނިގެންދާ ތަރި ސުޝާންތް ވަނީ މިފިލްމުގެ ވާހަކައާ ބެހޭގޮތުން ވެސް ކުޑަ ވާހަކަކޮޅެއް ހިއްސާކޮށްފަ އެވެ. އެގޮތުން ސުޝާންތް ވަނީ މިފިލްމަކީ ވަރަށް ހުވަފެނީ ދުނިޔެއެއްގައި އުޅޭ އަންހެން ކުއްޖަކާއި ބޮޑެތި ހުވަފެންތައް ދެކި އެ ހުވަފެންތައް ހާސިލްކުރަން ބޭނުންވާ ފިރހެން ކުއްޖެއް ކަމަށެވެ.

އާޔުޝްމާން ކުރާނާ އާއެކު "މެރީ ޕިޔާރީ ބިންދޫ" ގެ މަންޒަރުތައް ނަގަމުން އަންނަ ޕަރިނީތީ ވެސް "ތަކަޅުމް" އަކީ ދެން އޭނާ ކުޅޭނެ ފިލްމުކަމަށާއި އެކަމާ ވަރަށް އުފާކުރާ ކަމަށް ބުނެފަ އެވެ.

މިދެތަރިންގެ އިތުރުން ފިލްމުުގެ ޑައިރެކްޓަރު ހޮމީ ފިލްމުގެ ތަރިންގެ ފޮޓޯއަކާ އެކު، ފިލްމު އިއުލާންކުރަމުން ކުރި ޓްވީޓެއްގައި ވަނީ މިފިލްމުގެ ޝޫޓިން އޮކްޓޯބަރުގެ މެދު ތެރޭގައި ފެށޭނެ ކަމަށް ބުނެފަ އެވެ.

ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ މިފިލްމުގައި ޕަރިނީތީ އާއި ސުޝާންތްގެ އިތުރުން މުހިންމު ރޯލަކުން އިރްފާން ޚާން ވެސް ފެނިގެންދާނެ އެވެ.