ބޮލީވުޑް

ފަވަދް ހާނަށް ދެވަނަ ކުއްޖަކު ލިބެނީ

Jul 2, 2016

ޕާކިސްތާނުުގެ މަޝްހޫރު އެކްޓަރު ފަވަދް ޚާން 2014 އަހަރު ނިކުތް "ހޫބްސޫރަތް" އިން ބޮލީވުޑަށް ތައާރަފުވި ފަހުން އޭނާގެ މަގުބޫލުކަން އިންޑިއާގެ އިތުރުން ދުނިޔޭގައި ވެސް ވަނީ ބޮޑުވެގެން ގޮސްފަ އެވެ.

ވަކިން ހާއްސަކޮށް ފަވަދްގެ ރީތިކަމުގެ ސަބަބުން އޭނާ ވަނީ އެތަކެއް އަންހެން ކުދިން ހިއްތަކުގެ ރަސްކަން ކުރަމުން ދިޔަ މީހަކަށް ވެގެން ގޮސްފަ އެވެ.

މިއަހަރުގެ ކުރީކޮޅު ނިކުތް ޝަކުން ބަޓްރާގެ "ކަޕޫރް އެންޑް ސަންސް" އަށްފަހު އޭނާގެ މަގުބޫލުކަން ބޮޑުވެގެން ގޮސްފައިވާއިރު، އިތުރު ފިލްމުތަކެއްގެ ހުށަހެޅުން ވެސް ފަވަދް އަށް އަންނަނީ ލިބެމުންނެވެ.

ބޮލީވުޑްގައި ކާމިޔާބު އެކްޓަރެއްގެ މަގާމު މަދު ދުވަސްކޮޅެއްގެ ތެރޭގައި ލިބިފައިވާ ފަވަދްގެ ހަޔާތަށް އަނެއްކާވެސް ބޮޑު އުފާވެރިކަމެއް އައުމުގެ މަގުމަތީގައިވާ ކަމަށްވެ އެވެ. ފަވަދް އަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަމުގެ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ. ބޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުން ފަވަދްގެ އަންހެނުން މިހާރު އިނީ ދެވަނަ ދަރިފުޅަށް ބަލިވެ އެވެ. އަދި އޮކްޓޯބަރުގެ ތެރޭގައި ދެވަނަ ދަރިފުޅު ވިހާނެ ކަމަށްވެ އެވެ.

ފަވަދްގެ އަންހެނުން، ސަދަފް ޚާން ދެވަނަ ދަރިފުޅަށް ބަލިވެ އިނުމުން އޭނާ މިދިޔަ ހަފްތާގައި މެޑްރިޑްގައި އޮތް އައިފާ އެވޯޑްސް ހަފްލާ ނިންމާލުމަށްފަހު އެނބުރި ގޮސްފައިވަނީ ވެސް ޕާކިސްތާނަށެވެ. ބުނެވޭ ގޮތުގައި އިތުރު ފިލްމެއްގެ މަސައްކަތް ފެށުމުގެ ކުރިން ފަވަދް އާއިލާ އާއެކު ވަގުތު ހޭދަކުރަން ބޭނުންވަނީ އެވެ.

ކުޑައިރު ރަހުމަތްތެރިންގެ ގޮތުގައި ތިބި ފަވަދް އާއި ސަދަފް ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނިކޮށްފައިވަނީ 2005 ވަނަ އަހަރު އެވެ. އަދި މިދެމީހުންނަށް ފުރަތަމަ ދަރިފުޅު އަޔާން ލިބިފައިވަނީ އޭގެ ފަސް އަހަރު ފަހުން 2010 ވަނަ އަހަރު އެވެ.

ކަރަން ޖޯހަރުގެ "އެއި ދިލްހޭ މުޝްކިލް" ގެ ޝޫޓިން މިފަހުން ފަވަދް ނިންމާލާފައިވާއިރު، އޭނާ އަށް ވަނީ ސަލްމާން ޚާން ދެން އުފައްދާ ފިލްމުގެ ލީޑްރޯލު ލިބިފަ އެވެ. މީގެއިތުރުން ވެސް ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ ފިލްމަކާއި ސަންޖޭ ލީލާ ބަންސާލީގެ ފިލްމެއްގެ ހުށަހެޅުންވެސް އޭނާ އަށް ލިބިފައިވާ ކަމަށް ވެ އެވެ.

ފަވަދް އާއި އަންހެނުން ދެވަނަ ދަރިފުޅަށް މަރުހާބާ ކިޔަން ތައްޔާރުވަމުން އަންނަ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރާއި އަންހެނުން މީރާ ރާޖްޕުތް ވެސް އަންނަނީ އެދެމީހުންގެ ފުރަތަމަ ދަރިފުޅަށް އުފަންވާނެ އިރަކަށް އިންތިޒާރުކުރަމުންނެވެ. މީރާ ވިހާނެ ކަމަށް ލަފާކުރެވެނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.