ބޮލީވުޑް

އުފަންދުވަހު ކެޓްރީނާ ސޯޝަލް މީޑިއާއާ ގުޅެނީ؟

Jul 3, 2016

ބޮލީވުޑްގެ ގިނަ ބަތަލާއިންނަކީ އެމީހުންގެ ފޭނުންނާ ދެމެދު ވަރުގަދަ ގުޅުމެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ބާއްވަމުން އަންނަ ތަރިންނެވެ.

ގިނަ ތަރިންނެއް އެމީހުންގެ ހަޔާތުގެ ވާހަކަތަކާއި ފޮޓޯތައް ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރަމުން އަންނައިރު، ސޯޝަލް މީޑިއާއާ ދުރުން އުޅެނީ މަދު ތަރިންތަކެކެވެ. އެތަރިންގެ ތެރޭގައި ބަތަލާ ކެޓްރީނާ ކައިފް ހިމެނެ އެވެ.

ކެޓްރީނާ ސޯޝަލް މީޑިއާއާ ގުޅޭނެ ދުވަހަކަށް އޭނާ ފޭނުން އިންތިޒާރުކުރަމުން އަންނަތާ އެތަކެއް ދުވަހެއް ވެފައިވީ ނަމަވެސް އޭނާ އަކީ ވަރަށް ޕާސަނަލް މީހަކަށް ވުމުން މީގެކުރިން ވަނީ ސޯޝަލް މީޑިއާ އާ ގުޅެން ބޭނުންނުވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ކެޓްރިނާ ވަނީ އޭނާ އެންޑޯޒްކުރާ ބިއުޓީ ޕްރޮޑަކްޓްތަކެއް ޕްރޮމޯޓްކުރުމަށް އެއް ދުވަހަށް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވެފަ އެވެ.

އެހެންނަމަވެސް ބޮލީވުޑްގެ އެންމެފަހުގެ ހަބަރުތައް ބުނާގޮތުން ކެޓްރީނާ ވަނީ ބޮލީވުޑްގެ އެހެން ތަރިންނެކޭ އެއްގޮތަށް އޭނާވެސް ސޯޝަލް މީޑިއާގައި ހަރަކާތްތެރިކޮށް އުޅެންޖެހޭ ވަގުތު ޖެހިއްޖެ ކަމަށް ނިންމާފަ އެވެ. އެގޮތުން މިމަހުގެ 16 ވަނަ ދުވަހު 33 ވަނަ އުފަންދުވަސް ފާހަގަކުރާ ކެޓްރީނާ ވަނީ އުފަންދުވަހު ސޯޝަލް މީޑީއާ އާ ގުޅެން ނިންމާފަ އެވެ.

ނޫސްތަކުގައިވާ ގޮތުން ކެޓްރިނާ ގިނަ ދުވަސްތަކަކަށްފަހު ކުއްލިއަކަށް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާން ނިންމީ، ސޯޝަލް މީޑިއާ އަކީ އެންމެ ބާރުގަދަ އެއް ވަސީލަތަށް ވެފައި، އެކި ކަންތައްތަކާ ގުޅޭގޮތުން އޭނާ ދެކޭ ގޮތް ހާމަކުރެވޭނީ ސޯޝަލް މީޑިއާއާ އޭނާ ގުޅިގެން ކަމަށް ގަބޫލުކުރެވުމުންނެވެ. އަދި އޭނާގެ ފޭނުންނާއި އެންމެ ފަސޭހައިން ގުޅުން ބޭއްވޭނެ ވަސީލަތަކީ ވެސް ސޯޝަލް މީޑިއާ އަށް ވުމުން ގުޅެން ނިންމީ ކަމަށްވެ އެވެ.

އެގޮތުން ސޯޝަލް މީޑިއާއާ ގުޅި ކެޓްރީނާ އެންމެފުރަތަމަ ޕްރޮމޯޓްކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގައި ރިލީޒްވުމަށް ހަމަޖެހިފައިވާ އޭނާގެ ފިލްމު "ބާރް ބާރް ދޭކޯ" އެވެ. އެންމެ ފުރަތަމަ ކެޓްރީނާ ގުޅެން ނިންމާފައިވާ ފޭސްބުކާއި އިންސްޓަގްރާމަށެވެ. އެއަށްފަހު ޓްވިޓާ އެވެ. އަދި ސޯޝަލް މީޑިއާގެ އެކައުންޓްތައް ގެންގުޅެ، އަޕްޑޭޓްކުރަން މެނޭޖަރުންނާއި ހަވާލުކުރުމުގެ ބަދަލުގައި އެކަންތައް ކުރަން ނިންމާފައިވަނީ ކެޓްރީނާ އަމިއްލަ އަށެެވެ.

ހައަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އެކްޓަރު ރަންބީރު ކަޕޫރާ ރުޅިވިފަހުން ކެޓްރީނާ އަންނަނީ އޭނާގެ ދިިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން ހަށިގަނޑުގެ ބަރުދަން ލުއިކޮށް ކުރިއަށް ވުރެން ލޫޅާފަތި ކޮށްފަ އެވެ. އަދި ކުރިއަށްވުރެން ބޮޑަށް ކެޓްރީނާ ބޮލީވުޑްގެ އެކި ހަފްލާތަކުން މަފަހަކަށް އައިސް ފެންނަލެއް ވަނީ ގިނަވެފަ އެވެ.