ބޮލީވުޑް

އިންޑިއާގައި ތިބި ފޭނުން އަހަރެން މަތިން ހަނދާން ނައްތާ ނުލާނެ: ޕްރިޔަންކާ

Jul 3, 2016

ހޮލީވުޑްގައި ފައިތިލަ ސާބިތުކުރަން ބުރަކޮށް މަސައްކަތްކުރަމުން އަންނަ ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ މިހާރު ކުޅެމުން އަންނަ އެމެރިކަން ޓީވީ ޝޯ "ކުއަންޓިކޯ" ގެ ދެވަނަ ސީޒަންގެ ޝޫޓިން ނިމުމުގެ ކުރިން އޭނާ އަަކަށް ހަމަ ނޭވާލެވޭކަށް ނެތެވެ.

މިމަހުގެ ތެރޭގައު "ކުއަންޓިކޯ" ގެ ދެވަނަ ސީޒަނުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާއިރު، އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ދެވަނަ ސީޒަންގެ ޝޫޓިން ނިމުމުގެ ކުރިން އޭނާ އަކަށް ބޮލީވުޑްގެ ފިލްމެއް ކުޅެވޭ ކަަށް ނެތެވެ.

ޕްރިޔަންކާ ދެކޭ ގޮތުގައި އޭނާ ފިލްމެއް ރިލީޒްނުވެ އަހަރަކަށް ވުރެން ގިނަ ދުވަސްވިޔަސް އިންޑިއާގައި ތިބި އޭނާގެ ފޭނުން އޭނާގެ މަތިން ހަނދާން ނައްތާނުލާނެ ކަމުގެ ޔަގީންކަން ޕްރިޔަންކާ އަށް އެބައޮތެވެ.

އައިފާ އެވޯޑްސްގައި ބައިވެރިވުމަށްފަހު އެނބުރި އިންޑިއާއަށް އައިސް އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަދައްކަމުން ޕްރިޔަންކާ ވަނީ ދެތިން އަހަރުގެ ބްރޭކަކަށްފަހު އެނބުރި ފިލްމު ކުޅެން ފަށާ ތަރިންވެސް އެބަތިބި ކަމަށާއި އެތަރިން މަތިންވެސް ބެލުންތެރިން ހަނދާން ނުނެތޭ ކަމަށް ބުނެފަ އެވެ. އެހެންކަމުން އަހަރެއްގެ ތެރޭގައި އޭނާގެ ފިލްމެއް ރިލީޒްނުވިޔަސް އޭނާގެ މަތިން ބެލުންތެރިން ހަނދާން ނެތޭނެ ކަމަށް ގަބޫލުނުކުރާ ކަމަށް ބުނެފަ އެވެ.

"އެކަމަކާ އަހަރެން މާބޮޑަކަށް ހާހެއް ނުވޭ. އަހަރެންގެ ޝޯ ކޮންމެ ހަފްތާ އަކު އެއް ފަހަރު ދައްކާނެ. އަނެއްކޮޅުން "ބޭވޮޗް" ވެސް ރިލީޒްކުރާނެ" ޕްރިޔަންކާ ބުނެފަ އެވެ.

އިތުރަށް ޕްރިޔަންކާ ވަނީ އޭނާގެ މަތިން ފޭނުންނަށް ހަނދާން ކޮށް ދިނުމަށް އޭނާގެ ފިލްމު ބަލަން ތިއޭޓަރުތަކަށް ވަންނަން ބުނަން ނުޖެހޭނެ ކަމަށާއި އެމީހުން ބަލަން ބޭނުންކަމަށް ވަނީ ނަމަ ބަލާނެ ކަމަށެވެ. އެއްވެސްް ބަޔަކަށް މަޖުބޫރުކޮށްގެން ފިލްމު ނުބެލޭނެ ކަމަށް ބުނެފަ އެވެ.

ޕްރިޔަންކާ ވަނީ "ކުއަންޓިކޯ" ގެ ދެވަނަ ސީޒަންގެ ޝޫޓިންގެ ތެރެއިން ވަގުތު ލިބޭ ވަރަކުންނާއި ފިލްމުތަކުން ހުށަހެޅުން ލިބޭ ގޮތަކުން ހިންދީ ފިލްމު ކުޅެވިދާނެ ކަމަށްވެސް ބުނެފަ އެވެ.

މީގެއިތުރުންވެސް ޕަރިޔަންކާގެ ފުރަތަމަ ހޮލީވުޑް ފިލްމު ''ބޭވޮޗް" އިންޑިއާގައިވެސް ރިލީޒްކުރާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އަދި އޭނާ އަކީ އިންޑިއާގައި މަޝްހޫރު އެކްޓަރަކަށް ވުމުން އެފިލްމު އިންޑިއާގައި ޕްރޮމޯޓްކުރުމަށް ފިލްމުގެ ހުރިހާ ތަރިންވެސް އިންޑިއާ އަށް އަންނާނެ ކަމަށް ޕްރިޔަންކާ ވަނީ ބުނެފަ އެވެ.

"ކުއަންޓިކޯ" އަށް ވަގުތު ދޭން ޕްރިޔަންކާ އަށް ބޮލީވުޑް ފިލްމެއް ކުޅެވެން ނެތް ނަމަވެސް ބޮލީވުޑާއި ހޮލީވުޑުގެ ފިލްމުތަކުން އޭނާ އަށް އަންނަނީ ހުށަހެޅުން ލިބެމުންނެވެ. ބޮލީވުޑް ފިލްމަކަށް ޕްރިޔަންކާ އަށް ހުށަހެޅުން ލިބިފައިވާ ފިލްމުގެ ތެރޭގައި އިންޑިއާގެ އަންހެނަކަށް ފުރަތަމަ ޖައްވަށް ދިޔަ ކަލްޕަނާ ޗައުލާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު ހިމެނެ އެވެ.