ބޮލީވުޑް

ރުޅިވިޔަސް ރަންބީރާއި ކެޓްރީނާ އެކުގައި ލަވަަޔަކުން

Jul 3, 2016

ހައަހަރުވީ ލޯބީގެ ގުޅުން މަޝްހޫރު ދެތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފް ނިންމާލިތާ މިހާރު ހަ މަހަށް ވުރެން ގިނަ ދުވަސްވީ ނަމަވެސް މިވާހަކަތަށް އަދިވެސް ނިމުމެއް ނާދެ އެވެ. ރުޅިވިއިރު މިދެތަރިން އައީ އެކުގައި "ޖައްގާ ޖާސޫސް" ގެ މަންޒަރުތައް ނަގަމުންނެވެ. އެފިލްމަށްފަހު މިދެތަރިން ދެން އެކުގައި ފިލްމެއް ނުކުޅޭނެ ކަމުގެ އަޑުތަކެއްވެސް ވަނީ ރުޅިވިފަހުން އަރާފަ އެވެ.

ނަމަވެސް މިދެތަރިން ޑައިރެކްޓަރު ސުނިލް ސުބްރަމާނިއާ އަލަށް ޑައިރެކްޓްކުރާ ފިލްމު "ފުއްޑޫ" ގެ ލަވައަކުން ފެނިގެންދާނެ ކަން މިވަނީ ޔަގީންވެފަ އެވެ. އަންނަ އަހަރުގެ ތެރޭގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މިފިލްމުގައި މިދެތަރިން ފެނިގެންދާ ލަވައިގެ މަންޒަރުތައް ނަގާފައިވާ ކަމަށްވެސްވެ އެވެ، ނަމަވެސް މިވާހަކަ މިފިލްމުގެ ފަރާތުން ޔަގީންކޮށްދީފައެއް ނުވެ އެވެ.

ރަންބީރު އާއި ކެޓްރީނާ މިލަވަ ކުޅެން އެއްބަސްވެފައިވަނީ ޑައިރެކްޓަރު ސުނިލް އަކީ "ޖައްގާ ޖާސޫސް" ގެ ޑައިރެކްޓަރު އަނޫރާގް ބާސޫގެ ވަރަށް ގާތް އެކުވެރިއެކެވެ.

ބޮލީވުޑަށް މުޅިން އަލަށް ތައާރަފުވާ ދެތަރިން ކަމަށްވާ ޝުބާމް އާއި ސްވާތީ ކަޕޫރު ލީޑްރޯލުން ފެނިގެންދާ މިފިލްމުގައި ރަންބީރާއި ކެޓްރީނާ އެކުގައި ފެނިގެންދާނީ ލޯބީގެ ލަވައަކުންނެވެ. މިފިލްމުގައި މިދެތަރިންގެ އިތުރުން ސަނީ ލިއޯންގެ އައިޓަމް ލަވައެއް ވެސް ފެނިގެންދާނެ އެވެ. ސަނީ ވަނީ އޭނާގެ އައިޓަމް ލަވަ މިދިޔަ ހަފްތާގެ ތެރޭގައި ޝޫޓްކޮށް ނިންމާފަ އެވެ.

މިއަހަރުގެ ކުރީކޮޅު ރަންބީރާއި ކެޓްރީނާ ރުޅިވ ހަބަރުވެގެން ދިޔައީ ފިލްމު އިންޑަސްޓްރީ އަށާއި އެދެތަރިންގެ ފޭނުންނަށް ލިބިގެންދިޔަ ބޮޑު ޝޮކަކަށެވެ. އޭގެފަހުން މިދެތަރިން އެކުގައި ކުޅެމުން އައި ފިލްމު "ޖައްގާ ޖާސޫސް" ގެ ޝޫޓިން ވަނީ ދެމީހުން ރުޅިވުމުން ގިނަ ދުވަސްތަކެއް ވަންދެން މަޑުޖެހިފައި އޮވެފަ އެވެ. ފިލްމުގެ ޝޫޓިންގެ ތެރެއިންވެސް އެކަކު އަނެކަކާ އަނގައިން ވެސް ބުނެފައިނުވާއިރު، ފިލްމުގެ ޝޫޓިން އަށް މޮރޮކޯ އަށް ގޮސް މިދެތަރިން ތިބެފައިވަނީ ދެ ހޮޓަލެއްގަ އެވެ.

މިދެތަރިން ރުޅިވެ އެކަކު އަނެކަކާ އަނގައިން ނުބުނާތާ އެތަކެއް ދުވަސް ވުމުން ދެމީހުންގެ މެދުގައި ޖެހުނު މައްސަލަ ހައްލުނުވާނެ ކަން އެންމެނަށް ވަނީ އެނގިގެން ގޮސްފަ އެވެ. އެހެންކަމުން މިދެތަރިން އޭގެފަހުން އެކުގައި ފިލްމަކުން ފެނިގެންދާނެ ކަމާ މެދު ބެލުންތެރިން ތިބީ އުންމީދު ގެއްލުވާލައިގެންނެވެ.

ރަންބީރު ދެން ކުޅެން ހަމަޖެހިފައިވާ ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގައި އޭނާގެ ދެވަނަ އަނބިމީހާގެ ރޯލު ކުޅުމަށް ކެޓްރިނާ އަށް ހުށަހަޅާފައިވާ ކަމުގެ ވާހަތަކެއް މިފަހުން ވަނީ ދެކެވިފަ އެވެ.