ބޭރު ކުޅިވަރު

އައިސްލޭންޑަށް ތަށި ލިބިއްޖެނަމަ އެގައުމު ވަށައި ފަތާނަން: ފްރާންސްގެ ފެތުންތެރިއެއް

އައިސްލޭންޑަށް މިފަހަރުގެ ޔޫރޯ ކާމިޔާބުވެއްޖެނަމަ އެ ގައުމު ވަށައި ފަތާނެ ކަމަށް ފްރާންސްގެ ފެތުންތެރިއަކު ބުނެފި އެވެ.

އޮލިމްޕިކްސްގެ 200 މީޓަރު ފްރީސްޓައިލުން ރަންމެޑަލް ހޯދާފައިވާ ޔަނިކް އެންޖެލް މިހެން ބުނީ ކުއާޓާ ފައިނަލުގައި އޭނާގެ ގައުމާ ދެކޮޅަށް އައިސްލޭންޑް މިރޭ ވާދަކުރާތީ އެވެ.

"އައިސްލޭންޑް ތަށި ހޯދައިފިނަމަ އަހަރެން އައިސްލޭންޑް ވަށައި (ފެތުމުގެ) ޓުއާއަކަށްދާނަން،" ޔަނިކް ބުނެފައިވެ އެވެ.

އޭނާގެ މިވާހަކަތަކަށް ރައްދުދީފައިވަނީ މުބާރާތުގައި ވާދަކުރާ އެންމެ ކުޑަގައުމު އައިސްލޭންޑްގެ ދެ ކޯޗުންގެ ތެރެއިން ހާމިރް ހަލްގްރިމްސަން އެވެ.

އޭނާ ބުނެފައިވަނީ އާބާދީގައި 330000މީހުން ދިރިއުޅޭ އެޓްލާންޓިކް ކަނޑުގައި އޮތް ކުޑަކުޑަ މި ޖަޒީރާ ވަށައި ފަތުމަށް ޔަނިކް ވީހާ އަވަހަކަށް އަވަހަށް ރަނގަޅު މޫސުމެއް އިހްތިޔާރުކުރަންވީ ކަމަށެވެ. އެއީ މުޅި އަހަރު ދުވަހުވެސް ސުންޑިގްރީއާ ގާތްކުރާ މިންވަރެއްގައި އެގައުމުގެ ފިނިމިން ހުންނާތީ އެވެ.

އައިސްލޭންޑް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރީ މަޝްހޫރު އިނގިރޭސިން ވެސް ބަލިކޮށްފަ އެވެ.