ފެނަކަ ކޯޕްރޭޝަން

ފެނަކައިން ހައްޖު ކޯޕްރޭޝަންގެ މުވައްޒަފުންގެ ސްކީމުގައި ބައިވެރިވެއްޖެ

އޮފީސްތަކުގެ މުވައްޒަފުންނަށް ހައްޖާއި އުމްރާއަށް ދާން ބޭނުންވާ ފައިސާ ޖަމާކުރެވޭ ގޮތަށް ހައްޖު ކޯޕަރޭޝަނުން ތައާރަފްކޮށްފައިވާ މުވައްޒަފުންގެ ސްކީމުގައި ފެނަކަ ކޯޕަރޭޝަން އިން ބައިވެރިވެއްޖެ އެވެ.

ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ ސްކީމުގައި މިހާތަނަށް ސަރުކާރުގެ ގިނަ އަދަދެއްގެ އޮފީސްތަކުން ވަނީ ބައިވެރިވެފައެވެ. މިއަދު ފެނަކަ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރީ ފެނަކައިގެ ފަރާތުން މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް އެވެ. ހައްޖު ކޯޕަރޭޝަންގެ ފަރާތުން މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް އެވެ.

ފެނަކައިން ބުނީ، މުވައްޒަފުންގެ ސްކީމުގައި އެ ކުންފުނިން ބައިވެރިވާން ނިންމީ، މުވައްޒަފުންނަށް ހައްޖަށް ދިއުމުގެ ފުރުސަތު ފަހުކުރުވައި، ސްކީމްގައި ބައިވެރިވާ މުވައްޒަފުން ދައްކަންޖެހޭ ފައިސާ ކްލަޔަންޓު މެދުވެރިކޮށް ދެއްކޭނެ ގޮތް ހަމަޖައްސާ އެކަންކަމާ ބެހޭގޮތުން ދެފަރާތުން އަމަލު ކުރާނެ ގޮތްތަށް އެކުލަވައިލުމަށް ކަމަށެވެ.

މުވައްޒަފުންގެ ސްކީމްގެ ދަށުން އުމްރާއަށް ދިޔުމަށް ވެސް ފައިސާ ރައްކާ ކުރުމަށް ފުރުސަތުލިބޭނެ އެވެ. އަދި މުވައްޒިފުންގެ މައިންބަފައިންނާއި އަނބި ދަރިންނަށް ވެސް ފައިސާ ދެއްކުމުގެ ފުރުސަތު ލިބޭނެ އެވެ.