ހަބަރު

ސައުދީއަށް ދިން ހަމަލާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުލިބޭ

ސައޫދީ އަރަބިއްޔާގެ މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީ ކައިރީގައި މީހަކު އަމިއްލަ އަށް މަރުވެގެން ރޭ ދިން ބޮމުގެ ހަމަލާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ. ރޯދަ މަހާ ދިމާކޮށް އުމްރާވުމަށް ޓަކައި ގިނަ ދިވެހިން ސައުދީ އަރަބިއްޔާއަށްދެ އެވެ.

އެ މިނިސްޓްރީން ރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެހަމަލާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުލިބޭ ކަމަށާއި މައްކާގެ ހާލަތު މޮނީޓާ ކުރަމުންދާ ކަމަށެވެ. އެންމެ ގިނަ ދިވެހިން މައްކާއަށް ގެންދާ ހައްޖު ކޯޕަރޭޝަނުން ވެސް ބުނީ، ބޮމުގެ ހަމަލާ ހިނގި އިރު އެއްވެސް ދިވެއްސަކު މަދީނާގައި ނެތް ކަމަށާއި އެންމެން ވެސް ތިބީ މައްކާގައި ކަމަށެވެ. އުމުރާއަށް މީހުން ގެންދިޔަ އެހެން ޖަމާއަތްތަކުން ވެސް ބުނީ، އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.

މައްކާގައި އިއްޔެ ދިން ބޮމުގެ ހަމަލާތަކުގައި ހަތަރު މީހަކު ވަނީ މަރާލާފަ އެވެ. ހަރަމްފުޅަށް ފަހު، މުސްލިމުންގެ އެންމެ މާތް ބިނާ ކަމުގައިވާ މަސްޖިދުއް ނަބަވީގެ ބޭރުގައި ބޮން ގޮއްވާލާފައިވާއިރު ދެ ވަނަ ހަމަލާއެއް ދީފައި ވަނީ ޝިއައީންގެ މިސްކިތަކަށް އަމާޒުކޮށެވެ. އެއަށް ފަހު ޖިއްދާގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަށް އަމާޒުކޮށް އިއްޔެ ވަނީ ބޮމެއް ވަނީ ގޮއްވާލައިފަ އެވެ.

ސައޫދީގެ ދާހިލީ ވުޒާރާއިން މި ހަމަލާތައް ތަހުގީގުކުރަމުން އަންނައިރު ހަމަލާތަކުގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ. ނަމަވެސް ގިނަ ބަޔަކު ލަފާކުރާ ގޮތުން ސައޫދީގައި އިއްޔެ ދިން ބޮމުގެ ތިން ހަމަލާގެ ފަހަތުގައި ވެސް ވަނީ ޓެރަރިސްޓް ޖަމާއަތް އިސްލާމިކް ސްޓޭޓް އެވެ.