ހަބަރު

މި ސަރަހައްދަށް އައިއެސްގެ ނުރައްކާ ބޮޑީ ރާއްޖެއިން: އިންޑިއާ އިންޓެލިޖެންސް

އިންޑިއާ ކަނޑުގެ ސަރަހައްދުގައި، އައިއެސްގެ ނުރައްކާ އެންމެ ބޮޑީ، ބަންގްލަދޭޝްއަށް ވުރެ ވެސް ރާއްޖެއިން ކަމަށް އިންޑިއާގެ އިންޓެލިޖަންސް ރިޕޯޓުން ބުނެފި އެވެ.

ނޫސްތަކަށް އާންމުވެފައިވާ، އިންޓެލިޖެންސް ރިޕޯޓްތައް ބުނާ ގޮތުގައި، ރާއްޖެއިން ސީރިޔާއަށާއި އިރާގަށް ހަނގުރާމައަށް ދާމީހުންގެ އިތުރަށް ރާއްޖޭގައި އުޅޭ އައިއެސްއަށް ތާއީދު ކުރާ މީހުންގެ އަދަދު ވެސް 500 އަށް ވުރެއް ގިނަ ކަމަށެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ އައިއެސް އިން އަންނަނީ، އިންޓަނެޓާއި ސޯޝަލް މީޑިއާ ބޭނުންކޮށްގެން އެޖަމާއަތަށް ޒުވާނުން ވެއްދުމުގެ މަސައްކަތް ރާއްޖޭގައި ވަރަށް ބާރަށް ކުރަމުންނެވެ. އެ މީހުންގެ އެ މަސައްކަތް ވަރަށް ބޮޑަށް ކާމިޔާބުކަމައި ފުޅާ ކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.

"ރާއްޖޭގެ ސަލާމަތީ ބާރުތަކަށް މި ކަން ރަނގަޅަށް އެނގޭ. އަދި އައިއެސްގެ ނުފޫޒުން ކުޑަކުރުމަށް އެ އިދާރާތަކުން އަންނަނީ ރަނގަޅު ފިޔަވަޅު އަޅަމުން. އެހެން ނަމަވެސް އައިއެސްގެ ކުރިއެރުންތައް އެ ލިބެނީ އިންޑިޔާގެ ފަހަތުގައި އޮންނަ ގައުމަކަށް ވާތީ އެކަމަށް ވަރަށް ސަމާލުވާން ޖެހޭ،" ސީނިއާ އިންޓަލިޖަންސް އޮފިސަރަކާ ހަވާލާދީ އެ ނޫހުގައިވެ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ ދާދިފަހުން ބަންގްލަދޭޝްގެ ޑާކާ އަށް ދިން ހަމަލާގައި އައިއެސްގެ ނުފޫޒު އޮތް ނަމަވެސް އެމީހުންނަކީ ޖަމާއަތުލް މުޖާހަދީން ބަންގްލަދޭޝް (ޖޭއެމްބީ)ގެ ބައެއް ކަމަށެވެ. އަދި މި ރީޖަނަށް އައިއެސްގެ ބިރު އެންމެ ބޮޑަށް އޮތީ ރާއްޖެއިން ކަމަށް އެރިޕޯޓުތަކުގައި ބުނެފައިވެ އެވެ.

"މި މައްސަލައަކީ އެންމެ ގައުމަކަށް ކުރިމަތިވެފައި އޮތް ބިރެއް ނޫން. މުޅި މި ރީޖަންއަށް. އެހެންވެ އަޅުގަނޑުމެން މި އަންނަނީ ރާއްޖޭގެ ކައުންޓާ ޓެރަރިޒަމްއާ ކަމައި ބެހޭ މައުލޫމާތުތައް ހިއްސާ ކުރަމުން. އަދި އައިއެސްގެ ފުޅާ ކުރުމަށް އެމީހުން ކުރަމުން އަންނަ މަސައްކަތް ހުއްޓުވުމަށް ގުޅިގެން މަސައްކަތް ކުރަން ޖެހޭ،" އެ އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގެ ކައުންޓާ ޓެރަރިޒަމް ޔުނިޓުގެ މައުލޫމާތުތަކަށް ބިނާ ކޮށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައި ވަނީ އައިއެސް އަށް ދާމީހުންގެ އަދަދު 49 އަކަށް އަރައި ކަމަށެވެ. އަދި ޓެރަރިޒަމް ހުއްޓުވުމުގެ ސިޔާސަތެއް އެކުލަވައިލާ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން އެ ޔުނިޓް އުފެއްދި ފަހުން ހަނގުރާމައަށް ދާ ބައެއް މީހުން ހުއްޓުވައި ދައުވާ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ހައްދުފަހަނަ އަޅާ ދިއުމުގެ ފިކުރު ނައްތާލުމަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ރާވައިފަ އެވެ.