ހަބަރު

ވައިރޯޅިއެއްގައި މާފުށީ ޖަލުގެ ސެކިއުރިޓީ ފާރު ވެއްޓިއްޖެ

މާފުށީ ޖަލުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން އެ ޖަލުގެ ވަށައިގެން ރާނަމުން ދިޔަ ބޮޑު ފާރުގެ ބައެއް ވެއްޓިއްޖެ އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިނފޮމޭޝަން އޮފިސަރު ލުގުމާން ވިދާޅުވީ މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު މެންދުރު 1:30 ހާއިރު ކަމަށެވެ.

ލުގުމާން ވިދާޅުވީ އެ ފާރު ވެއްޓުނީ، މިދިޔަ ހޮނިހިރު ދުވަހު ބޯކޮށް ވާރޭވެހި އައި ކޮޅިގަނޑެއްގައި ކަމަށެވެ. ފާރުގެ 230 މީޓަރުގެ ބޮޑު ބައެއް ވެއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭގެ ސަބަބުން މީހަކަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާފުށީ ޖަލު ވަށައިގެން އަޅާ ބޮޑު ފާރު ރާނާއެއްކޮށް ނިމިފައި ހުރީ. ނަމަވެސް ސިމެންތި ނުޖަހާ ހުރީ. އެހެން ހުއްޓާ ހަމަ ވަރަށް ގަދަ ވައިގަނޑެއް އައިސް ފާރުގެ ބޮޑުބައެއް ވަނީ ވެއްޓިފައި. މީހަކަށް ގެއްލުމެއް ނުވޭ ނަސީބަކުން،" ލުގުމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހާދިސާއަށް ފަހު ކަރެކްޝަން އިން އަންނަނީ އެ ފާރުގެ ކޮންކްރީޓު މަސައްކަތް ކޮށްފައި ހުރީ ކިހާވަރަކަށްތޯ ބަލަމުން ކަމަށެވެ. އަދި އެ ފާރުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން، އެސެސްމަންޓް ހަދަމުން އަންނަ ކަމަށް ވެސް ލުގުމާން ވިދާޅުވި އެވެ.

އެ ފާރު ރާނަމުން އަންނަނީ ޖަލުގެ ގައިދީން ވެސް ބޭނުންކޮށްގެންނެވެ.