ހަބަރު

ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު ނުވާން އީސީ އިން މައުމޫން އަށް އަންގައިފި

ޕާޓީގެ އަސާސީ ގަވައިދާއި ޑިމޮކްރަސީގެ ހަމަތަކަށް ޕާޓީ ހިންގުމަށް އިލެކްޝަން ކޮމިޝަނުން ޕީޕީއެމްގެ ރައީސް މައުމޫންއަށް އަންގައިފި އެވެ. އީސީ އިން މިގޮތަށް އަންގާފައިވަނީ ޕީޕީއެމްގެ އާންމު މެންބަރަކު އެކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އީސީގެ މެންބަރު މުހައްމަދު ޝަކީލް "އަވަސް"އަށް ވިދާޅުވީ ޕީޕީއެމްގެ ގަވައިދުތަކާ ހިލާފު ނުވެ ޕާޓީ ހިނގުމަށް މައުމޫންއަށް މިއަދު ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. އަދި ޕާޓީ ހިނގުން ރަނގަޅުކޮށް އަސާސީ ގަވައިދާއި ޑިމޮކްރަސީގެ އުސޫލުތަކައި ހަމަތަކާއި އެއްގޮތަށް ޕާޓީ ހިނގުމަށް އެސީޓީގައި މައުމޫއަށް ނަސޭހަތް ދީފައިވާނެ ކަމަށް ވެސް ޝަކީލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަކި ފަޅިއަކަށް އަރައި އެންގި އެންގުމެއް ނޫން. މިއީ ޝަކުވާއެއް ހުށަހެޅިއްޖެ ނަމަ އެ މައްސަލައެއް ބަލައި އެކަން އިސްލާހު ކުރުމަށް އެފަރާތަކަށް އަބަދުވެސް އަންގަން،" ޝަކީލް ވިދާޅުވި އެވެ.

ޕީޕީއެމްގެ އަސާސީ ގަވައިދުތަކާ ހިލާފު ނުވާން އީސީ އިންވެސް މައުމޫންއަށް އަނގާފައިވާ އިރު ޕީޕީއެމްގެ އެތެރޭގައި ޖެހުނު މައްސަލަތަކެއްގައި ޕީޕީއެމްގެ ކައުންސިލާއި ކޮމިޓީތައް ސަސްޕެންޑްކޮށް ޕާޓީ ހިންގުމުގެ ހުރިހާ ބާރެއް މައުމޫން ވަނީ ނަންގަވައިފަ އެވެ. ޕާޓީ އިސްލާހު ކުރަން ޖެހޭ ކަމަށް ވިދާޅުވެ، މަޝްވަރާ މަޖިލީހެއް އުފައްދާ ޕާޓީ އިސްލާހުގެ މަގުޗާޓެއް މައުމޫން ވަނީ އާންމު ކުރައްވައިފަ އެވެ.