ހަބަރު

މައުމޫންގެ އެންގުމާ ހިލާފަށް ސުލޫކީ ކޮމިޓީ އިން ފާރިސްގެ މައްސަލަ ބަލަން ފަށައިފި

ދައްގަރު ދާއިރާގެ މެންބަރުން ފާރިޝް މައުމޫން އަށް ފިޔަވަޅު އެޅުމަކީ އިންސާފެއް ނޫން ކަމަށް ޕީޕީއެމްގެ ރައީސް މައުމުން އަބްދުލް ގައްޔޫމް ބުނެފައި ވަނިކޮށް ފާރިސްގެ މައްސަލަ ސުލޫކީ ކޮމިޓީ އިން ބަލަން ފަށައިފި އެވެ.

އިއުލާން ނުކޮށް ރައްތައް ދޫކުރުމާ ބެހޭ ބިލަށް ޕީޕީއެމްއިން ތްރީ ލައިން ވިޕެއް ނެރެފައި ވަނިކޮށް ފާރިޝް އެއާ ހިލާފުވީ މައްސަލަ ސުލޫކީ ކޮމިޓީ އިން ބެލުމަށް މިއަދު މެންދުރު، 2:00 އަަށް ފާރިސް ކޮމިޓީއަށް ހާޒިރުވުމަށް ވަނީ އަންގައިފަ އެވެ. އެހެން ނަމަވެސް އެ ކޮމިޓީއަށް ފާރިސް ހާޒިރުވި ކަމެއް ނޭނގެ އެވެ. އެ ކޮމިޓީގެ މުގައްރިރު މިއަދު ވިދާޅުވީ ސުލޫކީ ކޮމިޓީގެ މަސައްކަތްތަކުގެ މައުލޫމާތު މީޑިއާއަށް ނުދޭން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ސަރުކާރަށް ފާޑުވިދާޅުވީ ކަމަށް ބުނެ ވަޒީފާއިން ވަކިކުރި ޖެންޑާ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އާމިނަތު ނާދިރާ އާއި މާލޭ ސިޓީގެ މެމްބަރު ޒައިދުލް އަމީން ވެސް ވަނީ އެ ކޮމިޓީއަށް ހާޒިރުވާން އަންގައިފަ އެވެ. ސުލޫކީ ކޮމިޓީއަށް ނާދިރާ އާއި ޒައިދުލް އަމީންގެ މައްސަލަ ހުށަހަޅާފައި ވަނީ ސޯޝަލް މީޑީއާގައި ސަރުކާރަށް ފާޑުވިދާޅުވުމުންނެވެ.

މިކަމައި ގުޅޭގޮތުން ފާރިސް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޕީޕީއެމް އުފައްދާފައިވަނީ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ކަމަށާއި ނަމަވެސް އެ މަސައްކަތް ކުރުމަށް ލާ ވޯޓެއްގެ ސަބަބުން މެންބަރަކާ މެދު ޕާޓީން ފިޔަވަޅު އެޅުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި ޕާޓީގެ ގަވައިދާއި އެއްގޮތަށް ނުފޫޒުން އެއްކިބާވެ އިންސާފުވެރި ކަމާއިއެކު މައްސަލަ ބަލަންކުރާހުރިހާ މަސައްކަތަކަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީން ކަން ފާރިޝް ދެއްވި އެވެ.