ދިވެހި މީޑިއާ

ނޫހަށް ހަވީރު ނިއުސް އެޖެންސީން އިންވެސްޓެއް ނުކުރޭ: ޒާހިރު

ހަވީރު ނޫސް ކުރިއެރުވުމަށް ހަވީރު ނިއުސް އެޖެންސީގެ އެއްވެސް މީހަކު އެއްވެސް އިންވެސްޓެއް ކޮށްފައިނުވާ ކަމަށް ހަވީރު ނޫހުގެ ޗެއާމަންގެ މަގާމުގައި ހުންނެވި ޑރ. ޒާހިރު ހުސެއިން ވިދާޅުވެއްޖެ އެވެ. ޒާހިރު ހުސެއިން ވަނީ ހަވީރު ނިއުސް އެޖެންސީއަކީ އޭނާއާ ގުޅުމެއް އޮތް ކުންފުންޏެއް ނޫން ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ.

ހައިކޯޓުގައި ހަވީރު ނިއުސް އެޖެންސީގެ މިލްކިއްޔާތާ ގުޅޭ ގޮތުން ކޮށްފައިވާ ހުކުމުގައިވާ ކަންކަން ތަންފީޒު ކޮށްދިނުމަށް އެދި ހަވީރު ނިއުސް އެޖެންސީގެ ތިން ހިއްސާދާރުން ކަމަށްވާ އަބްދުﷲ ފާރޫގު ހަސަނާއި މުހައްމަދު ނައީމް އަދި އިބްރާހިމް ރަޝީދު މޫސާ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ކުރި ހުކުމާމެދު ކަންބޮޑުވުން ފާޅުކުރައްވާ ޒާހިރު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ނިއުސް އެޖެންސީއަކީ ފާރޫގާއި ނައީމް އަދި ރަޝީދުގެ ނަމުގައި އޮތް ކުންފުންޏެއް ކަމަށެވެ. އޭނާގެ ހިއްސާއެއް ނޯންނާނެ ކަމަށެވެ.

ޒާހިރު ވިދާޅުވީ، ހަވީރު ނިއުސް އެޖެންސީއެއް އުފައްދަން ހިޔާލު ކުރެވި އެ ހިޔާލަށް އެއްބަސްވި އެއްބަސްވުމުގައި ސޮއި ކުރެއްވި ކަމަށެވެ. ނަމަވެސް އެ ކުންފުނި ރަޖިސްޓްރީ ކުރިއިރު މަސްއޫލުވެރިންގެ ތެރޭގައި އޭނާ ނުހިމެނޭނެ ކަމަށެވެ. އަދި ހަވީރު ނޫހާއި ހަވީރު ނިއުސް އެޖެންސީއަކީ މުޅިން ތަފާތު އެއްޗެއް ކަމަށް ވިދާޅުވި އެވެ.

ހަވީރު ނިއުސް އެޖެންސީއަކީ ވިޔަފާރީ އުސޫލަށް އުފެއްދި ތަނެއް ނޫން ކަމަށާއި އެއީ ނޮން ޕްރޮފިޓް އުސޫލުން ޖަމާއަތެއްގެ ގޮތަށް ގާއިމުކުރެވުނު ތަނެއް ކަމަށް ވެސް ޒާހިރު ވިދާޅުވި އެވެ. ޒާހިރު ވިދާޅުވީ، އެފަދަ ޖަމާއަތަކުން ހަވީރުގެ މުދާ އޭގެ ތެރެއަށް ވައްދަން 30 އަހަރު ފަހުން ކުރާ ދައުވާ އަކީ އެއްވެސް އަސާސެއް ނެތް ދައުވާއެއް ކަމަށެވެ.

ޒާހިރު ވިދާޅުވީ ހަވީރު ނިއުސް އެޖެންސީއަކީ ނަމެއްގައި އޮތް ތަނެއް ކަމަށާއި އެތަނަކީ ހިނގާ ތަނެއް ކަމުގެ ހެއްކެއް ނެތް ކަމަށް ހަސްމުންގެ ވަކީލުން އިއުތިރާފު ވެފައިވާ ކަމަށެވެ.

ނިއުސް އެޖެންސީގެ ތިން ހިއްސާދާރުން ސިވިލް ކޯޓަށް މައްސަލަ ވެއްދުމާ ގުޅިގެން ހަވީރު ނޫސް ހިންގުން ވަނީ ހުއްޓާލާފަ އެވެ. އަދި އެ މައްސަލާގައި ކުރި ހުކުމުގައި ވަނީ ހަވީރުގައި މަސައްކަތްކުރި އެއްވެސް މުވައްޒަފަކު ހަވީރު ނޫން އެހެން މީޑިއާއެއްގައި މަސައްކަތް ކުރުން ދެ އަހަރު ދުވަހަށް މަނާކޮށްފަ އެވެ. ހަވީރު މުވައްޒަފުން މިހާރު މަސައްކަތް ކުރަމުން ދަނީ "މިހާރު" ނޫހުގަ އެވެ.

ތިން ހިއްސާދާރުން މި މައްސަލަ ސިވިލް ކޯޓަށް ވެއްދީ ހަވީރަށް ލިބިފައިވާ އާމްދަނީގެ ތަފްސީލު ސާފުކުރުމަށާއި ހިއްސާދާރުންނަށް ހައްގުވާ ލިބިފައިވާ ސާފު ފައިދާ އޮޅުންފިލުވަން ކަމަށްވީ ނަމަވެސް ހުކުމުގައި ސާފުފައިދާގެ އަދަދާއި ހަވީރަށް މިހާތަނަށް ލިބުނު ފައިސާގެ އަދަދު ހިމަނާފައިނުވާކަން ފާހަގަކޮށްލެވެ އެވެ.